Roadha Mihaaru
އެމްޑީޕީން ކެމްޕެއިން ކޮށްދެނީ މުއިއްޒަށް: އަދުރޭ

އަދުރޭ ވިދާޅުވަނީ އެމްޑީޕީން ކެމްޕެއިން ކޮށްދެނީ މުއިއްޒަށް ކަމަށް

22 އޯގަސްޓް 2023

އެމްޑީޕީން އެ ޕާޓީގެ ކެމްޕެއިނަށް ވުރެ މާ ބޮޑަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކެމްޕޭން ކުރަމުންދާ މަންޒަރު ފެންނަ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމައި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ސ. ހުޅުމީދޫން އިފްރާޒް އަލީ

އެމްޑީޕީން އެ ޕާޓީގެ ކެމްޕެއިނަށް ވުރެ މާ ބޮޑަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކެމްޕޭން ކުރަމުންދާ މަންޒަރު ފެންނަ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމައި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ ކެމްޕެއިނަށް ސ. ހުޅުމީދޫގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި، ޕީއެންސީގެ ރައީސްކަން ވެސް ކުރައްވާ އަދުރޭ ވިދާޅުވި ގޮތުގައި، އެމްޑީޕީން މުއިއްޒު ނޫން ވާހަކައެއް ދައްކާ އަޑު ވެސް ނީވެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހުޅުމީދޫގައި ބޭއްވި ޖަލްސާގައި އޭނާގެ ސަޕޯޓަރުން އަތްޖަހަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހުޅުމީދޫގައި ބޭއްވި ޖަލްސާގައި އޭނާގެ ސަޕޯޓަރުން އަތްޖަހަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"ނިއުސް ކޮންފަރެންސެއް ބޭއްވިޔަސް، ޖަލްސާއެއް ބޭއްވިޔަސް އެހެން ކަމެއް ކުރިޔަސް، ޑރ. މުއިއްޒު. އެހެންވީމަ ކާކަށްތޯ މި ކެމްޕޭން ކޮށްދެވެނީ،" އޭނާ ސުވާލު އުފެއްދެވި އެވެ.

"މިއަދު އަޅުގަނޑަށް ވެސް ފެންނަނީ އެމްޑީޕީން އެ ބޭފުޅުންގެ ކެމްޕެއިނަށް ވުރެ ބޮޑަށް ޑރ. މުއިއްޒަށް ކެމްޕެއިން ކޮށްދެއްވާ ތަން."

އަދުރޭ އެހެން ވިދާޅުވީ މުއިއްޒުގެ ކެމްޕެއިނާ ދިމާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނުގެ ތަރުޖަމާން، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ކޮންމެ ދުވަހަކު މިހާރު ބާއްވަމުން އަންނަ ޕްރެސް ކޮންފަރެންސްތަކުގައި ޕީޕީއެމް/ޕީއެންސީ އަދި މުއިއްޒަށް ބަހުގެ ހަމަލާތައް ދީ، ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ދާތީ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހުޅުމީދޫގައި ބޭއްވި ޖަލްސާގައި އޭނާގެ ސަޕޯޓަރުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ސ. ހުޅުމީދޫގައި ބޭއްވި ޖަލްސާގައި އޭނާގެ ސަޕޯޓަރުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ނަމަވެސް މާރިޔާ ފާހަގަކުރައްވާ ވަކި ކަންކަމަށް މުއިއްޒާއި ޕީޕީއެމް/ޕީއެންސީން މިހާތަނަށް ރައްދެއް ނުދެ އެވެ.

މިއަދު ސ. މަރަދޫގައި ބޭއްވި ޖަލްސާއެއްގައި ވެސް އަދުރޭ ވިދާޅުވީ އެ ބަހުގެ ހަމަލާތަކަށް އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ. އިދިކޮޅު ކޯލިޝަނުން އެ ފާޑުކިޔުންތަކަށް ރައްދު ދޭނީ އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.