Roadha Mihaaru
ލާމުގެ ދެވަނަ އެއާޕޯޓް އަޅާނެ ތަނެއް އަދި ނުނިންމާ

ލާމުގެ ދެވަނަ އެއާޕޯޓް އަޅާނެ ތަނެއް އަދި ނުނިންމާ؛ އަންނަ ދައުރުގައި ނިންމައިދޭނެ ކަމުގެ ޔަގީންކަން

28 އޯގަސްޓް 2023

ސަރުކާރުން ކުރިން އިއުލާންކޮށްފައިވާ ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް އަޅާނެ ތަނެއް އަދި ނިންމާފައި ނުވިޔަސް، ދެވަނަ ދައުރަކަށް ހޮވިއްޖެ ނަމަ އެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސަރުކާރުން ކުރިން އިއުލާންކޮށްފައިވާ ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް އަޅާނެ ތަނެއް އަދި ނިންމާފައި ނުވިޔަސް، ދެވަނަ ދައުރަކަށް ހޮވިއްޖެ ނަމަ އެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ކެމްޕެއިނަށް ލ. ކަލައިދޫގައި މިއަދު ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ، އެ އަތޮޅުގައި މަދުވެގެން އަދި އިތުރު އެއް އެއާޕޯޓް އަޅައިދޭނެ ކަމަށެވެ. އެކަމުގެ މަޝްވަރާތައް ވެސް މިހާރު ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް، އެ އެއާޕޯޓް އަޅާނީ އަތޮޅުގެ ކޮން ތަނެއްގައި ކަމެއް އަދި ނުނިންމަ އެވެ.

ކެމްޕެއިނަށް ރައީސް ލ. ކަލައިދުއަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާންކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ

ކެމްޕެއިނަށް ރައީސް ލ. ކަލައިދުއަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާންކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ

"މި ސަރަހައްދުގެ އެންމެން ވެސް ބޭނުންވާ އެއް ކަމެއް އެއީ އެއާޕޯޓެއްގެ ވާހަކަ. އިސްދޫން ވެސް އަޅުގަނޑުމެންނަށް [އެ ވާހަކަ] އައިސްފައި އެބައޮތް. އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ވިސްނައި އެއާޕޯޓެއް އަޅަން އެންމެ ރަނގަޅީ ކޮން ތަނެއްތޯ ބެލުމަށް ފަހު ލ. އަތޮޅުގައި އަދި އިތުރު އެއް އެއާޕޯޓް އެޅުން އެއީ އަޅުގަނޑުމެން ވާ ވައުދެއް،" ރައީސް ވިދާޅުވި އެވެ.

ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅާނެ ކަން ރައީސް އެންމެ ފުރަތަމަ އިއުލާންކުރެއްވީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް މިދިޔަ ޖެނުއަރީ މަހު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

އެ އަތޮޅުގައި މިހާރު ހިންގަމުން އަންނަ ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަމަށް ބޭނުންވާ ބިން ހިއްކަން މި މަހު ވަނީ އެމްޓީސީސީއާ ވެސް ހަވާލުކޮށްފަ އެވެ.

ކަލައިދޫގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ އެ ސަރަހައްދުގައި ޓޫރިޒަމްގެ ވިޔަފާރި ފުޅާކުރުމަށް ފޮނަގާދޫ ޓޫރިޒަމަށް ހުޅުވާލިކަން ފާހަގަކުރައްވައިފަ އެވެ. އަދި ކަލައިދޫގައި ސިޓީ ހޮޓަލެއް އަޅަން އަންނަ ދައުރުގައި ހުޅުވާލާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.