Roadha Mihaaru
ޑރ. މުނައްވަރު، ޑރ. މުއިއްޒުގެ ފަހަތަށް

ޑރ. މުނައްވަރު، ޑރ. މުއިއްޒަށް ތާއިދުކުރައްވަން ނިންމަވައިފި، މާދަމާ އައްޑު އަށް

20 އޯގަސްޓް 2023

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން ކުރިން އިއުލާން ކުރެއްވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން ކުރިން އިއުލާން ކުރެއްވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

މުއިއްޒަށް ކެމްޕޭން ކޮށްދެއްވުމުގެ ފުރަތަމަ ދަތުރުގައި މުނައްވަރާއި އޭނާގެ ޓީމު މުއިއްޒާ އެކު މާދަމާ އައްޑު އަށް ވެސް ވަޑައިގަންނަވާނެ އެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން އުޅުއްވުމަށް ފަހު، އެ ވިސްނުން ދޫކޮށްލައްވައި މި ފަހަރު ކުރިމަތިނުލައްވަން ނިންމެވި، އައްޑޫ މީދު އަށް އުފަން މުނައްވަރު، މުއިއްޒަށް ތާއިދުކުރައްވަން ނިންމެވިކަން އޭނާ "މިހާރު" އަށް މިއަދު ކަށަވަރުކޮށްދެއްވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 10 އަހަރު ވަންދެން ބަންޑާރަ ނައިބުކަން ކުރެއްވި މުނައްވަރު ވިދާޅުވި ގޮތުގައި، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލު ބޭފުޅެއް ކަމަށް އޭނާއަށް ފެނިވަޑައިގަންނަވަނީ މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒެވެ.

މުނައްވަރަކީ ޕީޕީއެމާ އެކު، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ން ނިންމި ނިންމުމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ ވެސް މެ އެވެ. މުއިއްޒަށް ތާއިދު ކުރައްވަން މުނައްވަރު ނިންމެވި އެއް ސަބަބަކީ ވެސް އެއީ އެވެ.

"ވާ ގޮތަކީ މިހާރު އަޅުގަނޑަށް މުހިންމީ ގައުމީ މައްސަލަތައްތާ. އޭގެ ތެރެއިން، އެންމެ ބޮޑު މައްސަލައަކީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލައިގެން މި ވެރިން އުޅޭ މައްސަލަތާ. ދެން އެއާ ގައުމުގެ އެހެން މައްސަލަތަކަށް ބަލާއިރު ކަންކަން ކުރެވޭނީ ހަމައެކަނި، ކަނޑުގެ މައްސަލާގައި ވެސް އަޅުގަނޑުމެންނާއެކު މަސައްކަތްކުރި ޕީޕީއެމް/ޕީއެންސީ އަށް ކަމަށް ވާތީ، އެ މީހުން އެކަން ކުރާނެ ކަން އަޅުގަނޑަށް ވަރަށް ބޮޑަށް ޔަގީން،" މުއިއްޒަށް ތާއީދު ކުރައްވަން ނިންމެވި ސަބަބާ ގުޅޭ ގޮތުން މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވަނީ 2007 ގައި އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. ފަހުން އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު އެ ޕާޓީން ވަކިވެ، ދެން ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއާ އެވެ. ޖުމްހޫރީ ޕާޓީއާ ވެސް ދުރަށް ވަޑައިގެން މޯލްޑިވްސް ރިފޯމް މޫވަމަންޓުގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓީއެއް ވެސް އުފެއްދެވި އެވެ. އެކަމަކު ގާނޫނުގައި ބުނާ ޝަރުތުތައް ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލީ އެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން މުނައްވަރު ފަހުން ނިންމެވީ، މި ހާލަތުގައި އޭނާގެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނެ މާހައުލެއް އޮތް ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށް ވިދާޅުވެ އެވެ.

"ކުޅޭކުޅޭ ކަމަކަށް ނޫން އަޅުގަނޑުމެން މިކަމަށް މި މަސައްކަތްކުރީ، ވަރަށް ސީރިއަސްކޮށް ވަރަށް ގިނަ ސިޔާސަތުތަކަކާ އެކު ރައްޔިތުންނަށް ހައްލުތަކެއް ހޯދައިދޭން، އެކަމަކު އެކަންކަން ރައްޔިތުންނަށް ރަނގަޅަށް ކޮމިއުނިކޭޓް ކޮށްދެވޭނެ މާހައުލެއް ނެތް،" އޭނާ "މިހާރު" އަށް ވިދާޅުވެފައި ވެ އެވެ.