31 އޯގަސްޓް 2023
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ބޭނުންކުރުމަށް ރަޝިޔާ އަށް ހަތިޔާރު ނުވިއްކުމަށް އެމެރިކާ އިން އުތުރު ކޮރެއާ އަށް އިއްޔެ އިންޒާރުކޮށްފި އެވެ.
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ބޭނުންކުރުމަށް ރަޝިޔާ އަށް ހަތިޔާރު ނުވިއްކުމަށް އެމެރިކާ އިން އުތުރު ކޮރެއާ އަށް އިއްޔެ އިންޒާރުކޮށްފި އެވެ.
އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ ރަޝިޔާ އާއި އުތުރު ކޮރެއާއާ ދެމެދު ގާއިމުކުރަން އުޅޭ، ހަތިޔާރު ވިއްކުމުގެ އެއްބަސްވުމާ މެދު އެމެރިކާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން ރަޝިޔާއާ އެކުގައި ކުރަމުން އަންނަ މަޝްވަރާތައް ހުއްޓާލައި، ރަޝިޔާ އަށް ހަތިޔާރު ނުވިއްކާނެކަން އާންމު ކުރުމަށް އުތުރު ކޮރެއާ އަށް ގޮވައިލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކިރްބީ ވިދާޅުވި ގޮތުގައި ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ މިދިޔަ ޖުލައި މަހު އުތުރު ކޮރެއާ އަށް ކުރެއްވި ދަތުރުގައި، އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުންއާ އެކުގައި ބޭއްވި ބައްދަލުވުމުގައި، ހަތިޔާރު ގަތުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް އެމެރިކާ ގަބޫލުކުރެ އެވެ. ރަޝިޔާ އަށް ގަންނަން މަސައްކަތް ކުރާ ހަތިޔާރުގެ ތެރޭގައި ބޮޑުބަޑީގެ އުންޑަ އާއި އެ ނޫން ބައެއް ހަތިޔާރު ހިމެނޭ ކަމަށް ވެސް ކިރްބީ ވިދާޅުވި އެވެ.
އެމެރިކާ އިން މި މޭރުމުން އުތުރު ކޮރެއާ އަށް އިންޒާރުކުރި އިރު، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި އުތުރު ކޮރެއާގެ ރައީސް ކިމް ވަނީ، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ރަސްމީ ސިޓީތަކެއް ބަދަލުކުރައްވައިފަ އެވެ. އެ ސިޓީތަކުގައި ދެ ގައުމުން ވެސް ބުނެފައިވަނީ، ދެ ގައުމުގެ ރައްޔިތުންނަށް މަންފާކުރަނިވި ދާއިރާތަކުންނާއި ސަލާމަތީ ރައްކާތެރިކަމުގެ ދާއިރާ އިން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށެވެ.
ފެބްރުއަރީ 24، 2022 ގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، އުތުރު ކޮރެއާ އިން ރަޝިޔާ އަށް ބޮޑުބަޑީގެ އުންޑަތަކެއް މިދިޔަ އަހަރުގެ ތެރޭގައި ވެސް ފޮނުވައިފި ކަމަށް އެމެރިކާ ތުހުމަތުކުރެ އެވެ. ކިރްބީ އިއްޔެ ވިދާޅުވި ގޮތުގައި ހަތިޔާރުގެ ވިޔަފާރި ފުޅާ ކުރުމާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ރަޝިޔާ އާއި އުތުރު ކޮރެއާ އިން މަޝްވަރާ ކުރަމުން އަންނަ ކަމުގެ ސިއްރު މައުލޫމާތު ލިބެ އެވެ.
ރަޝިޔާ އަށް ހަތިޔާރު ނުވިއްކުމަށް، އެމެރިކާ އިން މީގެ ކުރިން ވެސް ބައެއް ގައުމުތަކަށް ވަނީ އިންޒާރުކޮށްފަ އެވެ. އޭގެ ތެރޭގައި ރަޝިޔާއާ އެކުގައި ގާތް ގުޅުމެއް ދަމަހައްޓަމުން އަންނަ ޗައިނާ ވެސް ހިމެނެ އެވެ.
ރަޝިޔާ އާއި އުތުރު ކޮރެއާ އަކީ ވެސް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ ދަތިކުރުމުގެ ފިޔަވަޅުތަކަކާ ކުރިމަތިލަމުން އަންނަ ދެ ގައުމެވެ. ނިއުކްލިއާ ހަތިޔާރާއި ބެލިސްޓިކް މިސައިލް އަޖުމަބެލުމުގެ މައްސަލައިގައި އދ. މަޖިލީހުން ވަނީ އުތުރު ކޮރެއާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
އޭގެ އިތުރުން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، އެމެރިކާ އާއި ނޭޓޯގެ ބައެއް ގައުމުތަކުން ވަނީ ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ
ކިމްއާ އެކު ހުރިހާ ދާއިރާއަކުން މަޝްވަރާ ކުރެވޭނެ
ޕުޓިންއާ މަޝްވަރާ ކުރައްވަން ކިމް ރޭލުގައި ރަޝިޔާއަށް
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
ރަޝިޔާގެ މިސައިލްތަކުން ކިޔޭވްއަށް ބޮޑެތި ގެއްލުންތަކެއް
ރަޝިޔާގައި މިސައިލް އުފެއްދުން ދެގުނަ އިތުރުކުރަނީ
ކްރީމިއާގައި ރަޝިޔާގެ މިސައިލްތަކެއް ގޮއްވާލައިފި
އެމެރިކާގެ މިސައިލް ނިޒާމުތަކަށް ހަމަލާ ދޭނަން: ރަޝިޔާ
އެމެރިކާގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް
ރަޝިޔާ އަށް ހަތިޔާރެއް ނުވިއްކަން: އުތުރު ކޮރެއާ