Roadha Mihaaru
ސިފައިންގެ ފްލެޓްތައް އާއިލާތަކަށް ދައްކާލައިިފި

ސިފައިންގެ ފްލެޓްތައް އާއިލާތަކަށް ދައްކާލައިިފި

03 ސެޕްޓެމްބަރ 2023

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ސިފައިންގެ ފްލެޓްތައް އެ ތަންތަން ލިބުނު ސިފައިންނާއި އެ މީހުންގެ އާއިލާތަކަށް މިއަދު ދައްކާލައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ސިފައިންގެ ފްލެޓްތައް އެ ތަންތަން ލިބުނު ސިފައިންނާއި އެ މީހުންގެ އާއިލާތަކަށް މިއަދު ދައްކާލައިފި އެވެ.

މީގެ ނުވަ އަހަރު ކުރިން އިމާރާތްކުރަން ފެށި ނަމަވެސް އެކި ސަބަބުތަކާ ހެދި ނުނިމި ދިގުލައިގެން ގޮސްފައިވާ ސިފައިންގެ ފްލެޓްތައް ބެލުމަށް މިއަދު ހަވީރު ސިފައިންގެ އާއިލާތަކުގެ ބައެއް މީހުން އެ ޓަވަރުތަކަށް ޒިޔާރަތްކުރި އެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ބައެއް ސީނިއާ އޮފިސަރުން ވެސް ފްލެޓްތަކަށް މިއަދު ވަޑައިގަތެވެ.

ތިން ޓަވަރުގައި އިމާރާތް ކޮށްފައިވާ 345 އެޕާޓްމަންޓުގެ އެންމެ ފަހުގެ މަސައްކަތް ސިފައިންގެ އާއިލާތަކަށް ދެއްކި ނަމަވެސް އެ ތަންތަން ދޫކުރާނެ ދުވަހެއް އަދި ނުބުނެ އެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް މިއަދު "މިހާރު" އަށް ވިދާޅުވީ، އެ ސިފައިންގެ މީހަކަށް ލިބޭ ފްލެޓް އެލޮކޭޓް ކުރުމުގެ ފުރުސަތު 2-3 ދުވަސް ފަހުން ދޭނެ ކަމަށެވެ.

"އެލޮކޭޝަން ހެދޭހާ އަވަހަކަށް އެގްރީމަންޓްތަކުގައި ސޮއިކުރަން ފަށާނަން،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ހުރިހާ އެޕާޓްމަންޓްތަކެއް ވެސް މިހާރު ވަނީ ނިމިފަ އެވެ. ފެނާއި ކަރަންޓު ވެސް އެޕާޓްމަންޓްތަކަށް ދީފައިވާ ކަމަށް އޭނަ ވިދާޅުވި އެވެ.

"ބޭރުން ބަލާއިރު މަސައްކަތް ކުރާ ތަން ފެންނާނެ. އެކަމަކު އެ ފެންނަނީ ކޮމާޝަލް ބައިތަކުގެ މަސައްކަތް ކުރާ ތަން. ފްލެޓްތަކުގައި މިހާރު އެ ހުރީ ހުރިހާ މަސައްކަތެއް ނިންމާފައި،" ބްރިގޭޑިއާ ޖެނެރަލްގެ ރޭންކުން މޭޖަ ޖެނެރަލްގެ ރޭންކަށް މިދިޔަ ޖުލައި މަހު ޕްރޮމޯޓް ކޮށްފައިވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

ސިފައިންގެ ފްލެޓްތަކުގެ ބިންގާ އެޅީ ނޮވެމްބަރު 26، 2014 ގަ އެވެ. މަސައްކަތް ނިންމަން ޖެހޭ ސުންގަޑިއަކީ 18 މަސް ކަމަށް އޭރު ކަނޑައެޅިޔަސް ކޮންޓްރެކްޓަރުގެ އެކިއެކި މައްސަލަތައް ކުރިމަތިވެ، އެ ކަމެއް ނުވި އެވެ. ނަމަވެސް މި ސަރުކާރުން ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އާ މަސައްކަތް ހަވާލުކުރި ހިސާބުން ސްޕީޑް އަވަސްވި އެވެ.

ސިފްކޯގެ ފްލެޓްތަކަށް ފައިސާ ދެއްކި މީހުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ރޭ ބޭއްވި އެވެ.

ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން މިދިޔަ ޖޫން މަހު ބޭއްވި ޖަލްސާގައި، ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ސިފްކޯ ފްލެޓްތަކަށް މިދިޔަ މަހު ވަދެވޭނެ ކަމަށެވެ. އެކަމަކު، އެ މުއްދަތު ފަހަނައަޅައިގެން ދިޔައިރު ވެސް އަދި ވަދެވޭ ގޮތެއް ނުވެ އެވެ.