Roadha Mihaaru
ފަޒްނާ އަށް ހިޔާ ފްލެޓް ސަރަހައްދުން ފުރައްސާރަކޮށްފި

ފަސްޓް ލޭޑީ އަށް ހިޔާ ފްލެޓް ސަރަހައްދުން ފުރައްސާރަކޮށްފި

17 ސެޕްޓެމްބަރ 2023

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަަށް އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހިޔާ ފްލެޓް ސަރަހައްދަަށް މިއަދު ވަޑައިގަތުމުން، އިދިކޮޅު ބަޔަކު އެ ކަމަނާ އަށް ފުރައްސާރަ ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަަށް އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހިޔާ ފްލެޓް ސަރަހައްދަަށް މިއަދު ވަޑައިގަތުމުން، އިދިކޮޅު ބަޔަކު އެ ކަމަނާ އަށް ފުރައްސާރަ ކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ 2 ގައި އިމާރާތްކުރި ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދަށް ފަޒްނާ ވަޑައިގަތީ މިއަދު ހަވީރެވެ.

ފަޒްނާ އެ ސަރަހައްދަށް ވަޑައިގަތުމުން އެ ކަމަނާއާ ދިމާލަށް ހަޑިހުތުރު ބަހުން މުހާތަބުކޮށް، އަޑު އުފުލި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ތަކުގައި ފަޒްނާ އަށް ނިސްބަތްވާ ގޮތަށް ވަރަށް ހަޑިހުތުރުކޮށް ފުރައްސާރަ ކުރާ އަޑު އިވެ އެވެ. ހުޅުމާލެ 2 އަށް ފަޒްނާ އަށް އަރާވަޑައިނުގެންނެވޭނެ ކަމަށް ވެސް އެ މުޒާހަރާގައި ބައިވެރިވި މީހުން ގޮވަމުން ދިޔަ އެވެ.

ފަޒްނާއާ ދެކޮޅަށް އަޑު އުފުލި މީހަކު ބިޑި އަޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތް ކުރި ތަން ވެސް ވީޑިއޯއަކުން ފެނެ އެވެ.

ފުލުހުގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުގެ ތުހުމަތުގައި ކަމަށެވެ. އެކަމަކު، އެ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ފަސްޓް ލޭޑީ އަށް ފުރައްސާރަކޮށް، ހުތުރު ބަހުން މުހާތަބު ކުރިޔަސް އެ ކަމަނާ ވަނީ ބައެއް ފްލެޓްތަކަށް ވަޑައިގެން ފިރިކަލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކުރައްވައިފަ އެވެ.

ހިޔާ ސަރަހައްދަށް ފަސްޓް ލޭޑީ ވަޑައިގަތުމުން އިދިކޮޅުގެ ބަޔަކު ކަންތައް ކުރި ގޮތުން އެމްޑީޕީގެ މެމްބަރުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިޔާ ފްލެޓް ސަރަހައްދަކީ ވަކި ބައެއްގެ ބާރު ހިނގާ ސަރަހައްދެއް ނޫން ކަމަށާއި ކޮންމެ ރައްޔިތަކަށް މިނިވަންކަމާ އެކު ކެމްޕެއިން ކުރެވޭނެ ކަމަށެވެ. ފަސްޓް ލޭޑީ އަށް ހުރަސް އަޅައި ހަމަލާދޭން އުޅުނު ކަމަށާއި އެއީ ފިނޑި އަމަލެއް ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ދެވަނަ ބުރުގައި ވާދަ ކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ 101،635 ވޯޓު ހޯއްދެވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރަތަމަ ބުރުގައި މަދުން ވޯޓު ލިބިވަޑައިގަތުމުން ވަނީ އޭގެ ސަބަބުން ދަނެގަނެ ކެމްޕެއިން ވަރުގަދަ ކުރައްވައިފަ އެވެ.