Roadha Mihaaru

ރައީސާއި މުއިއްޒު ވެސް ކުރެންދޫގައި، ދެކޮޅުގެ ސަޕޯޓަރުން ދެއްކީ ނަމޫނާ

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް ސޯލިހާއި މައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެއް ވަގުތެއްގައި ޅ. ކުރެންދު އަށް މިއަދު ވަޑައިގެންފި އެވެ.

ރައީސާއި މުއިއްޒު ވެސް ކުރެންދޫގައި
މުހައްމަދު ވިޝާމް
މުހައްމަދު ވިޝާމް

31 އޯގަސްޓް 2023

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް ސޯލިހާއި މައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެއް ވަގުތެއްގައި ޅ. ކުރެންދު އަށް މިއަދު ވަޑައިގެންފި އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޅ. އަތޮޅުގެ ރައީސާއި މުއިއްޒު ވެސް ފެއްޓެވީ މިއަދު ހެނދުނެވެ.

ކުރެންދު އަށް ފުރަތަމަ ވަޑައިގެންނެވީ ރައީސް އިބްރާހިމް ސޯލިހެވެ. އެ މަނިކުފާނަށް މަރުހަބާ ކިޔަން ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދިގު ސަފެއް ހެދި އެވެ. މުއިއްޒުގެ ސަޕޯޓަރުން ވެސް އެ ގަޑިއާ ދިމާކޮށް އެ ސަރަހައްދަށް ޖަމާވިޔަސް ފުލުހުން އެ މީހުން ފަހަތަށް ޖެއްސި އެވެ.

މުއިއްޒު ކުރެންދު އަށް ވަޑައިގަތީ އެ ރަށުގެ ޔޫތު ސެންޓަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަޕޯޓަރުންނާ ބައްދަލުކުރައްވަމުން ގެންދަވަނިކޮށެވެ. މުއިއްޒަށް މަރުހަބާ ކިޔަން ވެސް ކުރެންދޫން ވަރަށް ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް އެއްވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެންދު އަށް ވަޑައިގެން ބަޔަކާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޕީޕީއެމް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެންދު އަށް ވަޑައިގެން ބަޔަކާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ ކުރެންދޫ އޮފީސް ހުޅުއްވައި ދެއްވުމަށް ފަހު މުއިއްޒު ވަޑައިގަތީ މެންދުރުގެ ކެއުން ހަމަޖައްސާފައި އޮތް އެ ރަށު ޕްރީ ސްކޫލަށެވެ. އެ ވަގުތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު، ކުރެންދޫގެ އާ އިންޖީނުގެ އާއި ފެނަކައިގެ އާ އޮފީސް ރަސްމީކޮށް ހުޅުވައިދެއްވައިފަ އެވެ.

އެ ދެ ރަސްމިއްޔާތަށް ފަހު، ރައީސް ވަޑައިގަތީ، ޕްރީ ސްކޫލާ 100 ވަރަކަށް ފޫޓު ދުރުގައި ހުންނަ ފެނަކައިގެ ކުރީގެ އޮފީހަށެވެ. އެ މަނިކުފާނުގެ ފަރިއްކޮޅު އޮތީ އެ ތަނުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ކެމްޕެއިނަށް ބައެއް ރަށްރަށަށް ވަޑައިގަތުމުން އިދިކޮޅު ސަޕޯޓަރުން އަޑުގަދަކޮށް، ބައެއް ފަހަރު ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގިޔަސް އެފަދަ މަންޒަރެއް މި ރަށުން ނުފެނެ އެވެ. ޕީޕީއެމްގެ ސަޕޯޓަރުން މެންދުރު ކާން ޖަމާވ ޕްރީ ސްކޫލްގެ ކުރިމަތިން، އެމްޑީޕީގެ ސަޕޯޓަރުން ހިނގާފައި ފެނަކައިގެ ކުރީގެ އޮފީހަށް މެންދުރު ކާން ދިޔަ އިރު ވެސް އެއް ބަޔަކު އަނެއް ބަޔަކާ ދިމާލަށް ދެކޮޅަށް އެއްޗެއް ވެސް ބުނި އަޑެއް ނީވެ އެވެ.