Roadha Mihaaru
ވެރިކަމަކީ ޝަރަފެއް ނޫން، ބޮޑު އަމާނާތެއް: މުއިއްޒު

ވެރިކަމަކީ ޝަރަފެއް ނޫން، ބޮޑު އަމާނާތެއް: މުއިއްޒު

21 ސެޕްޓެމްބަރ 2023

ވެރިކަމަކީ ބޮޑު އިއްޒަތަކާއި ޝަރަފެއްގެ ގޮތުގައި ގަބޫލު ނުކުރައްވާ ކަމަށާއި އޭނާ ވެރިކަމަށް މި އަންނަނީ ރައްޔިތުން ހަވާލުކުރާ ބޮޑު އަމާނާތެއް ކޮނޑުގައި އަޅުއްވައިގެން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ރ. ފައިނުން އިފްރާޒް އަލީ

ވެރިކަމަކީ ބޮޑު އިއްޒަތަކާއި ޝަރަފެއްގެ ގޮތުގައި ގަބޫލު ނުކުރައްވާ ކަމަށާއި އޭނާ ވެރިކަމަށް މި އަންނަނީ ރައްޔިތުން ހަވާލުކުރާ ބޮޑު އަމާނާތެއް ކޮނޑުގައި އަޅުއްވައިގެން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރ. ހުޅުދުއްފާރުގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާ ކުރައްވަން ބޭނުންވަނީ އަދުލުވެރި އަދި އިންސާފުވެރި ވެރިކަމެއް ކަމަށެވެ. އަދުލުވެރިކަން ގާއިމު ވާނީ ރައްޔިތުންނަށް އެމީހުންގެ އެންމެހާ ހައްގުތައް ކަށަވަރުކޮށްދެވިގެން ކަމަށާއި އަދި އިންސާފު ހޯދައިދެވޭނީ އިންސާފު ގާއިމު ވެއްޖެކަން ރައްޔިތުންނަށް ޔަގީންކޮށްދެވިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާގެ ވެރިކަމެއްގައި ކޮންމެ ރައްޔިތެއްގައި އަޑުއަހައި އަދި އެމީހުންގެ ހައްގު ލިބިއްޖެ ކަން ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ނުކުރަން އެއްވެސް ހާލެއްގައި ވެރިކަމަކީ ބޮޑު އިއްޒަތެއް ގޮތުގައި ޝަރަފެއްގެ ގޮތުގައި މި މަގާމަކީ. ކުރިމަތިލާފައި ހުރި މި މަގާމުގެ އިއްޒަތެއް ޝަރަފެއް ނޯންނާނެ. އެ އިއްޒަތާއި ޝަރަފު ހޯދަން ލިބޭ ސަބަބު އެއީ ބޮޑު ޒިންމާއެއްކަން އެ މިހާއަށް ނޭނގޭހާ ހިނދަކު،" އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ހަވާލު ކުރާ ބޮޑު އަމާނާތަކާ ހަވާލުވާން މި ޖެހެނީ. ރައްޔިތުންގެ ވަރަށް ބޮޑު ޒިންމާއަކާ ހަވާލުވާން ޖެހެނީ، މިއީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް."

ޑރ. މުއިއްޒުގެ ކެމްޕެއިނަށް ރ. ހުޅުދުއްފާރުގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ޕީޕީއެމް

ޑރ. މުއިއްޒުގެ ކެމްޕެއިނަށް ރ. ހުޅުދުއްފާރުގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ޕީޕީއެމް

މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާ ވެރިކަމަށް މި އަންނަނީ ރައްޔިތުންގެ ހައްގުތަކާއި ބޭނުންތައް ކަށަވަރުކޮށްދިނުމުގެ ބަދަލުގައި އޭނާއާ ހަވާލުކުރާ މި ބޮޑު އަމާނާތް، ވަރަށް ތެދުވެރިކަމާ އެކު ރައްޔިތުންނަށް އަނބުރާ ރައްދުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އޭނާއަށް އޮތުމުންނެވެ.

އޭނާގެ ފުރިހަމަ ނިޔަތަކީ ވެސް ރައްޔިތުން ބޭނުންވާ ކަންކަން ތެދުވެރިކަމާ އެކުގައި ކޮށްދިނުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. ވަކި ފިކުރަކަށް، ވަކި ޕާޓީއަކަށް ބެލުމެއް ނެތި އެންމެނަށް ހަމަހަމަ އުސޫލަކުން ކަންކަން ކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގައުމު އޮތް ހާލަތު އަދިވެސް ބަދަލުކުރެވިދާނެ އެވެ. އެ އުއްމީދު އަދި ކަނޑާއެއް ނުލެވެ އެވެ. އިގުތިސާދު ނަގައި ކޮޅަށް ޖަހައި، ގައުމަށް އާމްދަނީ ލިބޭނެ ގޮތްތައް ވެސް އިތުރުކުރެވިދާނެ އެވެ. އަދި ތަރައްގީއާ އެކު ގައުމުގެ މިނިވަން ކަން ވެސް އޭނާގެެ ވެރިކަމެއްގައި ކަށަވަރުކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.