Roadha Mihaaru
ހިޔާގެ ބާކީ ފްލެޓްތައް ލިބުނު މީހުންގެ ގުރު ނަގައިފި

ހިޔާގެ ބާކީ 145 ފްލެޓް ލިބުނު މީހުންގެ ގުރު ނަގައިފި

20 އޯގަސްޓް 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުން އެކި ސަބަބުތަކާ ހެދި ނުދީ ހުރި ފްލެޓްތައް ދޫކުރަން ގުރުއަތު ނަގަން މިއަދު ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުން އެކި ސަބަބުތަކާ ހެދި ނުދީ ހުރި ފްލެޓްތައް ދޫކުރަން ގުރުއަތު ނަގަން މިއަދު ފަށައިފި އެވެ.

ހިޔާ ފްލެޓުތަކުގެ ތެރޭގައި އެއްވެސް ބަޔަކާ ހަވާލު ނުކުރާ 145 އެޕާޓްމަންޓް އެބަހުއްޓެވެ. އެއީ ހިޔާ ސްކީމުގެ ސިވިލް ސާވިސް ކެޓަގަރީން 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިފައިވާ މީހުންނާއި އެހެނިހެން ސަބަބުތަކާ ހެދި ދޫނުކޮށް ހުރި ފްލެޓްތަކެވެ.

ހިޔާގެ ބާކީ ހުރި ފްލެޓްތައް ދޫކުރަން ނިންމީ މި ސަރުކާރުންނެވެ. ފްލެޓްތައް ދޭނީ ހައުސިން މިނިސްޓްރީން އަންގާ ގޮތަށް، ރިޒާވް ލިސްޓަކަށް ކަމަށް އެ މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

އާބަންކޯގައި ގުރު ނެގުން ކުރިއަށް ގެންދިޔައިރު މިއަދު ވަނީ ސިވިލް ސާވިސް ކެޓަގަރީއާ އެކު 145 ފްލެޓުގެ ގުރު ނަގައިފަ އެވެ.

ޔާމީންގެ ސަރުކާރުން ނިންމީ ސިވިލް ސާވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި 50 ޕޮއިންޓަށް ވުރެ ދަށުން މާކްސް ލިބުނު މީހުންނަށް ފްލެޓް ހަވާލުނުކުރުމަށެވެ. އެ ކެޓަގަރީން ފްލެޓް ހަވާލުނުކޮށް 45 މީހުން ތިއްބެވެ. އެ ކެޓަގަރީ ފިޔަވައި ހިޔާ ސްކީމުގެ އެހެން އެއްވެސް ކެޓަގަރީއެއްގައި ދާއިމީ ލިސްޓްގައި 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބުނު މީހުންގެ ގޮތުގައި ނަން ހިމަނާފައެއް ނުވެ އެވެ.

ސިވިލްސާވިސް ކެޓަގަރީއަކީ މިނިސްޓްރީތަކާއި މާލެ ސިޓީ ކައުންސިލު ހިމެނޭގޮތަށް ކޮންމެ އޮފީހަކަށް ވަކި އަދަދެއް ކަނޑައަޅައިގެން އެ އޮފީސްތަކުގެ ފަންނީ، އިދާރީ އަދި ސަޕޯޓް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް އަދަދު ކަނޑައަޅައިގެން ކުރިޔަށް ގެންގޮސްފައިވާ ކެޓަގަރީއެކެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެޅީ 7،000 ފްލެޓެވެ. މީހުން އުޅެން ދޫކޮށްފައި ވަނީ 6،720 ފްލެޓެވެ. ވިޔަފާރި އާއި އެ ނޫން ވެސް އެކި ހިދުމަތްތައް ދިނުމަށް ކޮންމެ ފްޓަވަރެއްގެ ގްރައުންޑް ފްލޯ ވަނީ ހާއްސަ ކޮށްފަ އެވެ.