Roadha Mihaaru
ބްރިޖާއި 6،000 އެނދާ އެކު މުއިއްޒުގެ ވައުދު

ބްރިޖާއި 6،000 އެނދާ އެކު އައްޑު އަށް މުއިއްޒުގެ "އައްސޭރި ޓޫރިޒަމް" ގެ ވައުދު

22 އޯގަސްޓް 2023

ހުޅުމީދޫ-ހިތަދޫ ގުޅާލާ ބްރިޖާއި އައްޑު އަށް 6،000 ޓޫރިސްޓް އެނދު އިތުރުކުރުމަށް ފަށާ "އައްސޭރި ޓޫރިޒަމް"ގެ ވައުދާ އެކު، ގިނަ މަޝްރޫއުތަކެއް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާންކުރައްވައިފި އެވެ.

އިފްރާޒް އަލީ ސ. ހިތަދޫން އިފްރާޒް އަލީ

ހުޅުމީދޫ-ހިތަދޫ ގުޅާލާ ބްރިޖާއި އައްޑު އަށް 6،000 ޓޫރިސްޓް އެނދު އިތުރުކުރުމަށް ފަށާ "އައްސޭރި ޓޫރިޒަމް"ގެ ވައުދާ އެކު، ގިނަ މަޝްރޫއުތަކެއް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާންކުރައްވައިފި އެވެ.

އެ ވައުދުތައް އިއުލާންކުރީ މުއިއްޒުގެ ކެމްޕެއިނަށް ހިތަދޫގައި ބޭއްވި ޖަލްސާގަ އެވެ.

އައްޑު އަށް އިއުލާންކުރެއްވި އެންމެ ބޮޑު މަޝްރޫއަކީ ހުޅުމީދޫ-ހިތަދޫ ގުޅާލުމަށް ހަދާ ބްރިޖެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ވީ ވައުދެކެވެ. އެ ވައުދު ހަގީގަތަކަށް ހަދައިދޭން އޭނާގެ ވެރިކަމުގައި މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހިތަދޫގައި ބޭއްވި ޖަލްސާގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހިތަދޫގައި ބޭއްވި ޖަލްސާގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"އިރާދަކުރެވިއްޔާ އަޅުގަނޑުމެންގެ ސަރުކާރު އެ ބްރިޖު މަޝްރޫއު ހިންގާނަން،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އެ ބްރިޖުގެ މަޝްރޫއާ އެކު އައްޑޫގެ ޓޫރިޒަމާއި އިގްތިސާދު ކުރިއަރައިގެން ދާނެ އެވެ. އެހެންވެ، އޭނާގެ ޕްލޭނަކީ އައްޑު އަށް "އައްސޭރި ޓޫރިޒަމް" ތައާރަފުކުރުމެވެ.

"އައްސޭރި ޓޫރިޒަމް" ތައާރަފުކުރުމުން އައްޑޫގައި 6،000 ޓޫރިސްޓު އެނދު ގާއިމުކޮށް، އެ މަޝްރޫއާ އެކު 10،000 ވަޒީފާ އުފެއްދޭނެ ކަމަށް އަންދާޒާކުރެ އެވެ. އެ މަޝްރޫއު ނިމޭއިރު، އައްޑޫގައި ސަރަހައްދީ ސީޕްލޭން ހަބެއް އުފެދިގެން ދިއުމަކީ އަމާޒެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އައްޑު އަށް ވެސް އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަން ހޯދައިދިނުމަށާއި ވަޒީފާ އުފެއްދެމަށް ކަމަށެވެ. އަދި އައްޑޫގެ ހޮސްޕިޓަލް ތަރައްގީކޮށް، ހުރިހާ ހިދުމަތެއް ލިބޭ ފުރިހަމަ ތަނަކަށް ހަދައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހިތަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހިތަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރޭގެ ޖަލްސާގައި މުއިއްޒު ވަނީ އިތުރު ދާއިރާތަކުން ވެސް ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. ހާއްސަކޮށް ޒުވާނުންނާއި އަންހެނުން އަދި ވިޔަފާރިވެރިންނަށް ހާއްސަ ވައުދުތަކެއް އޭގެ ތެރޭގައި ހިމެނެ އެވެ.

ރޭ އިއުލާންކުރެއްވި ވައުދުތައް

• އޮންލައިން ޕޭމަންޓް ސިސްޓަމް ތައާރަފުކުރުން.

• ޝޮޕިފައި، ވޫކޮމާސް ކަހަލަ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހިންނަށް ސެލާ އެކައުންޓް ކްރިއޭޓް ކުރެވޭނެ ގޮތް ހެދުން.

• އަންހެނުންނަށް ހާއްސަ ކޮށްގެން 100 މިލިއަން ރުފިޔާގެ ލޯން ސްކީމެއް ފެށުން.

• އަންހެނުން އުފައްދާ މުދާ ވިއްކުމަށް ރާއްޖޭގެ ސިޓީތަކުގައި މާކެޓެއް ހެދުން.

• ޑޭކެއާ ސެންޓަރުތައް ހިންގުމަށް ސަރުކާރުން މާލީ އެހީދިނުން.

• ގެވެށި އަނިޔާ ހުއްޓުވުމަށް ހާއްސަ ގައުމީ މަރުކަޒެއް ހެދުން.

• ކޮންމެ އަތޮޅު/ރީޖަނަލް ހޮސްޕިޓަލެއްގައި މޮމޮގްރަމީ އާއި ޕެޕްސްމެއާ ޓެސްޓް ހެދޭނެ ގޮތް ހެދުން.