26 އޯގަސްޓް 2023
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ޓެކްސީ ޑްރައިވަރުންގެ ދަފުތަރެއް ހަދައި ސޯޝަލް ހައުސިން ސްކީމްތަކާއި އެހެން ފުރުސަތުތައް ވެސް އެމީހުންނަށް ފަހިވާ ގޮތަށް ހަދައިދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ޓެކްސީ ޑްރައިވަރުންގެ ދަފުތަރެއް ހަދައި ސޯޝަލް ހައުސިން ސްކީމްތަކާއި އެހެން ފުރުސަތުތައް ވެސް އެމީހުންނަށް ފަހިވާ ގޮތަށް ހަދައިދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މުއިއްޒު އޭނާގެ ރިޔާސީ ކެމްޕެއިނަށް، ޓެކްސީ ސެންޓަރުތަކުގެ ވެރިންނާއި ޑްރައިވަރުންނާ މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ. ހ. މީރުމާ ހޯލުގައި ބޭއްވި އެ ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، އެ މައްސަލަތައް ހައްލުކުރުމަށް ކޮށްދެއްވާނެ ކަންކަން ވެސް އޭނާ އިއުލާންކުރެއްވި އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މާލޭގެ ޓެކްސީ ޑްރައިވަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭނާ ވިދާޅުވި ގޮތުގައި، ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް މައިގަނޑު ތިން ކަމެއް ޕްލޭން ކުރެވިފައި އެބައޮތް ކަމަށެވެ.
• ޕާކިން މައްސަލަ ހައްލުކުރަން މާލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް ހަ ޕާކިން ބިލްޑިން އެޅުން.
• އިންޑަސްޓްރިއަލް ވިލެޖުގެ އަސްލު ޕްލޭނާ އެއްގޮތަށް ވޯކްޝޮޕްތަކާއި ގުދަން ކަހަލަ ތަންތަން ހިންގުމަށް އެ ސަރަހައްދު ބޭނުންކުރުން.
• މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުން.
ޕާކިން މައްސަލަ ހައްލު ނުވެ އޮތީ މި ސަރުކާރުން އެކަމަށް ހުރަސް އަޅާތީ ކަމަށް މުއިއްޒު މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.
މާލޭގެ މޭޔަރު ކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި ގޮތުގައި، ޕާކިން މައްސަލަ ހައްލުކުރަން މާލޭ ސިޓީ ކައުންސިލުން ޕާކިން ބިލްޑިން އަޅަން ނިންމިޔަސް، އެ ކައުންސިލުގެ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށްދީ ސަރުކާރުން ހިފަހައްޓާތީ އެ މަސައްކަތް އަދިވެސް ކުރިއަށް ނުގެންދެވެ އެވެ.
މުއިއްޒު ވިދާޅުވީ ޕާކިން ޖޫރިމަނާތައް މާފުކޮށްދޭނެ ކަމަށް ކެމްޕެއިންގެ ތެރެއިން އޭނާ މިފަހުން އިއުލާންކުރައްވާފައިވާ އިރު، އެއީ ޓްރެފިކް ވަޔަލޭޝަންގެ ހުރިހާ ޖޫރިމަނާތަކެއް ހިމެނޭ ގޮތަށް ކޮށްދޭން ވައުދުވެވަޑައިގެންނެވި ކަމެއް ކަމަށެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މާލޭގެ ޓެކްސީ ޑްރައިވަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރަކު ވާހަކަދައްކަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އަޅުގަނޑު އިއުލާންކޮށްފައި އޮންނާނީ ޖޫރިމަނާތައް މާފުކުރާ ވާހަކަ. އެއީ ހަމައެކަނި ޒުވާން ކުދިންގެ ސައިކަލުގެ ވާހަކައެއް ނޫން. ހަމަ ހުރިހާ ޕާކިން ވަޔަލޭޝަން، ހުރިހާ ޖޫރިމަނާއެއް އެއްކޮށް މާފުކޮށްދޭނަން. އެއީ ޓެކްސީ ޑްރައިވަރުންނާއި ލޮރީ ޑްރައިވަރުންނާއި ޕްރައިވެޓް ކާރާއި ހުރިހާ އެއްޗެއް ހިމެނޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ޕާކިން ވަޔަލޭޝަން ރިކޯޑް ސާފުކޮށްދިނުމުގެ ކަންކަން ވެސް ގާނޫނީ އިމުގެ ތެރެއިން ކޮށްދެއްވާނެ ކަމުގެ ޔަގީން ކަން މުއިއްޒު ދެއްވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ޓެކްސީ ޑްރައިވަރުންނަށް ކަންކަން ކޮށްދިނުމަށް ސަރުކާރަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމީހުންގެ ދަފުތަރެއް އެކުލަވާލެވިފައި ނެތުމެވެ.
"ވަޒީފާއެއްގެ ގޮތުގައި ކެޓަގަރައިޒްކޮށް، ރަސްމީ ގައުމީ ދަފުތަރެއް އުފައްދައި އޭގައި ރަޖިސްޓްރީ ވީމަ ގާނޫނީ ހައިސިއްޔަތު ލިބޭ ދަފުތަރަކަށް ހެދޭނެ،" އޭނާ ވިދާޅުވި އެވެ.
އެ ދަފުތަރު އެކުލަވާލުމުން ޓެކްސީ ޑްރައިވަރުންނަށް ބޭންކުތަކުން ލޯނު ނެގުމާއި އިންޝުއަރެންސް ހެއްދުމާއި ސޯޝަލް ހައުސިން ސްކީމްތަކާ އަދި ހައުސިން ލޯނުތައް ނެގުމުގެ ފުރުސަތު ވެސް ފަހިވެގެން އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް މާލޭގެ ޓެކްސީ ޑްރައިވަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އާއި މުއިއްޒު އަދި ހުޅުމާލެ ކައުންސިލަރު އިބްރާހިމް ޝުޖާއު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މި ދެންނެވި ހާއްސަ ދަފުތަރު ތިބޭފުޅުންގެ އުފައްދާ ކަމަށް ވަންޏާ، އޭގެ ތެރެއިން ވަރަށް ފަސޭހަވެގެން އަންނާނެ ކުރިއަށް ހުރި، އަޅުގަނޑުމެންގެ ސަރުކާރެއްގައި ހައުސިން ސްކީމްތައް ތައާރަފުކުރާ އިރުގައި، އޭގެ ތެރެއިން ރިކޮގްނައިޒް ކުރެވިގެން ޓެކްސީ ޑްރައިވަރުންނަށް ވަކި ޕަސެންޓޭޖެއް ކަނޑައަޅަން،" މުއިއްޒު ވިދާޅުވި އެވެ.
"...ތިބޭފުޅުންނަށް [ޓެކްސީ ޑްރައިވަރުންނަށް] ވެސް އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ ވިސްނުމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި ކެޓަގަރީއެއް ކަނޑައަޅައި ނުވަތަ ވަކި ޕަސެންޓޭޖެއް ކަނޑައަޅެޅުން ސޯޝަލް ހައުސިންގައި ފްލެޓް ލިބޭ ފަރާތްތަކުގައި ހިމަނަން،" މުއިއްޒު ވިދާޅުވި އެވެ.
ކެމްޕެއިނަށް މުއިއްޒު ގެންދަވަނީ މާލެ އާއި ރަށްރަށުގައި ވެސް އާންމުންނާ ބައްދަލުކުރައްވަމުންނެވެ. އަދި އެއިން ކޮންމެ ބައްދަލުވުމެއްގައި ވެސް އޭނާގެ ވެރިކަމެއްގައި ކޮށްދެއްވާނެ ވަރަށް ގިނަ ކަންކަން އިއުލާންކުރައްވަ އެވެ.
ޑރ. މުއިއްޒުގެ ރިޔާސީ ދަތުރު: ހިތްވަރާއި ކެރުން!
ވިސްނުމަކީ މުއިއްޒަށް ދެވަނަ ދައުރެއް ދިނުން: އަދުރޭ
މުއިއްޒުގެ ފަހު ޖަލްސާ: ޒިންމާތައް ޑެޕިއުޓީ މޭޔަރަށް
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
"ކޮންމެ މީހަކު އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަވާނެ"
މުއިއްޒު އެދިވަޑައިގަތީ ގިނަ މީހުން ވޯޓު ލާން