Roadha Mihaaru
ތިނަދުއަށް ރައީސްގެ ވައުދު: ޓޫރިޒަމް ޒޯނާއި ފްލެޓް

ތިނަދުއަށް ރައީސްގެ ވައުދު: ޓޫރިޒަމް ޒޯނާއި ބިން ހިއްކުމާއި 500 ފްލެޓް

30 އޯގަސްޓް 2023

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ގދ. ތިނަދޫގެ ފަޅު ތެރޭގައި ހަދަން ނިންމާފައިވާ ޓޫރިޒަމް ޒޯނާ އެކު، މި ރަށުގެ ބިން އިތުރަށް ހިއްކައި 500 ފްލެޓްގެ މަޝްރޫއެއް ވެސް ކުރިއަށް ގެންދަވަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވައުދުވެވަޑައިގެންފި އެވެ.

އިފްރާޒް އަލީ ގދ. ތިނަދޫން އިފްރާޒް އަލީ

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ގދ. ތިނަދޫގެ ފަޅު ތެރޭގައި ހަދަން ނިންމާފައިވާ ޓޫރިޒަމް ޒޯނާ އެކު، މި ރަށުގެ ބިން އިތުރަށް ހިއްކައި 500 ފްލެޓްގެ މަޝްރޫއެއް ވެސް ކުރިއަށް ގެންދަވަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވައުދުވެވަޑައިގެންފި އެވެ.

ރައީސްގެ ކެމްޕެއިނަށް މިރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި ވަނީ މި ރަށަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމާފައިވާ ކަން އިއުލާންކޮށްފަ އެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުން ތިނަދޫ ތަރައްގީކުރުމުގެ ހާއްސަ ސިޔާސަތެއް ގެންގުޅޭ ކަމަށެވެ. އެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އިކޮނޮމިކް ކައުންސިލުން ތިނަދޫގެ ފަޅު ތެރޭގައި ހަދަން ނިންމާފައިވާ އިންޓަގްރޭޑެޓް ޓޫރިޒަމް ޒޯން ތަރައްގީވާއިރު، މި ރަށުގެ ބިން އިތުރަށް ހިއްކާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އެއާއެކީގައި އެތަނަށް ބޭނުންވާ އިތުރު ތަފާތު ދާއިރާގެ ވިޔަފާރި އާއި އިންޑަސްޓްރިއަލް އެކިއެކި ކަންތައްތައް ކުރުމުގެ ޖާގަ އެތަނުން ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ ދަތިކަމަކީ މި ރަށުގެ ރައްޔިތުންގެ ވެސް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރު މި ރަށުގައި އަޅަމުން އަންނަ 200 ފްލެޓްގެ އިތުރުން 500 ފްލެޓް އަޅައިދޭނެ ކަމަށެވެ. މާދަމާ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ތިނަދޫގެ އިތުރުން ކުޅުދުއްފުއްޓާއި ފުވައްމުލަކާ އަދި އައްޑޫގައި ވެސް 500 ފްލެޓް އަޅަން މާދަމާ އެއްބަސްވުމުގައި ސޮއިކުރާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސްގެ ވައުދުތައް

• ތިނަދޫގެ ފަޅު ތެރޭގައި ބިން ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހެދުން.

• ތިނަދޫގެ މިހާރު ހިންގާ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ ދަށުން ރަށުގެ ހުރިހާ މަގެއްގައި ތާރު އެޅުން.

• ޓިވެޓްގެ ކެމްޕަހެއް ހުޅުވުން.

• ޑިޑޮކްސިފިކޭޝަން ސެންޓަރު ހުރިހާ ވަސީލަތެއް ހުރި ރިހެބް ސެންޓަރަކަށް ބަދަލުކުރުން.

• ތިނަދޫ ހޮސްޕިޓަލުގައި މެޑިސިން ކިޔަވައިދޭން ފެށުމަށް ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ހުޅުވުން.

• ތިނަދު އަށް މަސް ކިރޭނެ ގޮތް ހެދުން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް ވިދާޅުވީ ގއ. އާއި ގދ. އަށް އެމަނިކުފާނު ގެންނަވަން އުޅުއްވަނީ ހެޔޮ ބަދަލެއް ކަމަށެވެ. ތަރައްގީގެ ބިޔަ ބޮޑު މަޝްރޫއުތަކެއް މި ދެ އަތޮޅަށް ރާއްވަވައި، އެކަންކަން އިއުލާންކުރަވަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ތިނަދޫގެ ޓާޝިއަރީ ހޮސްޕިޓަލާއި ކޮމާޝަލް ބަނދަރުގެ މަސައްކަތް ނިމި، ކަސްޓަމްސް އާއި އެމްޕީއެލް އާއި އިމިގްރޭޝަންގެ ހިދުމަތް ވެސް ފެށުމާ އެކު މި ރަށަށް ހީނުކުރާ ވަރުގެ ކުރިއެރުމެއް ލިބި ސިޓީއެއްގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް މި ރަށުގައި ފުރިހަމަ ވާނެ އެވެ. އަދި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމާ އެކު، ޓޫރިޒަމްގެ ވިޔަފާރި ވެސް ފުޅާވާނެ އެވެ.