Roadha Mihaaru
ހިޔާ ފްލެޓްގެ ފިނިޝިންގެ ފައިސާ ދޭ ގޮތް ބަލަނީ

ހިޔާ ފްލެޓްގެ ފިނިޝިން އަށް 200،000ރ. ދެނީ ކިހިނެއްތޯ މިނިސްޓަރާ މަޖިލީހުން ސުވާލުކުރަނީ

29 ނޮވެމްބަރ 2023

ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތަށް ހަރަދުވި 200،000ރ. އެތަނުގައި ދިރިއުޅޭ މީހުންނަށް ދޭން އާ ސަރުކާރުން ރާވާފައިވާ ގޮތް ސާފުކުރުމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުއާ ސުވާލުކުރަން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު މިއަދު ހުށަހަޅުއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތަށް ހަރަދުވި 200،000ރ. އެތަނުގައި ދިރިއުޅޭ މީހުންނަށް ދޭން އާ ސަރުކާރުން ރާވާފައިވާ ގޮތް ސާފުކުރުމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުއާ ސުވާލުކުރަން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު މިއަދު ހުށަހަޅުއްވައިފި އެވެ.

ނިޔާޒު ހުށަހެޅުއްވި ސުވާލުގައި ވަނީ ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތަށް ހަރަދުވި ފައިސާ ދޭން ރާވާފައިވާ ގޮތާއި އެ ފައިސާ ދޭން ކަނޑައަޅާ މުއްދަތަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެދިފަ އެވެ.

ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތަށް ހަރަދުވި 200،000ރ. ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވީ ވެސް ކެމްޕެއިންގެ ތެރެއިން ހިޔާ ފްލެޓްތަކުގެ ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވަ އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އިއްޔެ އައްޔަންކުރެއްވި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް ވަނީ ރައީސްގެ ވައުދާ އެއްގޮތަށް އެ ފައިސާ ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހެދި 7،000 ފްލެޓް ހިމެނޭ ހިޔާ ފްލެޓްތައް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގައި ހަވާލުކުރީ ފިނިޝިންގެ އެއްވެސް މަސައްކަތެއް ނުނިންމަ އެވެ. އެކަމާ ގުޅިގެން އިބޫގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

މިދިޔަ މެއި މަހު ސަރުކާރުން ވަނީ ހިޔާ ފްލެޓްތަކުގެ ކުލި 6،300ރ. އަށް ކުޑަކޮށްފަ އެވެ. ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ކުރިން 8،500ރ. ދައްކަން ޖެހެ އެވެ. އެ ބަދަލާ އެކު ހިޔާ ފްލެޓް މުޅި ލޯނުގެ މުއްދަތު 25 އަހަރުން 27 އަހަރަށް ވަނީ އިތުރުކޮށްފަ އެވެ.

މި ކުލި، އެއަށް ވުރެ ވެސް ކުޑަކޮށްދޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ކެމްޕެއިންގައި ވައުދުވެވަޑައިގެންފަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ހިޔާ ފްލެޓްގެ ކުލި 5،600ރ. އަށް ކުޑަކޮށްދެއްވާނެ ކަމަށެވެ.

ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމުން، އެ ހަރަދު ހަމަޖައްސަން އަންނަ އަހަރުގެ ބަޖެޓުގައި 177 މިލިއަން ރުފިޔާ ވެސް ވަނީ ކަނޑައަޅައިފަ އެވެ.

ހިޔާ ފްލެޓްތައް އެޅީ 400 މިލިއަން ޑޮލަރު (ހަ ބިލިއަން ރުފިޔާ)ގެ ބޮޑު ލޯނެއް ނަގައިގެންނެވެ.