Roadha Mihaaru
ދައުލަތު މުވައްޒަފުން މުސާރަ 40 ޕަސެންޓަށް ބޮޑުކުރަނީ

ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ ޖެނުއަރީން ފެށިގެން 40 ޕަސެންޓަށް ބޮޑުކުރަނީ

21 އޯގަސްޓް 2023

ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ، އަންނަ ޖެނުއަރީން ފެށިގެން 40 ޕަސެންޓަށް ބޮޑުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިއުލާނުކުރައްވައިފި އެވެ.

އާސިމާ ނިޒާރު ބ. ތުޅާދޫން އާސިމާ ނިޒާރު

ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ، އަންނަ ޖެނުއަރީން ފެށިގެން 40 ޕަސެންޓަށް ބޮޑުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިއުލާނުކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ބ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި، މި އަތޮޅު ތުޅާދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި އަހަރު ފާސްކުރާ ބަޖެޓާއެކު، ފުލުހުންނާއި ސިފައިންނާއި ކަސްޓަމާއި އިމިގްރޭޝަން އަދި ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށެވެ.

އޭގެ އިތުރުން ސިވިލް ސާވިސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާއި ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން އަދި އިމާމުންނާއި މުދިމުންގެ މުސާރަ ބޮޑުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ ދެން މި ފާސްކުރާ ބަޖެޓާއެކީގައި، އަންނަ ޖެނުއަރީ މަހުން ފެށިގެން މި ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ އެންމެންގެ މުސާރަ ހެޔޮ ބަދަލެއް ގެނައުން." ރައީސް ވިދާޅުވި އެވެ.

"މި ގެނެވޭ ބަދަލާއެކީގައި ވަރަށް ބޮޑު ތަނެއް ބައެއް އިދާރާތަކަށް އާދޭ."

ރައީސް ވިދާޅުވި ގޮތުގައި އެ ހުރިހާ މުވައްޒަފުންގެ މުސާރަ، 40 ޕަސެންޓަށް ބޮޑުވާނެ ކަމަށެވެ. އެކަމުގެ ބައެއް ތަފްސީލުތައް ވެސް ރައީސް ވަނީ ދެއްވައިފަ އެވެ.

ސިވިލް ސާވިސް މުވައްޒަފުންތަކެއް ރަތް ހެދުމުގައި މަސައްކަތް ކުރަނީ.-- ފޮޓޯތައް: ފަޔާޒް މޫސާ/ މިހާރު

ސިވިލް ސާވިސް މުވައްޒަފުންތަކެއް ރަތް ހެދުމުގައި މަސައްކަތް ކުރަނީ.-- ފޮޓޯތައް: ފަޔާޒް މޫސާ/ މިހާރު

އެ މަނިކުފާނު ވިދާޅުވީ ކޮންސްޓަބަލް ރޭންކުގެ ފުލުހެއްގެ މުސާރަ 11،000ރ. އިން 15،400ރ. އަށް އިތުރުވާނެ ކަމަށެވެ. ސިފައިންގެ ޕްރައިވެޓް ރޭންކުގެ މީހަކަށް 11،500ރ. މިހާރު ލިބޭއިރު، އަލަށް ގެންނަ ބަދަލުތަކާއެކު 16،300ރ. އަށް މުސާރަ ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިދާރާގައި، 7200ރ. ގެ މުސާރައެއް ލިބޭ މުވައްޒަފުންނަށް، 10،500ރ. އަށް މުސާރަ އިތުރުވާނެ އެވެ.

ސިވިލް ސާވިސްގެ މިނިސްޓްރީއެއްގެ ޑައިރެކްޓަރަކަށް މުސާރައަކަށް މިހާރު ލިބެނީ 16،000ރ. އެވެ. އެކަމަކު، ރައީސް ވިދާޅުވި ގޮތުގައި، އަންނަ ޖެނުއަރީން ފެށިގެން އެ ރޭންކުގެ މުވައްޒަފުންގެ މުސާރަ 23،200ރ. އަށް ބަދަލުވާނެ ކަމަށެވެ.

ޗީފް އިންސްޕެކްޓަރަކަށް މިހާރު 34،400ރ. ގެ މުސާރައެއް ލިބުނަސް، އާ ބަދަލުތަކާއެކު އެ އަދަދު 48،000ރ. އަށް އިތުރުވާނެ އެވެ.

"....މިއީ އަޅުގަނޑު މިތާ ހުރެ ބުނެލާ ވާހަކައެއް ނޫން. މިއޮތީ ހިސާބު ޖަހާ، ތާވަލްކުރެވި، ތަފްސީލުތަކާއެކީ." އިތުރު ތަފްސީލެއް ނުދެއްވައި ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. ތުޅާދުއަށް ވަޑައިގެން، މި ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. ތުޅާދުއަށް ވަޑައިގެން، މި ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: އެމްޑީޕީ

"އަޅުގަނޑު ހިތުން މި ބަދަލު އައުމާއެކީގައި، އާއިލާތަކަށް ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެ. ކޮންމެ އާއިލާއަކީ ފުދުންތެރި އާއިލާއަކަށް އިރާދަކުރެއްވިއްޔާ ވާނެ. ދެމަފިރިއަކު، ދަރިއަކު ގޮވައިގެން މިހާރު އުޅެންޖެހޭ ހާލަތު އަޅުގަނޑުމެންނަށް އެނގޭ. ކިހިނެއްތޯ 10،000ރ. ލިބޭ މީހަކު ތަނެއް ކުއްޔަށް ހިފައިގެން އުޅޭނީ.؟"

ރައީސް ވިދާޅުވި ގޮތުގައި، މުސާރަ އެއްހަމަކުރުމުން ދައުލަތުގެ ހުރިހާ އިދާރާއެއްގައި މަސައްކަތްކުރާ 44،280 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެ ބަދަލުތަކަކީ މިއިން ޒަމާނެއްގައި ސަރުކާރަކުން ކުރަން ވިސްނާފައި އޮތް ކަމެއް ނޫން ކަމަށެވެ.

މި ސަރުކާރުން ވަނީ ޓީޗަރުންގެ މުސާރަ މިދިޔަ އަހަރު ބޮޑުކޮށްފަ އެވެ. މިދިޔަ މެއި މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވެ އެވެ.

ފާއިތުވި ސަރުކާރުތަކުން ބޭނުންވީ މުށުތެރޭގައި ރައްޔިތުން ބައިތިއްބައި އަދި ގަދަބާރުން މަސައްކަތްކުރުވައިގެން ވެރިކަން ކުރަން ކަމަށާއި އެނޫން ކަމެއް އެ ސަރުކާރުތަކުގެ ވިސްނުމުގައި ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.