Roadha Mihaaru
ޕާކިން ސްޓިކާ މާފްކޮށް ބޭނުންވަނީ މާލެ ތޮއްޖައްސަން

ޕާކިން ސްޓިކާ މާފްކޮށް ބޭނުންވަނީ މާލެ ތޮއްޖައްސަން: މާރިޔާ

24 އޯގަސްޓް 2023

ޕާކިން ސްޓިކާތައް މާފްކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ އެއްވެސް ވިސްނުންތެރިކަމެއް، ސިޔާސަތެއް ނެތި ކުއްލިއަކަށް ކަމަށާއި ބޭނުމަކީ މާލެ މިހާރަށް ވުރެން ވެސް ބޮޑަށް ތޮއްޖައްސަން ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ތަރުޖަމާން މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޕާކިން ސްޓިކާތައް މާފްކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ އެއްވެސް ވިސްނުންތެރިކަމެއް، ސިޔާސަތެއް ނެތި ކުއްލިއަކަށް ކަމަށާއި ބޭނުމަކީ މާލެ މިހާރަށް ވުރެން ވެސް ބޮޑަށް ތޮއްޖައްސަން ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ތަރުޖަމާން މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ޕާކުކުރާނެ ތަނެއް ނުދައްކައި ޖޫރިމަނާ ނުކުރާނެ ކަމަށް ވައުދުވެގެން ކަމަށާއި ނަމަވެސް ޕާކިން ސްޓިކާ ޖޫރިމަނާ އަކީ އާމްދަނީ ހޯދާ ވަސީލަތަކަށް މި ސަރުކާރުން ހަދާފައިވާ ކަމަށް ށ. ފުނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އޭނާ ވައުދުވެވަޑައިގަތީ، ގަވައިދާ ޚިލާފަށް ޕާކުކޮށްގެން ކޮށްފައިވާ ހުރިހާ ޖޫރިމަނާތަކެއް މާފްކޮށްދެއްވުމަށެވެ.

އެ ވާހަކައަކަށް ރައްދު ދެއްވައި މާރިޔާ ވިދާޅުވީ މާލޭގައި ޕާކިންއަށް ތަނެއް އޮތް ނަމަ މުއިއްޒު ވަނީ ސިޓީ ކައުންސިލް މެދުވެރިކޮށް ބޮޑު އަގުގައި ވިއްކާލާފައި ކަމަށެވެ. އާއްމު ރައްޔިތަކު ޕާކުކުރާނެ އެއްވެސް ޖާގައެއް މާލޭގައި ނެތް ކަަމަށް ވިދާޅުވި އެވެ.

"އެ ބޭފުޅާ އެ ގޮތަށް ވައުދުވީމާ މަގު މެދުގައި ވެސް ޕާކުކުރަންވީ. ދެން ހުރި ތަނެއްގައި ވެސް ޕާކުކުރަންވީ. އެހެންވީމަ އެއްވެސް ޑިސިޕްލިންޑް ސޮސައިޓީއެއް އުފެއްދުމަށްޓަކައި ކުރާނެ އެއްވެސް ކަމެއްގެ ވިސްނުމެއް ނެތް. ކެމްޕޭނަށްޓަކައި އެ ބުނެލީ. ދެން އޮތް ދެމަސްދުވަހާ ބައިވަންދެން ހުރިހާ ޒުވާނުން ހުރިހާ ދުވަސްވީ މީހުން އެންމެން ނުކުމެ މަޖީދީ މަގުގެ މެދުގައި ވެސް ޕާކުކުރަންވީ. ކީއްވެތޯ ނުކުރާންވީ، އެއޮތީ ބުނެފައި ހުރިހާ ޕާކިން ފައިނެއް ތިމަންނާ މާފްކޮށްދެއްވާނަމޭ. އެހެންވީމަ ވަކި ތަނެއް ނޯންނާނެއެއްނު ޕާކުކުރަން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ޕާކިން ޖާގަތައް ވިއްކާލައި ޕޭވްމަންޓް މަތީގައި ހޮޅިޖެހުމަށް ފަހު، އާއްމު މީހަކު ސައިކަލް ބަހައްޓާނެ ތަނެއް ނެތިގެން މަގުގައި ޕާކުކޮށް ޖޫރިމަނާކުރުމުން، އެ ޖޫރިމަނާ މާފްކޮށްދެއްވާނެ ކަމަށް ވިދާޅުވުން ހަމަނުޖެހޭ ކަމަށެވެ.

އޭނާ ތުހުމަތު ކުރެއްވިި ގޮތުގައި މުއިއްޒުގެ އެ ވައުދަކީ ކެމްޕޭނަށް ފަހިކުރަން ވެވަޑައިގަތް ވައުދެކެވެ.

"އަޅުގަނޑުމެންނަށް އޮޅުން ނުފިލައިގެން މިއުޅެނީ، މުއިއްޒުގެ މޭޔަރު ކަމުގައި ޕާކިން އަށް އޮތް ތަންކޮޅެއްވެއްޖެއްޔާ ބޮޑުއަގުގަ ވިއްކާލީ. އާންމު ރައްޔިތަކަށް ތަނެއް ނުދީ ވިއްކާލިއްޔޭ. މިހުރިހާ ކަމެއް މިހެންކޮށްފަ އަމިއްލަތަނެއް ހެން ޕޭމަންޓު މަތީގަ އެއޮތީ ގޮޅިޖަހާފައި،" މާރިޔާ ވިދާޅުވި އެވެ

"ޕޭވްމަންޓުގައި އާންމުންނަށް ހިނގާނުލެވޭ، ތޮއްޖެހިފައި އޮތީ. އެހެންވީމަ ތަން ނުހަދާ މިގޮތަށް ތޮއްޖައްސާފައި ދެން ފައިން (ޖޫރިމަނާ) އެރީމަ މިބުނަނީ ތިމަންނަ މާފްކޮށްދެއްވާނަމޭ."

މުއިއްޒުގެ އެ ވައުދަކީ، މާރިޔާ ވިދާޅުވި ގޮތުގައި، މި ވެރިކަން ފެށުނުއިރު މާލޭގެ މަގުތައް ތޮއްޖައްސާފައި އޮތް ގޮތަށް ހެދުމެވެ.