Roadha Mihaaru
އިންޑިއާގެ މައްސަލަ ހައްލުވާނީ ސުލްހަވެރިކޮށް: މުއިއްޒު

އިންޑިއާއާ އެކު ގާތް ގުޅުމެއް ބާއްވައި ސިފައިންގެ މައްސަލަ ހައްލުކުރާނީ ސުލްހަވެރިކަމާއެކު: މުއިއްޒު

11 ނޮވެމްބަރ 2023

އިންޑިއާ އެކު އަބަދުވެސް ގާތް ރަހުމަތްތެރިކަމުގެ ގުޅުމެއް ބާއްވާނެ ކަމަށާއި ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިން އަނބުރާ ފޮނުވާލުމުގެ ކަންކަން ހައްލުކުރާނީ އެ ގުޅުމަށް އިހުތިރާމުކޮށް، ވަރަށް ސުލްހަވެރިކަމާ އެކުގައި ކަމަށް އަންނަ ހުކުރު ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިންތިހާބީ ރައީސް ރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާ އެކު އަބަދުވެސް ގާތް ރަހުމަތްތެރިކަމުގެ ގުޅުމެއް ބާއްވާނެ ކަމަށާއި ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިން އަނބުރާ ފޮނުވާލުމުގެ ކަންކަން ހައްލުކުރާނީ އެ ގުޅުމަށް އިހުތިރާމުކޮށް، ވަރަށް ސުލްހަވެރިކަމާ އެކުގައި ކަމަށް އަންނަ ހުކުރު ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިންތިހާބީ ރައީސް ރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ،ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ކަށަވަރުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ފާއިތުވި ދުވަސްތަކުގައި ކުރެއްވި މަސައްކަތްޕުޅުން އެކަން ކުރެވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑަށް ޔަގީން އެހެން ހުރިހާ ގައުމަކުން ވެސް ބޭނުންވާނީ ރާއްޖެ އަކީ ޑިމޮކްރަސީ އަށް ލޯބިކުރާ، ސުލްހަ އަށް ލޯބިކުރާ، ތަރައްގީއަށް ލޯބިކުރާ، ތަރައްގީވަމުން އަންނަ އަދި ތަރައްގީ ހާސިލްކުރާ ގައުމަކަށް ވާން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެސްއެމް އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ޓީމް މުއިއްޒު

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެސްއެމް އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ޓީމް މުއިއްޒު

މުއިއްޒު ވިދާޅުވި ގޮތުގައި، ރާއްޖެ އަކީ ސުލްހަވެރިކަން ގެއްލި، ތަރައްގީ ހުއްޓިފައިވާ ބަޔަކަށް ވެ، ހަމަނުޖެހުން އުފެދިފައި އޮތް ތަނަކަށް ވެއްޖެ ނަމަ އެކަމުން ރާއްޖެ އަށް ވެސް އަދި މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ލިބޭނެ އެއްވެސް މޮޅެއް ނެތެވެ.

މިދިޔަ ސެޕްޓެމްބަރު މަހު 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ދިވެހިން ވަނީ ޑިމޮކްރެޓިކް ނިންމުމެއް ނިންމާފައި ކަމަށާއި އެ ނިންމުމަށް ހުރިހާ ގައުމަކުން ވެސް އިހުތިރާމް ކުރާނެ ކަމުގެ ފުރިހަމަ ޔަގީކަން އެބައޮތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމާ، އަޅުގަނޑު އިރާދަކުރެއްވިޔާ ޑިމޮކްރަސީގެ ރިވެތި، ރީތި އުސޫލުތަކުން ސުލްހަވެރިކަމާ އެކީގައި ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުގައި މާ ލަސްތަކެއްނުވެ ރައްޔިތުން މި އެދޭ ގޮތަށް، އެއް ކަމަކަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލާނަން. އެކަމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކާމިޔާބުވާނެ،" އިންތިހާބީ ރައީސް ޔަގީންކަން ދެއްވި އެވެ.

"ސުލްހަވެރިކަމާ އެކީގައި މިއުޗުއަލް ބެނެފިޓް، ރާއްޖެ އަށް ވެސް، އިންޑިއާ އަށް ވެސް، އޭގައި އެންމެ ފައިދާ ހުރި ގޮތުގައި، އެއީ އަޅުގަނޑުމެންނާއި އިންޑިއާ މިއީ ދުރު ނުކުރެވޭނެ ގާތް ގުޅުމެއް އޮތް ދެ ގައުމު. އަޅުގަނޑުމެންނަށް އެތައް އެހީތެރިކަމެއް މީގެ ކުރީގައި ވެސް ފޯރުކޮށްދިފައިވާ ގައުމެއް. އަދި މިހާރު ވެސް ފޯރުކޮށްދެމުން ދޭ. ކުރިއަށް އޮތް ތަނުގައި ވެސް އެ ގުޅުން އޮންނާނެ."

މުއިއްޒު ވިދާޅުވި ގޮތުގައި، ހުރިހާ ވެސް މައްސަލައަކީ މިހާރުގެ ސަރުކާރުން ގެންގުޅޭ ހާރިޖީ އަދި އިގުތިސާދީ ސިޔާސަތުތަކެވެ. އެ ނޫން އިތުރު އެއްވެސް މައްސަލައެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެސްއެމް އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ޓީމް މުއިއްޒު

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެސްއެމް އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ޓީމް މުއިއްޒު

މުއިއްޒުގެ ވެރިކަމުގައި އިންޑިއާ ވެސް އަދި އެހެން ހުރިހާ ގައުމުތަކަކާ ވެސް ގުޅިގެން މަސައްކަތް ކުރުމުގައި އިސްކުރައްވާނީ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މި މައްސަލަ ކިހިނެއްތޯ ހައްލުކުރާނީ އިންޑިއާއާ ވާހަކަ ނުދައްކާ. އަޅުގަނޑު ހަމަ ބޭނުންވަނީ ވެސް ވީހާ ވެސް ބޮޑަކަށް އިންޑިއާއާ ގާތުން ވާހަކަ ދައްކައިގެން މި މައްސަލަ ހައްލު ކުރަން. މަގުމަތިން ހާސިލުކުރެވޭނެ ކަމެއް ނޫން މީކީ. އެހެންވެ، ރައްޔިތުން މިހާރު ވަނީ ސަރުކާރުގެ ނިޒާމުގެ ތެރެއިން މިކަން ކުރަން ނިންމައިފައި،" މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ވިދާޅުވީ ވެރިކަން ބަދަލުކުރުމަށް މި ހިނގާ އިންތިގާލީ މަރުހަލާގެ ތެރެއިން ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުކުރެއްވުންތަކުގައި ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކޮށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ ކަންކަން ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުފުޅު ކުރެއްވިއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.

"އިންޑިއާ އިން ގަބޫލު ކުރޭ ރާއްޖޭގެ ރައްޔިތުންގެ މި ޑިމޮކްރެޓިކް ނިންމުން. މިއީ ރައްޔިތުން ބޭނުންވާ ގޮތްކަން،" އިންތިހާބީ ރައީސް ވިދާޅުވި އެވެ.

އަންނަ ހުކުރު ދުވަހު އަލަށް އުފައްދާ، އިންތިހާބީ ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ މައްސަލާގައި އެ ގައުމަށް ދޫނުދޭނެ ކަމަށް ކުރިން ވެސް ބުނެފަ އެވެ. މުއިއްޒުގެ ވެރިކަމުގެ އެންމެ ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަންކަމުގެ ތެރޭގައި ވެސް އިންޑިއާގެ ސިފައިން ފޮނުވާލުން ހިމެނެ އެވެ. އެ މަނިކުފާނު ތަކުރާކޮށް ވިދާޅުވަމުން ގެންދަވަނީ އެކަން ކުރައްވާނީ ޑިޕްލޮމަސީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

އިންޑިއާ ސަރުކާރުން ވަނީ ރާއްޖޭގައި އުފައްދާ އާ ސަރުކާރަށް އެ ގައުމުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.