Roadha Mihaaru
ސަރުކާރުން ކުރަނީ ފިނޑި ކެމްޕެއިނެއް: މުއިއްޒު

ސަރުކާރުން ކެމްޕެއިން ކުރަނީ ވަރަށް ވެސް ފިނޑިކޮށް: މުއިއްޒު

29 އޯގަސްޓް 2023

އިދިކޮޅު ޕީއެންސީ/ޕީޕީއެމް ވެރިކަމަށް އަތުވެއްޖެ ނަމަ މަޝްރޫއުތައް ހުއްޓުވައި ވަޒީފާތައް އަތުލާނެ ކަމަށް ބުނެ ސަރުކާރުން ދޮގު ފަތުރައިގެން ކެމްޕެއިން ކުރަމުން ދަނީ ފިނޑިކަމުން ކަމަށް އެ ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން އަލިފުށިން ނާޒިމް ހަސަން

އިދިކޮޅު ޕީއެންސީ/ޕީޕީއެމް ވެރިކަމަށް އަތުވެއްޖެ ނަމަ މަޝްރޫއުތައް ހުއްޓުވައި ވަޒީފާތައް އަތުލާނެ ކަމަށް ބުނެ ސަރުކާރުން ދޮގު ފަތުރައިގެން ކެމްޕެއިން ކުރަމުން ދަނީ ފިނޑިކަމުން ކަމަށް އެ ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިއަދު ވަނީ ރ. އަތޮޅަށް ކެމްޕެއިން ދަތުރު ފައްޓަވާފައި އެވެ. އެންމެ ފުރަތަމަ ވަޑައިގަތީ ރ. އަތޮޅުގެ ވެރިރަށް އަލިފުއްޓަށެވެ. އެއާ ޓެކްސީއެއްގައި މުއިއްޒު މި ރަށަށް ވަޑައިގެންނެވިއިރު ބޯކޮށް ވާރޭވެހެމުންދިޔަ ނަމަވެސް، ބަނދަރުގައި ޕީޕީއެމްގެ ސަޕޯޓަރުން އެއްވެ ތިއްބެވެ.

އަލިފުށީގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އޭނާ އަށް ވެރިކަން ލިބިއްޖެ ނަމަ މަޝްރޫއުތައް ހުއްޓާލާނެ ކަމާއި ހާއްސަ ގޮތެއްގައި އަލިފުށީ އެއާޕޯޓްގެ މަޝްރޫއު ހުއްޓާލާނެ ކަމަށް ސަރުކާރުން ބުނަމުން ދަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ކަމަށެވެ. އެ އެއާޕޯޓް އަލިފުށީ ރައްޔިތުންނަށް ހަދައިދިނުމަކީ، މި ސަރުކާރަށް ވުރެ ބޮޑަށް ޕީޕީއެމުން ބޭނުންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ވެސް ފިނޑި ބައެއް އެ ވާހަކަތައް އެ ދައްކަނީ. ނާތަހުޒީބު ބައެއް. ޒިންމާދާރު ބަޔަކަށް ވާން އެބަ ޖެހޭ. އެއީ ރައްޔިތުންގެ ހިތަށް ބިރު ވެރިކަން ވައްދަން ދައްކާ ވާހަކަ،" މުއިއްޒު ވިދާޅުވި އެވެ.

"މިހާރަށް ވުރެ ބާރަށް ގެންގޮސް އެ އެއާޕޯޓްގެ މަސައްކަތް ނިންމާނަން."

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވިދާޅުވި ގޮތުގައި، އަލިފުށީގައި އެއާޕޯޓް ހެދުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަސައްވުރެކެވެ. އެ ތަސައްވުރުގައި ހަގީގީ ކުލަ ޖައްސަވައި ދެއްވާނީ މުއިއްޒު ކަމަށް އޭނާ ވިދާޅުވި އެވެ.

"މުއިއްޒާ މެދު އަޅުގަނޑުގެ އެއްވެސް ޝައްކެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.

އަލިފުށީ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. މިއީ މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން ތަަރައްގީ ކުރަމުން އަންނަ ރަށެކެވެ.

މުއިއްޒު އަލިފުއްޓަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ: ވިއްސާރައިގައި ވެސް މި ރަށުން ހޫނު މަރުހާބާއެއްކީ

މުއިއްޒު އަލިފުއްޓަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ: ވިއްސާރައިގައި ވެސް މި ރަށުން ހޫނު މަރުހާބާއެއްކީ

އަލިފުއްޓަށް ވީ ވައުދުތައް

- ސިނާއި މަސައްކަތްތަކަށް ބިން އިތުރުކުރުން.

- ބޭންކްގެ ބްރާންޗެއް ގާއިމްކުރުން.

- ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް.

- ކުޅިވަރު ވަސީލަތްތައް.

- ކުނި މެނޭޖްކުރުން.

- ގެސްޓްހައުސް ވިޔަފާރިއަށް ފަހި ފުރުސަތުތައް

މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަން ހުންނެވީ ތައްޔާރަށް ކަމަށާއި އެ ފުރުސަތު ދެއްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

"މި ރަށުން އަޅުގަނޑުމެންނަށް ބޮޑު މެޖޯރިޓީއެއް ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް ޔަގީންކުރަން. އެއްބުރުން ކާމިޔާބުކުރަން މި ރަށުގެ ތާއިދު އޮންނާނެ ކަމަށް ގަބޫލުކުރަން،" މުއިއްޒު ވިދާޅުވި އެވެ.

"އުއްމީދުތައް ލިބޭ ކަންކަމުގައި ވަރަށް އިހްލާސްތެރި މަސައްކަތެއްކޮށްދޭން ކުރިމަތިލައިގެން މި ތިބީ، ތެދުވެރިކަމާ އެކު މަސައްކަތްކޮށް ނަތީޖާ ނެރެދޭތަން ފެންނާނީ."