Roadha Mihaaru
"ޕްރައިވެޓް ހައުސިން" ޕޯޓަލެއް ތައާރަފްކޮށްފި

އާބަންކޯއިން "ޕްރައިވެޓް ހައުސިން" ޕޯޓަލެއް ތައާރަފްކޮށްފި

21 އޯގަސްޓް 2023

އަމިއްލަ ފަރާތްތަކުން އަޅާ ފްލެޓްތަކުގައި އެ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާ މިންވަރު، އަދި ގަންނަން ލިބެން ހުރި އެޕާޓްމެންޓްތަކުގެ ތަފްސީލުތައް އެނގޭ "ފްރައިވެޓް ހައުސިން" ޕޯޓަލެއް އާބަންކޯއިން ތައާރަފްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަމިއްލަ ފަރާތްތަކުން އަޅާ ފްލެޓްތަކުގައި އެ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާ މިންވަރު، އަދި ގަންނަން ލިބެން ހުރި އެޕާޓްމެންޓްތަކުގެ ތަފްސީލުތައް އެނގޭ "ފްރައިވެޓް ހައުސިން" ޕޯޓަލެއް އާބަންކޯއިން ތައާރަފްކޮށްފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވިނަރެސް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޕޯޓަލް ވަނީ ލޯންޗުކޮށްފަ އެވެ.

އާބަންކޯއިން ބުނީ، އެ ޕޯޓަލް މެދުވެރިކޮށް މިވަގުތު އާބަންކޯއިން ފްރައިވެޓް ކުންފުނިތަކާ ހަވާލުކޮށްގެން ހިންގާ ރިއަލް އެސްޓޭޓްގެ ހަ ޕްރޮޖެކްޓެއްގެ މައުލޫމާތު ފެންނަން ހުންނާނެ ކަމަށެވެ.

އެ ޕޯޓަލުން، އެ ފަރާތްތަކުން ވިއްކާ އެޕާޓްމެންޓްތަކުގެ އަދަދާއި ވިއްކާ އަގުތަކުގެ ތަފްސީލާއި، ނުވިކި ހުރި އެޕާޓްމެންޓްތަކުގެ ތަފްސީލު ފެންނާނެ އެވެ. އަދި ޕްރޮޖެކްޓް ގޮސްފައިވާ ހިސާބުގެ އަޕްޑޭޓް ވެސް އެނގޭނެ އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ، މި ޕޯޓަލްގެ ބޭނުމަކީ އެކުންފުނިން ހިންގާ ޕްރޮޖެކްޓްތަކުގެ ސައްހަ މައުލޫމާތު ފަސޭހައިން ލިބޭނެގޮތް ހެދުން ކަމަށެވެ.

"ޕްރައިވެޓް ޑިވަލޮޕާސް އާ އެކު ހިންގާ ޕްރޮޖެކްޓްތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި އެ އެންމެންގެ މަސްލަހަތު ހިމާޔަތް ކުރަން މިއަންނަނީ އިތުރު ފިޔަވަޅުތަކެއް އަޅަމުން،" އޭނާ ވިދާޅުވި އެވެ.

އާތިފު ވިދާޅުވީ، އެޕާޓްމެންޓް ގަންނަ ފަރާތްތަކަށް އެ ފްލެޓްތަކުގެ އެންމެ ފުރިހަމަ މައުލޫމާތު ނުލިބޭ ހާލަތްތައް ބައެއް ފަހަރު ކުރިމަތިވެ، ބޮޑެތި ގެއްލުންތަކާ ކުރިމަތިވާ ކަމަށެވެ. އާ ޕޯޓަލާ އެކު އެކަމަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާބަންކޯއިން ޕްރައިވެޓް ޕާޓީތަކާ އެކު ހިންގާ ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތަކުގައި ޕްރައިވެޓް ހައުސިން ޕޯޓަލްގައި އެ މައުލޫމާތު ހާމަކުރަން ލާޒިމް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.