Roadha Mihaaru
ދޮންނަ މެޝިނަކަށް ވެއްޓި އެއްމާބަނޑު ދެބެން މަރުވެއްޖެ

ދޮންނަ މެޝިނަކަށް ވެއްޓި އެއްމާބަނޑު ދެބެން މަރުވެއްޖެ

27 ފެބުރުއަރީ 2017

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ރޯހިނީގައި މިދިޔަ ހޮނިހިރު ދުވަހު، ތިން އަހަރުގެ އެއްމާބަނޑު ދެބެން ދޮންނަ މެޝިނެއްގެ ތެރެއަށް ގެނބި މަރުވެފައި ތިއްބާ ފެނިއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ރޯހިނީގައި މިދިޔަ ހޮނިހިރު ދުވަހު، ތިން އަހަރުގެ އެއްމާބަނޑު ދެބެން ދޮންނަ މެޝިނެއްގެ ތެރެއަށް ގެނބި މަރުވެފައި ތިއްބާ ފެނިއްޖެ އެވެ.

ފެން އަޅާފައި ހުރި މެޝިނު ތެރެއަށް މި ކުދިން ވެއްޓުނީ ގޭގައި އެކަނި އުޅެނިކޮށެވެ. ކުދިންގެ މަންމަ އެ ވަގުތު ވީ ފިހާރަޔަކަށް ގޮހެވެ.

ފުލުހުން ބުނި ގޮތުގައި އެ ކުދިން ތިބީ މެޝިނުގެ ދޮންނަ ބައިގައި ބޯކޮޅު ވަތަށެވެ. މި ކުދިން މަރުވެފައި ވަނީ ގެނބިގެން ކަމަށް ޑޮކްޓަރުން ވަނީ ޔަގީން ކޮށްދީފަ އެވެ. ނަމަވެސް އިތުރު ތަހުގީގަށް އޮޓޯޕްސީ ހަދަން ވަނީ ނިންމައިފަ އެވެ.

ކުދިންގެ މަންމަ ފުލުހުންގެ ތަހުގީގަށް ބުނި ގޮތުގައި ދޮންނަން މެޝިނަށް އަޅަން ހުރި އެއްޗެހިތަކެއް ފުންޏަކަށް މެޝިން ކައިރީގައި ހުންނާނެ އެވެ. ޓޮޕް-ލޯޑިން ސެމީ-އޮޓޮމެޓިކް މޮޑެލްގެ މެޝިނަށް ފެން އަޅާފައި އޭނާ ދިޔައީ ކައިރީގައި ހުރި ފިހާރައަކަށް ދޮންނަ ކުނޑި ގަންނަން ކަމަށާއި ފްލެޓްގެ ދޮރުވެސް ހުންނާނީ ތަޅު ނުލާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އެންމެ ހައެއްކަ މިނިޓް ތެރޭގައި އޭނާ އެނބުރި އައިސް ބެލިއިރު ކުދިން ނުފެނުނު ކަމަށާއި އަވަށްޓެރިންގެ އެޕާޓްމަންޓްތަކަށް ވެސް ކުދިން ފެނޭތޯ ދިޔަ ކަމަށް އަންހެން މީހާ ބުނެފައިވެ އެވެ.

ދެ ދަރިން ގެއްލިގެން އަންހެނުން ގުޅިތާ 10 ވަރަކަށް މިނިޓް ތެރޭގައި ފިރިމީހާ ރަވިންދުރަ ވެސް ގެއަށް ގޮސް އެކުދިން ފެނޭތޯ ހޯދަން ފެށި އެވެ. އެކުދިން ހޯދަން މުޅި ހިސާބުގަނޑުގައި ހިނގުމަށް ފަހު އެ ދެމަފިރިން ގެއަށް ދިޔައީ މެންދުރު ފަހު ކަމަށާއި ދޮންނަ މެޝިން ތެރެއިން ކުދިންތައް ފެނުނީ ގެއަށް ވަދެ ހޯދުމުގެ ތެރޭގައި ކަމަށް އެ ދެމަފިރިން ބުނެފައިވެ އެވެ.

މެޝިނު ތެރެއަށް ކުދިން ތެރެއަށް ވެއްޓުނު ގޮތެއް އެކަކަށް ވެސް ބުނާކަށް ނޭނގެ އެވެ. ގަސްތުގައި މީހަކު ނުވަތަ ބަޔަކު ކުރި ކަމެއް ކަމަށް ޝައްކު ކުރެވޭ ކަހަލަ އެއްވެސް ހެއްކެއް ނެތް ނަމަވެސް މިފަދަ ކަމެއް ވެސް ދިމާވެފައި އޮވެދާނެކަމަށް ބަލައިގެން މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ލަފާ ކުރަނީ ދޮންނަ މެޝިން ކައިރީގައި ބަހައްޓާއި ހުރި ބާލިދީއަކަށް ދެ ކުދިން އަރައި ދޮންނަ މެޝިންގެ ދޮންނަ ބައިގެ ތެރެއަށް ބޯދިއްކޮށްގެން އުޅެނިކޮށް އަރިއަޅާލައިގެން ދެ ކުދިން މެޝިން ތެރެއަށް ވެއްޓުނީ ކަމަށެވެ.