Roadha Mihaaru
ޔާމީނުގެ ތަސައްވުރަށް ފައިނުގައި އެއާޕޯޓްއަޅަން ވައުދެއް

ޔާމީނުގެ ތަސައްވުރަށް ފައިނުގައި އެއާޕޯޓް އަޅަން މުއިއްޒުގެ ވައުދެއް

30 އޯގަސްޓް 2023

ރ. ފައިނުގައި އެއާޕޯޓް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެންގުޅުއްވި ތަސައްވުރާ އެއްގޮތަށް އެ މަސައްކަތް ކުރައްވާނެ ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން އިނގުރައިދޫން ނާޒިމް ހަސަން

ރ. ފައިނުގައި އެއާޕޯޓް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެންގުޅުއްވި ތަސައްވުރާ އެއްގޮތަށް އެ މަސައްކަތް ކުރައްވާނެ ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފައިނު ހިމެނޭ އިނގުރައިދޫ ދާއިރާގެ މައި ރަށް، އިނގުރައިދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރ. އަތޮޅުގެ ދެކުނު ބިތުގައިވާ ރަށްތަކާއި ކައިރީގައި ހުރި ރިސޯޓްތަކަށް އެއާޕޯޓެއް ވަރަށް މުހިންމު ކަމަށެވެ.

މިހާރު ރ. އަތޮޅުގައި އޮތް ހަމައެކަނި އެއާޕޯޓް އިފުރަކީ އިނގުރައިދޫއާ ވަރަށް ދުރުގައި އުތުރު ބިތުގައި އޮންނަ ތަނެކެވެ. މި ސަރުކާރުން އަލިފުށީގައި އެއާޕޯޓެއް ތަަރައްގީކުރަމުންދާއިރު އެއީ ވެސް ވަކިން ދުރުގައި އޮތް ރަށެކެވެ.

"ފައިނުގައި އެއާޕޯޓް އަޅަން ހިއްކަން ޖެހެނީ ވަރަށް ކުޑަ ބިމެއް. ބިން ހިއްކުން ވަރަށް ކުޑަ ހަރަދުކުޑަ ދެކޮޅުޖެހޭ މަޝްރޫއުއެއް. މީދޫ މަޑުއްވަރީ ދައިރާއަށާއި ރިސޯޓްތަކަށް ވެސް މި ސަރަހައްދަށް ދެކޮޅު ޖެހޭ ވަރަށް ރަނގަޅު އިންވެސްޓްމެންޓެއް،" މުއިއްޒު ވިދާޅުވި އެވެ.

"ފައިނުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނަން."

ފައިނުގައި އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވިއިރު ޔާމީންގެ ސަރުކާރުގައި އެ އެއާޕޯޓް އެޅުމަށް އައިލެންޑް އޭވިއޭޝަން ސާވިސްއާ ހަވާލު ވެސް ކުރި އެވެ. އަށް މިލިއަން ޑޮލަރު އެކަމަށް ހަމަޖައްސައި މަސައްކަތް ވެސް ފެށި ފަހުން މަޝްރޫއު ހުއްޓާލީ އެކަމާ ދެކޮޅަށް އަޑުއުފުލުމާ ގުޅިގެންނެވެ.

އޭރުގެ އިދިކޮޅު އެމްޑީޕީ އާއި ތިމާވެއްޓަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ފައިނުގައި އެއާޕޯޓް އަޅާނަމަ، އެ ރަށް ނެތި ގޮސް، ބޮޑު ގަސްތަކާއި ގުދުރަތީ ވެށި ނެތިގެންދާނެ ކަމަށް ބުނެ އިހްތިޖާޖުކޮށްފަ އެވެ. އެ އިހްތިޖާޖާ ގުޅިގެން މަޝްރޫއު ހުއްޓާލީ އެވެ.

މި ސަރުކާރުން ނިންމާފައި އޮތީ ފައިނުގެ ބަދަލުގައި ރަށް ކައިރީގައި އޮންނަ ބެރިޔަންފަރުގައި އެއާޕޯޓް އަޅާށެވެ. ބެރިޔަންފަރަކީ ވެސް ގުދުރަތީ މުއްސަނދިކަން އޮތް ތަނެކެވެ. އެންމެފަހުން ފައިނަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ އެ މަޝްރޫއާ މެދު ތިމާވެށީގެ ދިފާއުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހިތްބުރަކަމެއް އޮވެދާނެ ކަމަށާއި ނަމަވެސް، މަޝްރޫއު ކުރިއަށް ގެންދާނީ ތިމާވެށި މެނޭޖްކޮށްގެން ކަމަށެވެ.

މުއިއްޒު ވަނީ ރ. އަތޮޅުގެ ޓޫރިޒަމް އިތުރަށް ފުޅާކުރައްވާނެ ކަމަށް ވެސް މިއަދު ވިދާޅުވެފަ އެވެ. ޔާމީންގެ ވެރިކަމުގައި އަތޮޅުގައި އަލަށް 17 ރިސޯޓް ހުޅުވިކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި 10 ވަރަކަށް އާ ރިސޯޓް ރ. އަތޮޅަށް ގެންނާނެ ކަމަށެވެ.

އިނގުރައިދޫން މުއިއްޒަށް މަރުހަބާ ކިޔަނީ: ފައިނުގައި އެއާޕޯޓް ހަދާނެ ކަމަށް ވިދާޅުވި

އިނގުރައިދޫން މުއިއްޒަށް މަރުހަބާ ކިޔަނީ: ފައިނުގައި އެއާޕޯޓް ހަދާނެ ކަމަށް ވިދާޅުވި

މީގެއިތުރުން އިނގުރައިދޫ ދާއިރާގައި ހިމެނޭ ރަށްރަށުގެ ބިން ހިއްކެން އޮތް މިންވަރަކުން އެކަން އޮތް، ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ސަރުކާރެއްގައި ރަށްރަށުގެ އާބާދީއަށް ބަލައި ތަފާތު ނުކުރާނެ ކަމަށާއި އެ ރަށަކަށް ބޭނުންވާ ކަންކަމަށް އެއްވަރަކަށް ސަމާލުކަން ދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އަންނަނީ ޕްލޭނެއް ހިފައިގެން. އަޅުގަނޑުމެން އެއަށް ބަލައިގެން މަޝްރޫއުތައް ތަރުތީބުކޮށްލަނީ. އިގުތިސާދު ކޮޅަށްޖަހައިގެން 187 ރަށުގަ ކަންކަން ކުރެވޭނެ ގޮތް ހަދާނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އަންނަ މަހުގެ 9 ވަނަ ދުވަހު ރައްޔިތުން ނިންމަން އޮތީ ވަރަށް ފަސޭހަ ނިންމުމެއް ކަމަށާއި އެއީ ތަރައްގީ ޔަގީންކުރާނީތޯ ނުވަތަ ތަރައްގީ ޔަގީނުން ވެސް ނުވާނެ ބަޔަކާ ވެރިކަން ހަވާލުކުރުންތޯ ކަމަށެވެ. އޭނާއަށް ވެރިކަން ދީފި ނަމަ، ބާރުމިނުގައި ރައްޔިތުން އެދޭ ކަންކަން ހާސިލްކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.