Roadha Mihaaru
ސިފްކޯ ފްލެޓްތައް ކުއްޔަށް ދީފިއްޔާ އަތުލާނެ

ސިފައިންގެ ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ ބޮޑުވެ، އަތުލާނެ ކަމުގެ އިންޒާރު!

28 އެޕްރީލް 2024

ސިފައިންނަށް ކުއްޔަށް ދޫކޮށްފައިވާ ސިފްކޯގެ ފްލެޓްތައް އެހެން ބަޔަކަށް ކުއްޔަށް ދޭ ނަމަ އެ ތަންތަން އަތުލާނެ ކަމުގެ އިންޒާރު އެމްއެންޑީއެފުން ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިފައިންނަށް ކުއްޔަށް ދޫކޮށްފައިވާ ސިފްކޯގެ ފްލެޓްތައް އެހެން ބަޔަކަށް ކުއްޔަށް ދޭ ނަމަ އެ ތަންތަން އަތުލާނެ ކަމުގެ އިންޒާރު އެމްއެންޑީއެފުން ދީފި އެވެ.

ސިފްކޯ ހިޔާގެ ފްލެޓުތައް ދޫކޮށްފައިވާ މީހުންނާ އެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ ތަންތަން ދެ ވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ.

އެ މައްސަލާގައި އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ދެ ފަރާތުން ވެފައިވާ އެއްބަސްވުމާ ހިލާފަށް ފްލެޓުތަކާ މެދު އަމަލުކުރާ ކަމަށް ބެލެވޭ މީހުންނަށް، އެ ތަންތަން އަތުލާނެ ކަމުގެ އިންޒާރުގެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ފްލެޓު ކުއްޔަށް ދިނުން ހިމެނުނަސް، މިހާތަނަށް އަދި އެއްވެސް ފްލެޓެއް އަތުނުލާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ސިފައިންނަށް ދޫކުރި ގިނަ ފްލެޓުތައް މިހާރު ވެސް ހުރީ ދެ ވަނަ ފަރާތަކަށް ކުއްޔަށް ދީފަ އެވެ. ފްލެޓުތައް ލިބުނު ސިފައިންގެ އެ އާއިލާތައް ދިރިއުޅެނީ އެހެން ތަންތަނުގަ އެވެ.

ތިން ޓަވަރުގައި އިމާރާތް ކޮށްފައިވާ 345 އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކޮށް، ބައެއް ތަންތަނަށް ވަނީ މީހުން ބަދަލުވެފަ އެވެ. ނަމަވެސް، ބައެއް ފްލެޓުތައް ކުއްޔަށް ދިނުމަށް އެކި ތަންތަނުގައި އިސްތިހާރު ކޮށްފައި ވެސް ހުއްޓެވެ.

ސިފައިންގެ ފްލެޓްތަކުގެ ބިންގާ އެޅީ ނޮވެމްބަރު 26، 2014 ގަ އެވެ. މަސައްކަތް ނިންމަން ޖެހޭ ސުންގަޑިއަކީ 18 މަސް ކަމަށް އޭރު ކަނޑައެޅިޔަސް ކޮންޓްރެކްޓަރުގެ އެކިއެކި މައްސަލަތައް ކުރިމަތިވެ، އެ ކަމެއް ނުވި އެވެ. އެހެންވެ، ފަހުން އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އަށެވެ.

ސިފައިންގެ ތިން ޓަވަރަށް 548 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.