Roadha Mihaaru
ޗައިނާގެ ގާތް ގުޅުން އަލުން އިޔާދަކުރާނަން: މުއިއްޒު

ޗައިނާގެ ގާތް ގުޅުން އިޔާދަކުރާނަން، އިންޑިއާ ސިފައިން ބާލާނަން: މުއިއްޒު

31 އޯގަސްޓް 2023

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުން އިޔާދަކޮށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބަލާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން އޭދަފުށިން ނާޒިމް ހަސަން

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުން އިޔާދަކޮށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބަލާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ ރަމްޒު ކަމަށްވާ ސިނަމާލެ ބްރިޖު ހުޅުވިތާ މިރޭ ވަނީ ފަސް އަހަރުވެފަ އެވެ.

އެ ބްރިޖު ހުޅުވިއިރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވީ، ޗައިނާއާ އެކު އޮތް ގުޅުން ކުރިއެކޭ އެއްގޮތަށް، އޭނާގެ ވެރިކަމެއްގައި ވަރުގަދަކުރައްވާނެ ކަމަށެވެ.

ބ. އޭދަފުށީގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ޗައިނާއާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޭއްވި ގުޅުމަށް އިޝާރަތް ކުރައްވަމުން، މުއިއްޒު ވިދާޅުވީ އެ ގުޅުމަކީ ރާއްޖެއަށް ފައިދާވި ގާތް ގުޅުމެއް ކަމަށެވެ. އެ ގައުމާ އެކު އޮތް ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ފަދަ ޒައްރެއްގެ މިންވަރުގެ ކަމެއް ވެސް ކޮށްފައިނެތް ކަމަށެވެ. އެހެންކަމުން، އެއީ އޭނާގެ ސަރުކާރެއްގައި ވެސް ބަދަހިކުރާނެ ގުޅުމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ޗައިނާއާ އެކު ބާއްވާ ގުޅުމުން އަޅުގަނޑުމެންނަށް ލިބޭނީ ފައިދާ، މިނިވަންކަމަށް ބުރުލެއް ނާރާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިރޭ ވަނީ ޗައިނާއާ ވާދަވެރިކަން އޮންނަ އިންޑިއާއަށް އިންޒާރެއް ވެސް ދެއްވައިފަ އެވެ. އެގޮތުން، ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފައްޓަވާނެ ކަަމަށް ވިދާޅުވި އެވެ. އެންމެ ފުރަތަމަ އެކަން ކުރައްވާނީ ޑިޕްލޮމެޓިކް އުސޫލުން ކަމަށާއި އޭގެ ފަހުން އެހެން ގޮތްތައް އިހްތިޔާރުކޮށްގެން ވިޔަސް، އިންޑިއާ ސިފައިން ރާއްޖޭން ބާލާނެ ކަމަށް ވިދާޅުވި އެވެ.

"މި ގައުމުގައި ބޭރު ގައުމެއްގެ ސިފައިންނަކަށް ނުތިބެވޭނެ. އަޅުގަނޑު އެ ސިފައިން ބާލާނަން، އެއީ މިނިވަންކަމަށް ބުރޫއަރާ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ އެންމެ އިސް ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދެމެހެއްޓުން ކަމަށެވެ. އެހެންކަމުން އެ ސިޔާސަތުގެ ދަށުން މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހުރި އަޑި ނޭނގޭ ހުރިހާ އެއްބަސްވުންތަކެއް ބަލާ، އުވާލަން ޖެހޭ އެއްބަސްވުންތައް އުވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިނިވަންކަމަށް ބުރޫއަރާ ގޮތަށް އެއިން އެއްވެސް އެއްބަސްވުމެއް އޮތިއްޔާ ޖީއެމްއާރް ބޭރުކުރި ގޮތަށް އެ ބަޔަކު ބޭރު ކުރާނަން،" އަޑަށް ބާރުލައްވައި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިހެން ވިދާޅުވިއިރު، އިންޑިއާ އެކު ވެފައިވާ ބައެއް އެއްބަސްވުންތަކާ މެދު އިދިކޮޅުން ކަންބޮޑުވުން ފާޅުކުރެ އެވެ. އޭގެ ތެރޭގައި އުތުރުތިލަފަޅު ތަރައްގީކުރަން އިންޑިއާއަށް ދީފައިވާ އެއްބަސްވުން ފާހަގަކުރެ އެވެ.

މުއިއްޒު މިރޭ އޭދަފުށީގައި ޖަލްސާގައި: ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވަން ސިޔާސަތުގައި ހިމަނާފައި

މުއިއްޒު މިރޭ އޭދަފުށީގައި ޖަލްސާގައި: ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވަން ސިޔާސަތުގައި ހިމަނާފައި

"ނޫނެކޭ ބުނަން ޖެހޭ ގައުމުގެ މިނިވަންކަމަށް ބުރޫއަރާ ކޮންމެ ކަމަކަށް. ސިޔާސީ ހިޔާލު ތަފާތުވެފައިވާ ޕާޓީތަކަށް ވެސް އަޅުގަނޑު ގޮވާލަނީ މިކަމުގައި އެކަތިގަނޑަކަށްވުމަށް، އެހެން ނޫނީ ތާއަބަދަށް ކަރުނަ އަޅާ ރޯން ޖެހިދާނެ، ދަރިންގެ ދަރިންގެ މުސްތަގުބަލަށްޓަކައި ގައުމަށްޓަކައި މިނިވަންކަން ދަމަހައްޓަދޭން އެބަ ޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު އެކަން ކުރާނަން. ދިވެހިންގެ ރާއްޖެ ދިވެހިންނަށް އަޅުގަނޑު ހޯދައިދޭނަން."

މުއިއްޒުގެ ފޮރިން ޕޮލިސީގައި ޗައިނާއާ އެކު ގާތް ގުޅުމެއް ބޭއްވުމަށް ހިމަނާފައިވާއިރު، އަރަބި ގައުމުތަކާ އެކު ވެސް އެފަދަ ގާތް ގުޅުމެއް ބާއްވާނެ ކަމަށް ވިދާޅުވި އެވެ. އެ ގައުމުތަކާ އެކު ބާއްވާ ގާތް ގުޅުމުން ދިވެހިންނަށް މުޅީން ވެސް ލިބޭނީ ފައިދާ ކަަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޖަށް ފަސް އަހަރު، މުއިއްޒަށް އުފާވެރި ވަގުތުކޮޅެއް

ޗައިނާ އާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ ސިނަމާލެ ބްރިޖަށް މިއަދު ފަސް އަހަރު ފުރުނުކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ބްރިޖު ހުޅުވި ވަގުތު، އަނެއްކާވެސް ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަން ފުރުސަތު ލިބުމަކީ އުފާ ކުރައްވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަދަކީ ވިޝަނަރީ ލީޑަރެއްގެ ވަރުގަދަ އުއްމީދުތަކެއް ހަގީގަތަކަށްވެ ނިމުނުތާ ފަސް އަހަރު ފުރޭ ދުވަސް ކަމަށާއި ގައުމަށް އަނެއްކާވެސް ބޭނުންވަނީ އެފަދަ ލީޑަޝިޕެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ވަގުތު ވެސް އެބަ އިހްސާސްވަމުން ދޭ ޔާމީން މި ގައުމަށް ބޭނުންވެފައިވާ މިންވަރު. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ވެރިކަން ލިބިއްޖެނަމަ، ރައީސް ޔާމީން މިނިވަންކޮށްދޭނަން. ނުހައްގުން ހުކުމެއްކޮށް ޖަލަށްލާފައިވާ ރައީސް ޔާމީން މިނިވަންކުރާނަން،" އަޑަށް ބާރުލައްވާފައި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދިވެހިންނަށް ބޮޑެތި މަޝްރޫއުތައް ގެެނެސްދެއްވީ ޔާމީން ކަމަށާއި އޭގެ ކުރިން ރާއްޖޭގައި ހިންގަމުން ދިޔައީ ކުދިކުދި ކަންކަން ކަމަށެވެ. މިހާރު ރައްޔިތުން ބޭނުން ވަނީ ބޮޑެތި ކަންކަން ރަށްރަށުގައި ކުރުމަށް ކަމަށާއި ރައްޔިތުން އެދެނީ ވެސް އެފަދަ ކަންކަމަށް ކަމަށެވެ.

މުއިއްޒު މިރޭ އޭދަފުށީގައި ވާހަކަ ދައްކަވަނީ: ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވަން ސިޔާސަތުގައި ހިމަނާފައި

މުއިއްޒު މިރޭ އޭދަފުށީގައި ވާހަކަ ދައްކަވަނީ: ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވަން ސިޔާސަތުގައި ހިމަނާފައި

"ރައްޔިތުން ބޭނުންވަނީ ބައިވަރު މަސައްކަތްތަކެއް ކުރަން. އެއަށްވުރެ ފަހަތަށް ޖެހޭކަށް ބޭނުން ނުވާނެ. މަޖުބޫރުވި ހާލަތެއްގައި އަޅުގަނޑުމެން މި ތިބީ ފަހަތަށް ސޮއްސާލާފައި. އެކަމަކު އަނބުރާ އެ ދުވަސްތައް ގެނެސްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

އޭދަފުއްޓަށް ގިނަ ވައުދުތަކެއް

މިރޭ އޭދަފުށީގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ މި ރަށަށް ގިނަ ވައުދުތަކެއްވެޑައިގެންފަ އެވެ. މުއިއްޒު ފާހަގަކުރައްވާ ގޮތުގައި، އޭދަފުއްޓަކީ އޭނާގެ ވެރިކަމެއްގައި އިސްކަމެއް ދީގެން ތަރައްގީ ކުރާނެ ރަށެކެވެ. އެއީ ސަރަހައްދުގެ ގިނަ ރައްޔިތުންނަށްޓަކައި ކޮށްދޭން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

- ހިއްކި ބިން ތަރައްގީކުރުން

- ބޮޑު ހައުސިން މަޝްރޫއުއެއް

- ހުރިހާ މަގެއް ހެދުން

- މާންޑޫ އިހްތިސޯސް ތެރޭ ހިމެނުން

- ސްޕޯޓްސް ކޮމްޕްލެކްސް

- ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް

- ކޮންވެންޝަން ސެންޓަރެއް

- އާޓިފިޝަލް ބީޗެއް

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެއްވެސް ރަށެއް ތަފާތު ނުކުރާނެ ކަމަށާއި ރަށްރަށަށް ބޭނުންވެފައިވާ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ. އެކަން ކުރާނީ އިގުތިސޯދު ކޮޅަށް ޖަހައި، ދަރަނިތައް ވެސް ދައްކަމުން ކަމަށް ވިދާޅުވި އެވެ.

"ދަރަނީގެ ދަންތުރައެއްގަ ގައުމު މި އޮތީ. 100 މިލިއަން ރުފިޔާގެ ދަރަނި އެބަ އޮތް، ތައްޔާރުވެގެން މި އަންނަނީ މި ލޯނުތައް ގައުމު ބެންކްރަޕްޓް ނުވެ ދައްކަން. ލޯނު ރީފައިނޭންސްކޮށް ބަހާލައިގެން ދައްކަން،" މުއިއްޒު ވިދާޅުވި އެވެ.