Roadha Mihaaru
ބިން ކަނޑައި، ގޯތި ރަޖިސްޓްރީ ހަވާލު ކުރަން ފަށައިފި

ގޯތި ލިބުނު މީހުންނަށް ބިން ކަނޑައި، ރަޖިސްޓްރީ ހަވާލު ކުރަން ފަށައިފި

27 އޯގަސްޓް 2023

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނަށް ބިން ކަނޑައި އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނަށް ބިން ކަނޑައި އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި އެވެ.

ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުން ކުރިއަށް ދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ. މިއަދު އެންމެ ފުރަތަމަ ގޯތިތައް ދީފައި ވަނީ ހުޅުމާލެ ފޭސް ދޭއްގެ، ވިނަރެސް ފްލެޓްތަކުގެ ބިތްދޮށުގައި އޮންނަ ހުސް ބިމުންނެވެ.

އެއީ 1،200 އަކަފޫޓުގެ 13 ގޯއްޗެވެ.

ރަޖިސްޓްރީ ހަވާލުކުރަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ރަޖިސްޓްރީ ދޫކުރަން ހަމަޖެހިފައި ވަނީ ގްރޫޕުތަކަށް ބަހައިގެން ކަމަށެވެ.

"ވަރަށް ގިނަ ފަރާތްތަކުން އެބަ ބުނޭ އަޅުގަނޑުމެން މި ދެނީ ނުހިއްކާ އޮތް ބިމަކުންނޭ. އަޅުގަނޑުމެން ރަޖިސްޓްރީ ހަވާލުކުރާނީ ބިން ކަނޑައިފަ ދީފައި،" އޭނާ ވިދާޅުވި އެވެ.

ގޯތި ލިބިފައިވާ އެންމެންނަށް ގޯތި ދީ ނިމެންދެން ކޮންމެ ދުވަހަކު ވެސް ރަޖިސްޓްރީ ދޫކުރުން އޮންނާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

"ގުޅިފަޅާއި ގިރާވަރު ފަޅުން ވެސް ގޯތި ކެންޑެމުން ދާނެ. ރަޖިސްޓްރީ ވެސް ހަވާލު ކުރެވެމުން ދާނެ. މި ރަޖިސްޓްރީއަކީ ގާނޫނީ ގޮތުން ސައްހަ ރަޖިސްޓްރީއެއް، މިއަކަށް އިތުރު ސުވާލެއް ނުއުފެދޭނެ. އަޅުގަނޑުމެން މި ރަޖިސްޓްރީ ކޮށްދެމުން މި ދަނީ އެގްރިމެންޓާ އެެއްގޮތަށް. މޮޓޮރައިޒްކޮށްދެއްވަނީ ގާނޫނީ ވަކީލުން،" އޭނާ ވިދާޅުވި އެވެ.

ގޯތި ލިބުނު މީހަކު ރަޖިސްޓްރީގައި ސޮއި ކުރަނީ.-- ފޮޓޯ: ފަޔުާޒް މޫސާ/ މިހާރު

ގޯތި ލިބުނު މީހަކު ރަޖިސްޓްރީގައި ސޮއި ކުރަނީ.-- ފޮޓޯ: ފަޔުާޒް މޫސާ/ މިހާރު

ހައުސިން މިނިސްޓްރީން ބުނީ އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތި ލިބުނު މީހާ ނޫން އެހެން މީހަކު ފޮނުވާ ނަމަ، "ގެދޮރުވެރިން ޕޯޓަލް"ގައި އެޓޭޗްކޮށްފައިވާ "ޕަވާ އޮފް އެޓާނީ" ފުރިހަމަކުރުމަށް ފަހު ސޮއިކޮށް، ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮނުވާ މީހާއާ ހަވާލުކުރަން ވާނެ ކަމަށެވެ.

ބަދަލުގައި ސޮއި ކުރަން ދާ މީހާ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަން ކޮށްފައިވާ މީހާ އެނގޭ ޕަވާ އޮފް އެޓާނީގެ އަސްލާއި، އައިޑީކާޑުގެ ކޮޕީ ގެންދަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގެ ނަމޫނާ އާއި ޕަވާ އޮފް އެޓާނީ މިއަދުން ފެށިގެން "ގެދޮރުވެރިން ޕޯޓަލް" އިން ފެންނަން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ގޯތީގެ ބިން ކެނޑުމަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ގޯތީގެ ބިން ކެނޑުމަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މިއަދު ރަޖިސްޓްރީ ދޫކުރަން ފަށާފައިވާއިރު އިއްޔެ ވަނީ ހައުސިން މިނިސްޓްރީ މެދުވެރިކޮށް ގޯތީގެ ރަޖިސްޓްރީ ހަދައިދެވޭ ގޮތަށް، "ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯތި އަދި އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" އިސްލާހު ކޮށްފަ އެވެ.

މާލޭގެ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ބިން ދޭން ގޯތި ލިބުނު މީހުންގެ މެދުގައި ގުރު ވެސް ވަނީ ނަގައި ނިންމައިފަ އެވެ. އެ ސްކީމްގެ ދަށުން 18،955 މީހަކު ގޯއްޗަށް ޝަރުތު ހަމަވާއިރު، އެއީ 9،003 ގޯތި ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.