Roadha Mihaaru
"ކޮންމެ މީހަކު އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަވާނެ"

ކޮންމެ ދިވެހި ރައްޔިތަކު އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަވާނެ: މުއިއްޒު

01 އޮކްޓޯބަރ 2023

ހިޔާލު ތަފާތުވުންތައް ހުއްޓަސް، ކޮންމެ ދިވެހި ރައްޔިތަކީ އެ މަނިކުފާނުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތެއް ކަމުގެ ޔަގީން ކަން އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހިޔާލު ތަފާތުވުންތައް ހުއްޓަސް، ކޮންމެ ދިވެހި ރައްޔިތަކީ އެ މަނިކުފާނުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތެއް ކަމުގެ ޔަގީން ކަން އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފި އެވެ.

ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއާ އެކު، މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވި އެވެ. އެ ބައްދަލުކުރެއްވުން ބޭއްވީ ހ. މީރުމާ ހޯލްގަ އެވެ. އެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ އަމަލުތައް އަބަދުވެސް ބަހައްޓަވާނީ ވައުދުވެވަޑައިގެންނެވި ގޮތަށް ކަމަށެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް، ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލާންކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ކޮންމެ ދިވެހި ރައްޔިތަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތެއް. ކޮންމެ ޕާޓީއެއްގައި ހުއްޓަސް، އެއީ އަޅުގަނޑުގެ ކުރިމަތީގައި އެއީ ދިވެހި ލޮބުވެތި ރައްޔިތެއް. އެއްވަރަކަށް ހައްގު ލިބިގެން ވަނީ. އެއްވަރަކަށް ހުރިހާ ކަމެއްގައި ވެސް ހަމަހަމަކަން ލިބިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.

އަޅުގަނޑަށް އިތުބާރު ކުރެއްވެވި ހުރިހާ ބޭފުޅުންނާއި އަދި ހިޔާލު އެއްގޮތް ނުވި ނަމަވެސް ދެން ތިއްބެވި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ވެސް ޝުކުރު ދަންނަވަން: މުއިއްޒު

މުއިއްޒު ވިދާޅުވީ އިއްޔެގެ ނަތީޖާއަކީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށާއި ގައުމުގެ މިނިވަން ކަން ޔަގީން ކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އެ ނަތީޖާ އިން އެނގުނީ ގައުމުގެ މުސްތަގުބަލު އުޖާލާކުރުމަށްޓަކައި ރައްޔިތުން ބޭނުންވެފައި ތިބި ވަރު ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"... އަޅުގަނޑަށް އިތުބާރު ކުރެއްވެވި ހުރިހާ ބޭފުޅުންނާއި އަދި ހިޔާލު އެއްގޮތް ނުވި ނަމަވެސް ދެން ތިއްބެވި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ވެސް ޝުކުރު ދަންނަވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ސަޕޯޓަރަކާ އެކު ސެލްފީއެއް ނަންގަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުއިއްޒު ވިދާޅުވި ގޮތުގައި، މި ވަގުތަކީ އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތެވެ. ގައުމުގެ މަސްލަހަތު އަޅުގަނޑުމެންގެ ކޮންމެ މީހަކަށް ވުރެ މާ ބޮޑު ކަމަށާއި އެންމެންނަކީ ސުލްހަވެރި ބަޔަކަށް ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ. ގައުމަށް ހަމަޖެހުން ގެންނަން ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް އެއްބައިވަންތަކަން އިސްކުރަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ގައުމަށް ހަމަޖެހުން ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ދެއްވި އެވެ.

"އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަން ހިމާޔަތް ކުރެވޭނެ. އަޅުގަނޑުމެންގެ އިގްތިސާދު ނަގައި ކޮޅަށް ޖެހޭނެ. ކުރިއަށް މިއޮތް ދުވަސްތަކަކީ ރައްޔިތުން އުންމީދު ކުރާ ގޮތަށް ގެންދެވޭނެ ދުވަސްތަކެއް. އަޅުގަނޑުގެ ބަހާއި އަމަލު ދިމާވާނެ. އަޅުގަނޑުގެ ބަހުގެ އިތުބާރު ދަމަހައްޓާނަން. ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށް ސަރުކާރާއި ގައުމުގެ ކަންކަން ގެންދާނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަދުރޭ އާއި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ޓްރާންސިޝަން ޕީރިއަޑް ނުވަތަ ސަރުކާރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަދަލުކުރާ މުއްދަތުގެ ތެރޭގައި ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ބާރު ސްޕީޑުގައި ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ނޮވެމްބަރު 17 ގައި ގައުމުގެ ރަސްމީ މަސައްކަތާ އެ މަނިކުފާނު ހަވާލުވެވަޑައިގެން، ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ފައްޓަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއަދަކީ ރާއްޖެ އަށް ވަރަށް އުފާވެރި ދުވަހެއް. ރާއްޖެ އަނބުރާ ހޯދުމަށް ރައްޔިތުން ވަރުގަދަ ނިންމުމެއް ނިންމި ދުވަހެއް. އެންމެން އެކުގައި އެއް ބައެއްގެ ގޮތުގައި އެއްބައިވަންތަ ގޮތުގައި މިކަން ކާމިޔާބުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޕީޕިއެމް/ޕީއެންސީ އަށް ލިބުނު މި ކާމިޔާބީ ފާހަގަކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި އުފާ ފާޅުކުރުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށެވެ. އެ ރަސްމިއްޔާތަށް ހުރިހާ ރައްޔިތުންނަށް އެ މަނިކުފާނު ދައުވަތު ވެސް ދެއްވި އެވެ.

ރާއްޖެ އާއި ބޭރުގައި ބަހައްޓާފައިވާ 586 ވޯޓު ފޮށި ގުނާފައިވާއިރު މުއިއްޒު ވަނީ 126،842 ވޯޓު ހޯއްދަވައިފަ އެވެ. މުއިއްޒާ ވާދަކުރެއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 108،500 ވޯޓެވެ. އެއީ، 18،342 ވޯޓުގެ ފަރަގެވެ.