Roadha Mihaaru
"ނައިފަރުގެ ބޮޑު ފަޅި އޮތީ މުއިއްޒާ އެކު"

ވާދަވެރިކަން ބޮޑު؛ "ނައިފަރުގެ ބޮޑު ފަޅި އޮތީ މުއިއްޒާ އެކު"

31 އޯގަސްޓް 2023

ސިޔާސީ ގޮތުން ވާދަވެރި ޅ. ނައިފަރަށް މިއަދަކީ ވަރަށް ފޯރިގަދަ ދުވަހެކެވެ. މީގެ ނުވަ ދުވަސް ފަހުން ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން ކަމަށްވާ އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީ/ޕީޕީއެމްގެ ޑރ. މުހައްމަދު މުއިއްޒު ވެސް މި ރަށަށް ވަޑައިގަތީ މިއަދެވެ.

ނާޒިމް ހަސަން ޅ. ނައިފަރުން ނާޒިމް ހަސަން

ސިޔާސީ ގޮތުން ވާދަވެރި ޅ. ނައިފަރަށް މިއަދަކީ ވަރަށް ފޯރިގަދަ ދުވަހެކެވެ. މީގެ ނުވަ ދުވަސް ފަހުން ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން ކަމަށްވާ އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީ/ޕީޕީއެމްގެ ޑރ. މުހައްމަދު މުއިއްޒު ވެސް މި ރަށަށް ވަޑައިގަތީ މިއަދެވެ.

ނައިފަރުގެ ބަނދަރު ސަރަހައްދުގައި ފުލުހުންގެ ޓޭޕެއް ދަމައި، ދެ ފަޅިއަށް ބަހާލާފައިވާއިރު އެއް ފަޅި އޮތީ އެމްޑީޕީއަށެވެ. އަނެއް ފަޅި ޕީޕީއެމަށެވެ. މި ކެމްޕެއިންގައި މިއަދު ނައިފަރަށް ފުރަތަމަ ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އޭރު ބަނދަރުމަތިން ފެށިގެން ރަށު ތެރެއަށްދާ ވަރަށް މަރުހަބާ ކިޔަން ދިގު ސަފެއް ދަމާލާފައި އޮތެވެ.

މުއިއްޒު ވަޑައިގަތީ ރައީސްގެ ކެމްޕެއިން ޖަލްސާ އެމްޑީޕީގެ ޖަގަހައިގައި ކުރިއަށް ގެންދަނިކޮށެވެ.

މުއިއްޒު ނައިފަރަށް އަރާވަޑައިގެން ވަޑައިގަތީ އަންހެންވެރިންގެ ކުރުދަފީގެ ސަލާމަކާ އެކު އެވެ. ރަށަށް މުއިއްޒު ލެފީ، ދަފި ނަގަމުންދިޔަ ދޯނީގަ އެވެ. ދޯނީގައި ހުންނަވައި މުއިއްޒުގެ ގެންދެވީ ނައިފަރުގެ ރައްޔިތުންނަށް ތަރުހީބު ދެއްވަމުންނެވެ. އޭނާ ރަށަށް ފައިބައިވަޑައިގެންނެވުމާ އެކު ވެސް ދަމާލާފައި އޮތް ދިގު ސަފުން ހޫނު މަރުހަބާއެއް ކި އެވެ.

ނައިފަރުން މުއިއްޒަށް މަރުހަބާ ދަންނަވަނީ: ބޮޑު ފަޅި އޮތީ މުއިއްޒުއާ އެކު ކަމަށް މެންބަރު ވިދާޅުވި

ނައިފަރުން މުއިއްޒަށް މަރުހަބާ ދަންނަވަނީ: ބޮޑު ފަޅި އޮތީ މުއިއްޒުއާ އެކު ކަމަށް މެންބަރު ވިދާޅުވި

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީ އާއި ޕީޕީއެމްގެ ވާދަވެރިކަން ނައިފަރުގައި އޮތީ ވަރަށް ބޮޑަށެވެ. ނައިފަރުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި ރަށުގެ 50 ޕަސެންޓަށް ވުރެ މަތީ އަޣުލަބިއްޔަތެއް އެ މަނިކުފާނަށް ދިނުމަށް އެދިވަޑައިގެންފަ އެވެ.

ނަމަވެސް، ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ނައިފަރުގެ ބޮޑު ފަޅި އޮތީ ޕީޕީއެމާ އެކު ކަމަށާއި އިންތިހާބުގައި ނައިފަރުން މުއިއްޒަށް 60 ޕަސެންޓް ވޯޓު ލިބޭނެ ކަމަށެވެ. މިދިޔަ ފަސް އަހަރު ނައިފަރުގެ ތަރައްގީ އޮތީ ހުއްޓިފައި ކަމަށާއި ރައްޔިތުން ބޭނުން ވަނީ ހަލުވި ތަރައްގީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށުގެ ތާއިދު ވަޒަންކުރަން މިހާރު ގެންގުޅޭ މީޓަރަކީ މަރުހަބާ ކިޔަން ދަމާލާ ސަފަށް ވާއިރު، ޕީޕީއެމްގެ ސަޕޯޓަރަކު ބުނީ، މުއިއްޒަށް މަރުހަބާ ކިޔަން ދަމާލި ސަފު މާދިގު ކަމަށާއި އެއީ އެއްވެސް މަޖުބޫރު ކަމެއް، ބިރު ދެއްކުމެއް ނެތި ދަމާލި ސަފެއް ކަމަށެވެ.

ނައިފަރުން މުއިއްޒަށް މަރުހަބާ ދަންނަވަނީ: ބޮޑު ފަޅި އޮތީ މުއިއްޒުއާ އެކު ކަމަށް މެންބަރު ވިދާޅުވި

ނައިފަރުން މުއިއްޒަށް މަރުހަބާ ދަންނަވަނީ: ބޮޑު ފަޅި އޮތީ މުއިއްޒުއާ އެކު ކަމަށް މެންބަރު ވިދާޅުވި

"މި ސަފުގައި ނުތިބޭނެ ރަށުން ބޭރު މީހުންނެއް ވެސް. މިއީ ނައިފަރު، މިއީ ނައިފަރުގެ ބޮޑު ފަޅި،" ފިޔާތޮށި ޓީޝާޓެއް ލައިގެން ހުރި އެ މީހާ ބުންޏެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ހުންނެވީ ނައިފަރުން ކިޔާފައިވާ މަރުހަބާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެނެސް ދެއްވި ތަރައްގީ އާއި އެ މަނިކުފާނު ދެއްކެވި ކެންޑިޑޭޓް ނައިފަރުގެ ރައްޔިތުން ބަލައިގެންފައިވާ ކަމުގެ ހެކި ލިބިއްޖެ ކަމަށެވެ.

"މި ވެރިކަން ނިންމަން ނައިފަރު ރައްޔިތުން ބޭނުންވާ މަންޒަރު ވަރަށް ސާފުކޮށް ރައީސަށް ވެސް މިއަދު ފެންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މަރުހަބާ ކިޔަން ދަމާލާފައި އޮތް ސަފުގައި ތިބި މީހުންނާ މުއިއްޒު ސަލާން ކުރައްވަމުން ބަނދަރުން ރަށުތެރެއަށް ހިންގަވާފައި ވަޑައިގެންނެވިއިރު، ރަށުގެ ޖަލްސާ ނިންމަވައިލެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަނދަރަށް ވަޑައިގެން ލޯންޗުކޮޅުގައި އުފަން ރަށް، ހިންނަވަރަށް ފުރާވަޑައިގެންނެވި އެވެ.

ދެ ފަޅީގެ ސަޕޯޓަރުން ވެސް އޭރު ތިބީ ފުލުހުން ދަމާފައިވާ ޓޭޕްގެ ދެ ފަރާތުގައި އެ ބަޔަކު ތާއީދުކުރާ ކެންޑިޑޭޓަކަށް ސާބަސް ދޭށެވެ.