Roadha Mihaaru
"ސުޕަ މެޖޯރިޓީ އޮވެގެން އެއްވެސް ކަމެއް ނުވި"

ސުޕަ މެޖޯރިޓީ އޮވެގެން ފަސް އަހަރު އެއްވެސް ކަމެއް ނުވި: އަބްދުއްރަހީމް

13 އެޕްރީލް 2024

އިދިކޮޅު އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެގެން މިދިޔަ ފަސް އަހަރު ދުވަހު ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއް ކޮށްދެވިފައި ނުވާ ކަމަށާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަނުކޮށް ގެއަށް ވަޑައިގަންނަވަން ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ގޮވާލައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިދިކޮޅު އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެގެން މިދިޔަ ފަސް އަހަރު ދުވަހު ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް ކަމެއް ކޮށްދެވިފައި ނުވާ ކަމަށާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަނުކޮށް ގެއަށް ވަޑައިގަންނަވަން ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ގޮވާލައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑު އަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ރޭ ސ. ހިތަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ މިދިޔަ 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އައްޑޫގެ ތަރައްގީ އަށް ބަޔަކު އިހުމާލުވެފައިވާކަން އައްޑޫގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ވާހަކަތަކުން އެނގިއްޖެ ކަމަށެވެ.

އައްޑޫގެ ތަރައްގީ އަށް އިހުމާލުވީ ކޮން ބަޔަކު، ކީއްވެގެން ކަން ދެނެގަންނަން ތަހުގީގެއް ކުރަން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު ހޯމް މިނިސްޓަރަށް ދަންނަވާލަން ވަރަށް އަވަސް ތަހުގީގެއް ހިންގަން ޖެހޭ ކަމެއް ކަމަށް،" ސަމާސާކުރައްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

"މި ބޮޑު ތަހުގީގުކުރުމަށްޓަކައި 21 ވަނަ ދުވަހު ތިބޭފުޅުން ނުކުމެވަޑައިގެން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވަންވީ."

ރައީސް ޑރ މުއިއްޒު ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އައްޑޫ ހައިސުކޫލްގައި ބޭއްވި ޖަލްސާ ކުރިއަށް ދަނީ -- ފޮޓޯ: ޕީއެންސީ

ރައީސް ޑރ މުއިއްޒު ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އައްޑޫ ހައިސުކޫލްގައި ބޭއްވި ޖަލްސާ ކުރިއަށް ދަނީ -- ފޮޓޯ: ޕީއެންސީ

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ފުރުސަތަކީ އިންސާނާގެ ހަޔާތުގައި މާ ގިނައިން ލިބޭ އެއްޗެއް ނޫނެވެ. ހަމަ އެގޮތަށް ގައުމެއްގެ ހަޔާތުގައި ވެސް ފުރުސަތެއް ލިބޭނީ މަދު ފަހަރަކު އެވެ. ބުއްދިވެރިންނަކީ އެ ލިބޭ ފުރުސަތުގެ ބޭނުން އޭގެ އެންމެ ފައިދާކުރަނިވި ގޮތުގައި ހިފާ މީހުންނެވެ. އައްޑޫގެ ދާއިރާތަކަށް ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކުރުމަކީ އެ ސިޓީގެ ތަރައްގީއަށް ލިބޭ އެ ފުރުސަތު ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ ތަރައްގީ ވާނީ ދިވެހިންގެ ރާއްޖެ، ދިވެހީންގެ ރާއްޖެއެއްގެ ގޮތުގައި ދެމިއޮވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ނިންމީ ދިވެހިންގެ ރާއްޖެއަށް ދާން މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި. އެހެންވީމަ ދިވެހި ރާްއްޖެއަށް ގާއިމްކުރަން ރައްޔިތުން ނިންމި ނިންމުމަށް އެއްބާރުލުން ދީ އެކަން ތަންފީޒުކުރުމަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންވީ. އޭރުން އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ކުރިއެރުން އަންނާނީ،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމަކަށް ރައްޔިތުން ގެނައީ ދިވެހިންގެ އަމިއްލަ ވަންތަކަމާއި މިނިވަންކަމާއި ފުދުންތެރިކަމާއި ހަމަޖެހުމާއި ސުލްހަވެރިކަމާއި އަމާންކަމާއި ރައްކާތެރިކަން ނަގާލުމުން ކަމަށެވެ. އަދި އެ ވެރިކަން ނިމުމަކަށް ގެނައީ އެމްޑީޕީން ގައުމަށް ހިޔާނާތްތެރިވެ، ގައްދާރުވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިތަދޫގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ޕީޕީއެމް/ ޕީއެންސީ ސަޕޯޓަރުން ވަނީ ބައިވެރިވެފައި.-- ފޮޓޯ: ޕީއެންސީ

ހިތަދޫގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ޕީޕީއެމް/ ޕީއެންސީ ސަޕޯޓަރުން ވަނީ ބައިވެރިވެފައި.-- ފޮޓޯ: ޕީއެންސީ

ރައްޔިތުންގެ މަޖިލީހަށް ޕީއެންސީގެ ކެންޑިޑޭޓުން ހޮވަން މި އުޅެނީ އެމްޑީޕީން ވެފައި އޮތް މި ބޮޑު އިހުމާލުން އަރައިގަތުމަށްޓަކައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި

އައްޑޫގެ ހުރިހާ ދާއިރާއެއްގެ ގޮނޑި އެމްޑީޕީ އަށް ދީގެން މިހާތަނަށް ވީ އެއްވެސް ފައިދާ ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީން މި ގައުމަށް ވަރަށް ބޮޑު އަނިޔާއެއް ދީފައިވާ ކަމަށެވެ.

"ހާދަހާ ބޮޑެތި ގެއްލުންތަކެއް ދީފިޔޭ، ހާދަހާ ބޮޑެތި ހިތްދަތިކަންތައްތަކެއް ކުރިމަތިކުރުވައިފިޔޭ، ނުބައި ނުލަފާ ބައެއް އެއީ އަސްލު،" އޭނާ ވިދާޅުވި އެވެ.

ތިމާ އުފެދި ބޮޑުވި އަމިއްލަ ވަޒަނަށް ލޯތްބެއް ނެތް ބަޔަކު ރައްޔިތުންނަށް ލޯބިކުރާނީ ކިހިނެއްތޯ އަބްދުއްރަހީމް ސުވާލު އުފެއްދެވި އެވެ.

ރައީސް ޑރ މުއިއްޒު ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އައްޑޫ ހައިސުކޫލްގައި ބޭއްވި ޖަލްސާގެ ތެރެއިން: މި ޖަލްސާގައި އައްޑޫ ގިނަބަޔަކު ވަނީ ބައިވެރިވެފަ -- ފޮޓޯ: ޕީއެންސީ

ރައީސް ޑރ މުއިއްޒު ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އައްޑޫ ހައިސުކޫލްގައި ބޭއްވި ޖަލްސާގެ ތެރެއިން: މި ޖަލްސާގައި އައްޑޫ ގިނަބަޔަކު ވަނީ ބައިވެރިވެފަ -- ފޮޓޯ: ޕީއެންސީ

އަބްދުރަހީމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނުކުމެވަޑައިގެން އެ ބޭފުޅުން ހޯއްދެވި ފައިސާއިންނޭ މި ސަރުކާރުން ޕްރޮޖެކްޓު ހިންގަނީ ވިދާޅުވުމުން ހައިރާންވާ ކަމަށެވެ.

"ބަލަގަ އިބްރާހިމް މުހައްމަދު ސޯލިހު، ދިވެހި ރައްޔިތުންނަށް އެބަ އެނގޭ ތިބޭފުޅުން ހޯދި ފައިސާ، ތިބޭފުޅުން ހިފައިގެންކަން ދިޔައީ. ތިބޭފުޅުން ހޯދި ފައިސާ ބޭނުންކުރީ ތިބޭފުޅުންކަން އެނގެނީ އަޅުގަނޑުމެން ސަރުކާރާ ހަވާލުވެ ބަލާލީމަ. ފެނަކަ ކޯޕަރޭޝަން އެކަނި 4.2 ބިލިއަން ރުފިޔާ ދަރުވާލާފައި އޮތީ. ދިވެހި ދައުލަތް އޮތީ ނުވަދިހަ ބިލިއަން ރުފިޔާއިން ދަރާފައި،" އޭނާ ވިދާޅުވި އެވެ.

ވައްކަން ކުރީމަ އަދަބު ދޭނެ ކަމަށާއި އެއީ ބަދަލުހިފުން ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ދައުލަތް ހިންގަނީ ގާނޫނުއަސާސީއަކާއި ގާނޫނުތަކެއް ހެދިގެން ކަމަށާއި އެއަށް ތަބާވާން ޖެހޭ ކަމަށެވެ. އެ ގާނޫނުތަކުގައި އޮތީ ވައްކަން ކުރުމުން މައްސަލަ ބަލަން ޖެހޭނެ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުލުހުންގެ އޮފީހެއް ހުރުމުގެ ބޭނުމެއް ނެތެއްނުންތޯ އެ ނޫނިއްޔާ. އޭސީސީއެއް ހުންނާކަށް ނުޖެހޭނުންތޯ އެހެން ނޫނިއްޔާ. އަޅުގަނޑުމެން މި ތިބީ ދުނިޔޭގެ ނެތް ފެންވަރުގެ ގާނޫނުއަސާސީއެއް ހަދައިގެން،" އޭނާ ވިދާޅުވި އެވެ.

އެހެންވެ ކުރީ ސަރުކާރުތަކުގެ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ބެލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުހިފުން ކަމަށް އެއްވެސް މީހަކު ގަބޫލުނުކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.