Roadha Mihaaru
މާޒިޔާ އަތުން ބަލިވުމުން ޓީމަށް އަސަރު ކުރި: ޗެތުރީ

މިދިޔަ އަހަރު މާޒިޔާ އަތުން ބަލިވުމުން ޓީމަށް އޭގެ އަސަރު ކުރި: ޗެތުރީ

14 އޯގަސްޓް 2021

އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި މިދިޔަ އަހަރު ރާއްޖޭގެ މާޒިޔާ އަތުން ބަލިވުމުން އޭނާގެ ޓީމަށް އޭގެ އަސަރު ކުރި ކަމަށް ބެންގަލޫރު އެފްސީގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި މިދިޔަ އަހަރު ރާއްޖޭގެ މާޒިޔާ އަތުން ބަލިވުމުން އޭނާގެ ޓީމަށް އޭގެ އަސަރު ކުރި ކަމަށް ބެންގަލޫރު އެފްސީގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފި އެވެ.

އޭއެފްސީ ކަޕް ޕްލޭއޮފް މެޗުގައި މާޒިޔާ އަތުން މިދިޔަ އަހަރު ބަލިވެ ގުރޫޕް ސްޓޭޖަށް ބެންގަލޫރަށް ނުވަދެވުނެވެ. މިއަހަރުގެ ޕްލޭއޮފް މެޗުގައި މާދަމާ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ބެންގަލޫރު ނުކުންނާނީ ކްލަބު އީގަލްސްއާ ދެކޮޅަށެވެ.

"މާޒިޔާ އަތުން ބަލިވީމަ އަހަރެމެންނަށް އަހަރެމެންގެ ކަންކަން ދިޔައީ އެންމެ ރަނގަޅަކަށް ނޫން. ސަބަބަކީ އަހަރެމެން ގަބޫލު ކުރަނީ އަމިއްލަ ދަނޑުގައި އަހަރެމެން ވަރުގަދަ ވާނެ ކަމަށް. އެކަމަކު އަހަރެމެންނަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު،" މާދަމާ ރޭ އީގަލްސް އާ ދެކޮޅަށް ކުޅޭ މެޗުގެ ޕްްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ޗެތުރީ ބުންޏެވެ. "މިހާރު އޭގެ ފަހު ދެ އަހަރު (ދޮޅު އަހަރު) ވީ. މިހާރު އެ މެޗަކީ މާޒީ. އޭގެ އަސަރެއް މިހާރަކު ނެތް. އަހަރެމެންގެ ކޯޗުން ސްޓާފުންނާއި ޓެކްނިކަލް ސްޓާފުން ބަދަލުވެއްޖެ. ފުޓްބޯޅައިގައި ކުރިން ވެފައިވާ ކަމަކުން ކުރިއަށް ހުރި މެޗުތަކަކަށް އަސަރެއް ނުކުރާނެ. އަނެއްކާވެސް މި ނުކުންނަނީ އާ މުބާރާތަކަށް. މިފަހަރު ކާމިޔާބު ހޯދަން އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތް ކުރާނަން."

ބެންގަލޫރުން އެންމެ ފަހުން މެޗެއް ކުޅުނީ އޭއެފްސީ ކަޕް ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުގައި ނޭޕާލްގެ އާމީ ކްލަބާ ދެކޮޅަށެވެ. ޗެތުރީ ބުނީ އަލުން މެޗެއް ކުޅެން ފުރުސަތު ފަހިވެގެން ދިއުމުން ޓީމަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.

އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ކުރިއަށް ގެންދިޔަ ހަތަރު ހަފުތާގެ ޓްރޭނިން ކޭމްޕާއެކު ޓީމަށް ކުރިއެރުން ލިބިގެން ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ. އޭއެފްސީ ކަޕަށް ތައްޔާރު ވުމަށް ބެންގަލޫރުން ވެސް ވަނީ ގިނަ ޓްރާންސްފާތަކެއް ހަދައިިފަ އެވެ. ޗެތުރީ ބުނީ އީގަލްސަށް އައި ބަދަލުތަކަކީ ކޮބައިކަން މާބޮޑަށް އޭނާ އަށް ނޭނގޭ ކަމަށެވެ.

"ކުޅުންތެރިންތަކެއްގެ ހައިސިއްޔަތުން އަހަރެމެން ވިސްނާ ކަމަކީ ފުރަތަމަ 11 އަށް އެރުމަށް ވާދަ ކުރުމާއެކު ސެލެކްޝަންގައި ކޯޗަށްް އުނދަގޫވާ ވަރަށް ވާދަވެރިކަން ބޮޑު ކުރަން،" އޭނާ ބުންޏެވެ.

ބެންގަލޫރު ވަނީ އޭއެފްސީ ކަޕް 2016 ގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން އެ މުބާރާތުގައި އެހާ ހިސާބަށް ބެންގަލޫރަށް ދެވިފައެއް ނުވެ އެވެ. އެކަން ހާސިލު ނުވުމުގައި ބެންގަލޫރަށް މަދު ވަނީ ކޮން ކަމެއްތޯ ސުވާލު ކުރުމުން ޗެތުރީ ބުނީ ކުޅެން ޖެހޭ ލެވަލްގައި ނުކުޅެވުން ކަމަށެވެ. އޭނާ ބުނީ އޭއެފްސީ މުބާރާތްތަކަށް ބެންގަލޫރުން ހާއްސަ ސަމާލު ކަމެއް ދޭ ކަމަށެވެ.

"މި ބުނަނީ އެހެން މެޗުތަކަށް ދޭ ސަމާލުކަން ކުޑައެކޭ ނޫން. އެކަމަކު އޭއެފްސީ މުބާރާތްތަކަށް އަހަރެމެން ވަރަށް ބޮޑު ސަމާލުކަމެއް ދެން."