Roadha Mihaaru
"ގިރާވަރު ފަޅު މާ ފުރިހަމައަށް ތަަރައްގީކުރާނަން"

ކަންބޮޑުނުވޭ، ގިރާވަރު ފަޅު މާ ފުރިހަމައަށް ތަަރައްގީކޮށްދޭނަން: އަސްލަމް

02 ސެޕްޓެމްބަރ 2023

ހުޅުމާލޭގެ ބަދަލުގައި ގިރާވަރު ފަޅުންނާއި ގުޅިފަޅުން ގޯތި ލިބުނު މީހުން ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެ ތަންތަން މާ ފުރިހަމައަށް މި ސަރުކާރުން ތަރައްގީކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ހުޅުމާލޭގެ ބަދަލުގައި ގިރާވަރު ފަޅުންނާއި ގުޅިފަޅުން ގޯތި ލިބުނު މީހުން ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެ ތަންތަން މާ ފުރިހަމައަށް މި ސަރުކާރުން ތަރައްގީކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މާލޭގެ ރަށްވެހިންނަށް މި ސަރުކާރުން ވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅު ސަރަހައްދުން ގޯތި ދޫކޮށްފަ އެވެ. ތަަރައްގީވެފައި އޮތް ހުޅުމާލޭން ގޯތި ނުލިބުމުން އެކަމުގެ ޝަކުވާ އާއި ކަންބޮޑުވުން ބައެއް މީހުން ފާޅުކުރާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ކާނިވާ ސަރަހައްދުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް އެ މީހުންނަށް ދެއްވި މެސެޖަކީ އެއްވެސް ގޮތަކަށް ކަންބޮޑުނުވުމަށެވެ. އޭނާ ވިދާޅުވީ މާލޭން ގޯތި ދޫކުރި ދުވަސްވަރު ހިއްކައިގެން އެކަން ކުރަން ޖެހުމުން ގިނަ މީހުން އެކަން ދޫކޮށްލި ކަމަށެވެ. ނަމަވެސް، އެކަން ކުރި މީހުންނަށް މިހާރު އެތައް މަންފާއެއް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.

ހަމަ އެގޮތަށް ގުޅިފަޅުން ގެވަޅު ލިބުނު މީހުންނަށް ވެސް އޮތީ އެކަހަލަ ބޮޑު މަންފާއެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ހުޅުމާލެއަށް ވުރެ މާރަނގަޅަށް އެ ތަން ޕްލޭން ކުރާނެ، 20 އަހަރުގެ ޕްލޭނަކަށްވުރެ މާ ފުރިހަމަ މާ ރަނގަޅު ޕްލޭނަކަށް ވެގެންދާނީ،. އެކަމާ ކަންބޮޑުނުވޭ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ގޯތި ދިނުމުގެ ކަންކަން މި ސަރުކާރުން ވަނީ ކޮށްފައި ކަމަށާއި އެއީ މާލޭގެ ރައްޔިތުންނަށް ގެނެސްދިން ބޮޑު ތަސައްލީއެއް ކަމަށެވެ. މާލެއަކީ މީހުންނަށް ދިރިއުޅެވޭ ފަދަ ތަނަކަށް ހަދަން ސަރުކާރުން ކުރަމުންދާ މި މަސައްކަތަކީ އެކަމުން މުޅި ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރަށް ރައްޔިތުންގެ އެހާ ބޮޑު ތާއިދެއް އޮތީ އެހެންވެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"މިކަން ނިމިއްޖެ، މިކަން ނިމިއްޖެ، ނިމިއްޖެ، ނިމިއްޖެ، މި ފެންނަނީ އުތުރުން ވެސް ދެކުނުން ވެސް މެދުރާއްޖެ ތެރެއިން ވެސް މި މަންޒަރު، މާލޭން އަދި އަމުދުން މި މަންޒަރު،" ސަރުކާރަށް އޮތް ތާއިދު ސިފަކުރައްވައި، އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީ އުފެދުނީ ރާއްޖެ ބަދަލުކޮށް ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. އެމްޑީޕީ އަދި މި ސަރުކާރުން އަދިވެސް ދެމިއޮތީ އެ މަސައްކަތުގައި ކަމަށެވެ. އެނޫން ވާހަކައެއް ދައްކައި، ބަޔަކު ޕާޓީ ދޫކޮށްލިޔަސް، ޕާޓީއަށް އެއްވެސް ހީނަރުކަމެއް ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ ފިކުރަކަށް ބަދަލެއް ނާދޭ، ބަދަލުވެގެން ވަކިވެގެން ދިޔައީ ވަންހަނާވެފައިވާ ފިކުރެއް، އަޅުގަނޑުމެންގެ ފިކުރެއް ނޫން. އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މި ފިކުރުގަ، ރައްޔިތުންނަށް ހެޔޮ ގޮތް ހޯދުމަށް،" އަސްލަމް ވިދާޅުވި އެވެ.

"ކާށިދޫ ނައީމްބެ ބުނަނީ މިއީ ވަރުގަދައަށް ފޯދީފައިވާ ކެޔޮ ގަހެކޭ، ކެޔޮގަނޑެއްގަ އިންނަ އެންމެ ފުލު ވަކަކުން އަދި ގަހަކަށް އަސަރެއް ނުކުރާނެއޭ، މި ފެންނަނީ މި ޕާޓީ ފުޅާވަނުންދާ ތަން، މެންބަރުން އިތުރުވާތަން، ތާއިދު އިތުރުވާ ތަން."