Roadha Mihaaru
އިންޑިއާ އިން ކުޑަކުދިން މަރުވީ ހުސްބަނޑާ ލައިޗީ ކައިގެން

އިންޑިއާ އިން ކުޑަކުދިން މަރުވީ ހުސްބަނޑާ ހުރެ ލައިޗީ ކައިގެން

02 ފެބުރުއަރީ 2017

ނިއު ދިއްލީ (ފެބްރުއަރީ 2) - ގޮތް ނޭނގޭ ބައްޔެއްގައި އިންޑިއާގެ އުތުރުގެ ހިސާބުތަކުން 100 އަށް ވުރެ ގިނަ ކުދިން މަރުވެފައި ވަނީ ހައިބަނޑާ ހުރެ ލައިޗީ ކައިގެން ކަމަށް އިންޑިއާ އާއި އެމެރިކާގެ ސައެންސްވެރިންގެ ހޯދުންތަކަށް ފަހު ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ފެބްރުއަރީ 2) - ގޮތް ނޭނގޭ ބައްޔެއްގައި އިންޑިއާގެ އުތުރުގެ ހިސާބުތަކުން 100 އަށް ވުރެ ގިނަ ކުދިން މަރުވެފައި ވަނީ ހައިބަނޑާ ހުރެ ލައިޗީ ކައިގެން ކަމަށް އިންޑިއާ އާއި އެމެރިކާގެ ސައެންސްވެރިންގެ ހޯދުންތަކަށް ފަހު ބުނެފި އެވެ.

ބިހާރު ސަރަހައްދުން، ސިއްހަތު ރަނގަޅު ކުދިންނަށް ވެސް ކުއްލިއަކަށް ފިޓް ޖެހި ހޭނެތޭ ގޮތްވާތީ ޑޮކްޓަރުންނަށް ވެސް ވަނީ ބޮޑު ހައިރާންކަމެއް ލިބިފަ އެވެ. ފިޓްޖެހުނު ކުދިންގެ ތެރޭން ދެބައިކުޅަ އެއްބައި ކުދިން ވަނީ މަރުވެފަ އެވެ.

އެތައް ދުވަހެއްގެ ދިރާސާ އަށް ފަހު އާއްމުކުރި ރިޕޯޓުގައިވާ ގޮތުން މަރުވި ކުދިން ވިހަވެފައި ވަނީ ލައިޗީ ކައިގެންނެވެ. މީގެ ތެރޭން ގިނަ ކުދިންނަކީ ލައިޗީ ހައްދާ ސަރަހައްދުގެ ފަގީރު ކުދިންނެވެ. ލައިޗީގައި ހިމެނޭ ހައިޕޮގްލައިސިން ޓޮކްސިންގެ ސަބަބުން ގްލުކޯޒް އުފައްދާ މިންވަރު ދަށްކޮށްދެ އެވެ. ގިނަ ކުދިން ރޭގަނޑު ނުކައި ތިބޭ އިރު އެ ކުދިންގެ ލޭގެ ހަކުރުގެ ލެވެލް ދަށްވެފައިވަނިކޮށް ލައިޗީ ކެއުމުގެ ސަބަބުން ސިކުނޑި ދުޅަވެ ހަށިގަނޑަށް ކުއްލި ބާރުތަކެއް އަރާ ފިޓް ޖެހެނީ ކަމަށް ސައިންސްވެރިން ބުނެ އެވެ.

ކެރީބިއަންގެ ކުޑަކުދިންތަކެއް ވެސް ވަނީ މިފަދަ ގޮތެއް ދިމާވެގެން މަރުވެފަ އެވެ. ކެރީބިއަންގެ ކުދިން މަރުވެފައި ވަނީ އެކި މޭވާ ކައިގެން ހަށިގަނޑުގައި ގްލުކޯޒް އުފެއްދުމަށް ހުރަސް އަޅާ ހައިޕޮގްލައިސިންގެ ސަބަބުން ސިކުނޑި ދުޅަވެގެން ކަމަށް ދިރާސާތަކުން ދައްކަ އެވެ.

އިންޑިއާގެ މުޒައްފަރުޕޫރުގެ ހޮސްޕިޓަލަށް 2014 ވަނަ އަހަރުގެ މެއި މަހާއި ޖުލައިއާ ދެމެދު ބަލިވެގެން، ގެންދިޔަ ކުޑަ ކުދިންގެ ޓެސްޓްތައް ހެދުމުން ފެނުނީ ކެރީބިއަންގައި މަރުވި ކުދިންނަށް ޖެހުނު ބައްޔާ އިންޑިއާ ކުދިންނަށް ދިމާވި މައްސަލައާ ގުޅުމެއް ވާ ކަމަށެވެ. އެހެންވެ އިތުރު ޓެސްޓްތައް ހެދުމަށް ފަހު ޑޮކްޓަރުން ނިންމާފައި ވަނީ ލައިޗީގައި ވެސް ހައިޕޮގްލައިސިން ހިމެނޭ ކަމަށެވެ.

މި ހޯދުމަށް ފަހު ސިއްހީ އޮފިޝަލުން ވަނީ ކުޑަ ކުދިންނަށް ރޭގަނޑު ހުސް ބަނޑާ ނުބައިތިއްބަން އެދިފަ އެވެ. އަދި ލައިޗީ ކާ މިންވަރު މަދު ކުރުމަށް ވެސް އިލްތިމާސްކުރި އެވެ. އެ ލަފާތަކަށް ފަހު ކުޑަކުދިންނަށް އެ މަައްސަލަ ދިމާވުން މިހާރު ވަނީ ދަށް ކުރެވިފަ އެވެ.