Roadha Mihaaru
މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކަށް ފާތުން ނުކުންނަނީ

މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކަށް ފާތުން މިރޭ ނުކުމެވަޑައިގަންނަވަނީ

04 ސެޕްޓެމްބަރ 2023

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް މިރޭ ރަސްމީކޮށް ނުކުމެވަޑައިގަންނަވަން ނިންމަވައިފި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް މިރޭ ރަސްމީކޮށް ނުކުމެވަޑައިގަންނަވަން ނިންމަވައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކާނިވާ ސަރަހައްދުގައި ހަދާފައިވާ ޕީޕީއެމްގެ މައި ޖަގަހަ އަށް މިރޭ 8:30 އަށް ފާތުން ވަޑައިގެން ކެމްޕެއިން ޓީމުތަކާ ބައްދަލުކުރައްވާނެ އެވެ. އެ ކަމަނާ ވަޑައިގަންނަވާތީ އެ ބައްދަލުވުންތަކަށް ދިއުމަށް ޕީޕީއެމްގެ އިސް ބައެއް އެކްޓިވިސްޓުން މިހާރު އަންނަނީ ދައުވަތު ވެސް ފޮނުވަމުންނެވެ.

މިއީ ޕީއެންސީގެ ރިޔާސީ ޓިކެޓް މުއިއްޒަށް ދޭން އެ ޕާޓީގެ ކައުންސިލުން ފާސްކުރި ފަހުން ޔާމީންގެ އަނބިކަނބަލުން މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކަށް އަމަލީ ގޮތުން ނުކުންނަވާ ފުރަތަމަ ފަހަރެވެ. ނަމަވެސް މުއިއްޒުގެ އަރިހުގައި މަސައްކަތްކުރާ އެކި އިސްބޭފުޅުން ވިދާޅުވާ ގޮތުގައި މުއިއްޒު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ޔާމީންގެ އިތުރުން ސީދާ ފާތުންގެ ތާއީދާއި އެހީތެރިކަމާ އެކު އެވެ. ވަކިވަކި ކެމްޕެއިން ގުރޫޕްތަކަށް ވެސް ފާތުން ފޯނު ކުރައްވައި އިރުޝާދު ދެއްވާ ކަމަށް ވެ އެވެ.

ޔާމީންގެ ވެރިކަމުގައި އިޖުތިމާއީ އަދި ސިޔާސީ ބައެއް ކަންކަމުގައި ވެސް ވަރަށް އަމަލީ ގޮތުން އުޅުއްވި ފާތުން، މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކުން ނުފެންނާތީ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރެ އެވެ.