Roadha Mihaaru
ރަށްރަށަށް ވޯޓު ކަރުދާސް ފޮނުވަން ފަށައިފި

ރަށްރަށަށް ވޯޓު ކަރުދާސް ފޮނުވަން ފަށައިފި

27 ސެޕްޓެމްބަރ 2023

ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ބޭނުންވާ ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ބޭނުންވާ ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މާލެއަތޮޅު ފިޔަވައި އެހެން އަތޮޅުތަކަށް މިއަދު ހެނދުނު ތަކެތި ފޮނުވަން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މާލެއަތޮޅަށް ތަކެތި ފޮނުވާނީ މާދަމާ ކަމަށެވެ.

ވޯޓުކަރުދާހާއި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވަނީ، ފުލުހުންގެ ބެލުމުގެ ދަށުން، އެންމެމަތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އުތުރާއި ދެކުނުގެ ރަށްރަށަށް ދިއުމަށް ހަމަޖެހިފައިވާ ފުލުހުން ވެސް މިއަދު ވަނީ ފުރައިފަ އެވެ.

ދެވަނަ ބުރުގައި 586 ވޯޓްފޮށި ބަހައްޓާ އިރު، ވޯޓު ލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެ އެވެ. އެއީ، 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ. މިފަހަރު ލިސްޓަށް ވަނީ ފުރަތަމަ ބުރުގެ އަދަދަށް ވުރެ 408 މީހުން އިތުރު ވެފަ އެވެ.

އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓްފޮށި ބަހައްޓަނީ ފަސް ގައުމެއްގަ އެވެ. އެއީ އިންޑިއާ، ސްރީ ލަންކާ، މެލޭޝިއާ، ޔޫއޭއީ އަދި އިނގިރޭސިވިލާތުގަ އެވެ.