Roadha Mihaaru
އިންތިހާބުގައި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެ

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެ: ޕޮލިސް

02 ސެޕްޓެމްބަރ 2023

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ރިޔާސީ އިންތިހާބަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން ރިޔާސީ އިންތިހާބުގެ ޑެޕިއުޓީ ކޮމާންޑަރުު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް، އަހުމަދު މުސްލިމް ވިދާޅުވީ އިންތިހާބުގައި ފުލުހުންގެ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ގޮތުން މިފަހަރު ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެ ކަމަށެވެ.

"މި އޮޕަރޭޝަން ކުރިއަށްދާއިރުގައި ޕޯލިން ސެންޓަރުތަކުގައި އަޅުގަނޑުމެންގެ އޮފިސަރުން ހަރަކާތްތެރިވާއިރުގައި އަޅުގަނޑުމެން މިހާރު އޮޕަރޭޝަނަލީ ފްރޮންޓްލައިނުގައި އޮފިސަރުން ބޭނުންކުރަމުންދާ ބޮޑީ ވޯން ކެމެރާ ބޭނުންކުރަމުންދާނެ،" އޭނާ ވިދާޅުވި އެވެ.

ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

މި އިންތިހާބުގެ ހުރިހާ ކަމަކަށް އަދި ދިމާވެދާނެ ހުރިހާ ހާލަތަކަށް އަޅުގަނޑުމެން މި ތިބީ ފުރިހަމައަށް ތައްޔާރުވެގެން.

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެކަން އިލެކްޝަންސް ކޮމިޝަނަށް ވެސް ވަނީ އަންގައިފަ އެވެ. އަދި ބޮޑީ ވޯން ކެމެރާ ބޭނުންކުރާނީ އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ކަމަށް ވެސް މުސްލިމް ވިދާޅުވި އެވެ.

ފުލުހަކު ބޮޑީ ވޯން ކެމެރާއާ އެކު: ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރާ ގޮތަށް ވަނީ ހަމަޖެހިފައި-- ފޮޓޯ: ޕޮލިސް

ފުލުހަކު ބޮޑީ ވޯން ކެމެރާއާ އެކު: ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރާ ގޮތަށް ވަނީ ހަމަޖެހިފައި-- ފޮޓޯ: ޕޮލިސް

ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބުގެ ކޮމާންޑަރު ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ ކެމްޕެއިނުގެ ބެނާތައް މަގުތަކުގައި ދަމާފައި ހުރިއިރު ސެކިއުރިޓީ ކެމެރާތަކުގެ ވިއު ބްލޮކްވާނެ ގޮތަށް ބައެއް ބެނާތައް ދަމާފައި އެބަހުރި ކަމަށެވެ. އެ ބެނާތައް ނެގުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވަނީ އިންތިހާބުގެ ސެކިއުރިޓީގެ ކަންކަމަށް ފުލުހުން ފުރިހަމައަށް މިހާރު ތައްޔާރުވެފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ރަށްރަށަށް ފޮނުވަން ޖެހޭ ފުލުހުން ފޮނުވުމުގެ ހުރިހާ ކަމެއް ނިމިފައިވާއިރު އިންތިހާބުގެ އެންމެ ފަހު 72 ގަޑިއިރަކީ ކެމްޕެއިނުގެ ހިނގާލުންތަކާއި އެއްވުންތަކަށް ޕާޓީތަކުން ބާއްވާނެ ވަގުތަކަށްވާތީ އެކަން ފުރިހަމައަށް ރޭވުމަށް ކެންޑިޑޭޓުންގެ މަންދޫބުންނަށް މި ހަފްތާ ތެރޭގައި ބައްދަލުކުރާނެ ކަމަށް ވެސް ޝާކިރު ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވީ ކެމްޕެއިނު ކުރުމުގެ ފުރުސަތު ބަންދުވުމުން އެ ރޭގެ ދަންވަރު ކިއު ހަދައިގެން މަސައްކަތްކުރާ މަންޒަރު މީގެ ކުރީގެ އިންތިހާބުތަކުން ފެނިފައިވާ ކަމަށާއި އެކަމަކު އެގޮތަށް އެކަންކަން ނުކުރުމަށް ޕާޓީތަކުގެ މަންދޫބުންނަށް އަންގާފައިވާ ކަމަށެވެ.

"ވަކިން ދުރާލާ ގޮނޑިއަޅައިގެން ނޫނީ މޭޒު ބަހައްޓައިގެން އެކަންކަން ކުރާކަމުގައި ވާނަމަ، މުޅި ސެކިއުރިޓީގެ ކަންކަމަށް ބުރޫއެރުން ކަހަލަ ކަންކަން ދިމާވެދާނެ. އެއްވެސް ޕާޓީއަކުން އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރެވިފައި ވާތީ އެ ފުރުސަތު ދޭ ގޮތަކަށް ނޫން މިއޮތީ،" ޝާކިރު ވިދާޅުވި އެވެ.

އޭނާ ވަނީ މި އިންތިހާބަކީ ވޯޓުލާ ފަރާތްތަކާއި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ރަނިން މޭޓުންގެ ހައްގުތަކާއި ޕާޓީތަކުގެ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުވެގެންދާނެ ގޮތަކަށް ހުރިހާކަމެއް ވެސް ތަރުތީބުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"މި އިންތިހާބުގެ ހުރިހާ ކަމަކަށް އަދި ދިމާވެދާނެ ހުރިހާ ހާލަތަކަށް އަޅުގަނޑުމެން މި ތިބީ ފުރިހަމައަށް ތައްޔާރުވެގެން،" ޝާކިރު ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވި ގޮތުގައި މިފަހަރުގެ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުގެ ދައުވަތަކަށް 31 ބޭފުޅުންނާއި 130 އިންޓަނޭޝަނަލް މޮނިޓަރުންނާއި އޮބްޒާވަރުން ބައިވެރިވެ އެވެ.