Roadha Mihaaru
އީގަލްސް އޮތީ ރަނގަޅަށް ތައްޔާރު ވެފަ: މޯހަން

އަބަހާނީއާ ދެކޮޅަށް އީގަލްސް އޮތީ ރަނގަޅަށް ތައްޔާރު ވެފަ: މޯހަން

16 އޯގަސްޓް 2023

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން ރާއްޖޭގެ ކްލަބް އީގަލްސް އޮތީ ތައްޔާރަށް ކަމަށް ކަމަށް ކްލަބްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން ރާއްޖޭގެ ކްލަބް އީގަލްސް އޮތީ ތައްޔާރަށް ކަމަށް ކަމަށް ކްލަބްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ބަންގްލަދޭޝްގައި އަބަހާނީއާ ދެކޮޅަށް އީގަލްސް ކުޅޭ ޕްރިލިމިނަރީ ދެވަނަ ބުރުގެ މެޗު ފަށާނީ މިއަދު މެންދުރު ރާއްޖެ ގަޑިން 2:15 ގައެވެ. ޕްލޭއޮފުން ފުރުސަތު ލިބޭނީ މި މެޗު ކާމިޔާބު ކޮށްގެންނެވެ.

"އަހަރެމެން އައީ މޮޅުވާން. ތައްޔާރީތައް ވެސް ވަރަށް ރަނގަޅަށް ދިޔައީ. މިތަނަށް (ބަންގްލަދޭޝް އަށް) އޮގަސްޓް 11 ގައި އައީ ވެސް މިތާނގެ މާހައުލާއި ކެއުމަށް ހޭނިލަން. އެހެންވެ މެޗުން ރަނގަޅު ނަތީޖާއަކަށް އުންމީދު ކުރެވޭ،" ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތީ) ބަލިވެ އުޅޭތީ، ޖޫން މަހު އީގަލްސްއާ ހަވާލުވި ކޯޗު މޯހަން އިއްޔެގެ ޕްރެސްގައި ބުންނެވެ.

މި ސީޒަންގައި އީގަލްސް ވަނީ ބިދޭސީ ހަ ކުޅުންތެރިން އެޓީމަށް ގެނެސްފަ އެވެ. އޭގެ ތެރެއިން ބަންގްލަދޭޝް އަށް ދަތުރު ކުރީ ފަސް ކުޅުންތެރިންނެވެ. އެޓީމަށް ކުޅޭ ސްރީލަންކާގެ ފުލްބެކް ރުސްކާން މުހައްމަދު މުޖުބުއްރަހްމާން، ބަންގްލަދޭޝް އަށް ފުރި ސްކޮޑުގައި ނުހިމަނަ އެވެ. ނަމަވެސް ޖަޕާނު މިޑްފީލްޑަރު އޭސޫކޭ މޯރީ އާއި ބްރެޒިލް ފޯވާޑް އިވާން ކާލޯސް އަދި އުޒްބަކިސްތާނުގެ އަބްދުއްރަހީމް އުގްލީ އަބްދުމާލިކް އާއި މުރޯދު ޓީޗިބައޭވްގެ އިތުރުން މިލޯވާން ޕެޓްރޮވިޗް ޓީމުގައި ހިމެނެ އެވެ.

އަބަހާނީ ޓީމަށް މި ސީޒަންގައި ކުޅޭ ބިދޭސީ 10 ކުޅުންތެރިންގެ ތެރެއިން ހަ ކުޅުންތެރިން މި މެޗުގައި ބޭނުން ކުރާނެ އެވެ. އެޓީމުގެ ކޯޗު، ޕޯޗުގަލްގެ މާރިއޯ ލެމޯސް ވެސް ވަނީ މެޗުން މޮޅެއް ނޫން އިތުރު ނަތީޖާއަކަށް އުންމީދު ނުކުރާ ކަމަށް ބުނެފަ އެވެ.

"އެއް މެޗު ކުޅެން ޖެހޭތީ މޮޅުވުން ނޫން ކަމަކަށް ނުވިސްނަން. އޭއެފްސީ ކަޕަކީ އަބަދުވެސް ހާއްސަ މުބާރާތެއް. އަހަރެމެން ބިދޭސީ ހަ ކުޅުންތެރިން ބޭނުން ކުރާނަން. އެ ކުޅުންތެރިން ދަސްކޮށް، ކުޅުންތެރިންގެ ބެސްޓު ނެރެވޭތޯ މަސައްކަތް ކުރަން. ޓެކްނިކަލީ ބައެއް ކަންކަން ބަދަލު ކޮށްލައިފިން، އެއީ މެޗުން މޮޅުވުން ނޫން ގޮތެއް ނެތީމައި،" އަބަހާނީގެ ކޯޗު ބުންޏެވެ.

"ޓީމުގެ ކުޅުންތެރިން، އަތްވާއި ވާރޭ ތެރޭ ވެސް އެއްވެސް ބަހަނާއެއް ނުދައްކާ ކުޅޭނެ. ވާރޭ ވެހިއްޖެ ނަމަ ރީތި ގޭމަކަށް ވުރެ ބޮޑަށް އާދައިގެ ގޭމެއް އެމީހުން ކުޅެން ޖެހޭނީ، އެއީ ވާރޭ ވެހިފައި އޮންނައިރު އަބަދު ބޯޅަ އޮންނާނީ ހުއްޓިފައި."

ރާއްޖޭގެ އެންމެ ފަހު ތިން ސީޒަންގެ ތެރެއިން ދެ ސީޒަނުގައި ލީގުގެ ދެވަނަ ހޯދި އީގަލްސް ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕް ކޮލިފައިން ކުޅުނީ 2021 ވަނަ އަހަރު އެވެ. އެފަހަރު ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީ ބަލިކުރި ނަމަވެސް ޕްލޭއޮފްގައި ބަލިވީ އިންޑިއާގެ ބެންގަލޫރު އެފްސީ އަތުންނެވެ.

މިއަހަރުގެ ކޮލިފައިން އަށް އީގަލްސް ވަނީ މި ސީޒަންގެ ކުރީކޮޅު ކްލަބް ވެލެންސިއާ އާއެކު ޕްރެކްޓިސް ކުރި ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ)ގެ ސޮއި ވެސް ހޯދައިފަ އެވެ.

އީގަލްސް އެންމެ ފަހުން ކުޅުނީ މީގެ ހަފްތާއެއް ކުރިން ލީގުގައި މާޒިޔާއާ ދެކޮޅަށެވެ. އެ މެޗުގައި އީގަލްސް ދެ ގޯލުޖަހައި ލީޑު ނަގާފައި ވަނިކޮށް މާޒިޔާ ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައިގެން އެއްވަރު ކޮށްފަ އެވެ.

ބްރެޒިލް ފޯވާޑް އިވާން އާއެކު އީގަލްސްގެ ކުރިއަށް ކުޅޭ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އާއި އަހުމަދު ރިޒުވާން (ރިޒޭ) އަންނަނީ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ރިޒޭ ވަނީ ލީގުގެ ފުރަތަމަ ބުރުގެ ހަތް މެޗުގައި ކުޅުނު ހުރިހާ ޓީމެއް ކޮޅަށް ގޯލު ޖަހައި، ލީގުގައި މިހާތަނަށް 10 ގޯލު ހަމަކޮށްފަ އެވެ.