Roadha Mihaaru
މުއިއްޒު ވިދާޅުވީ މާމިގިލި ޕޯޓުގެ މަސައްކަތް އަލުން ފަށާނެ ކަމަށް

މުއިއްޒުގެ ވެރިކަމެއްގައި މާމިގިލީ އިންޓަނޭޝަނަލް ޕޯޓުގެ އޮޕަރޭޝަން އަލުން ފަށާނެ

04 ސެޕްޓެމްބަރ 2023

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އޭނާ އަށް ކާމިޔާބުވެއްޖެ ނަމަ ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި ގާއިމްކުރި މާމިގިިލީ އިންޓަނޭޝަނަލް ޕޯޓުގެ ހިދުމަތް އަލުން ފަށާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އދ. މާމިގިލިން އައިޝަތު ނުޒުހާ

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އޭނާ އަށް ކާމިޔާބުވެއްޖެ ނަމަ ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި ގާއިމްކުރި މާމިގިިލީ އިންޓަނޭޝަނަލް ޕޯޓުގެ ހިދުމަތް އަލުން ފަށާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އދ. މާމިގިއްޔަށް މިއަދު ހަވީރު ވަޑައިގެން، އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕޯޓުގެ ހިދުމަތް ފެށި ކަމަށާއި މި ސަރުކާރުން އެކަން ހުއްޓުވާފައިވާ ކަމަށް މި ރަށުގެ ރައްޔިތުން ބުނެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމެއްގައި އަލުން އެ މަސައްކަތް ފަށައި އެއާ ގުޅިގެން ގެންނަން ޖެހޭ ފެސިލިޓީސްތައް ގެންނާނެ ކަމަށެވެ.

"ޕޯޓު ހަގީގަތަކަށް ހަދައި، ފީސިބަލް ތަނަކަށް ހެދުމަކީ އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ރަށުގެ ރައްޔިތުންނާ ގުޅިގެން ކުރިއަށް ގެންދާނެ ކަމެއް،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މާމިގިއްޔަށް ވަޑައިގެންނެވުމުން އެ ރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މަރުހަބާ ދެންނެވުމަށް ސަފު ހަދާލާފައި-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާގެ ވެރިކަމެއްގައި ވެސް މަޝްރޫއުތައް ކުރިއަށް ގެންދާނީ ޔާމީންގެ ވެރިކަމުގެ ދައުރުގެ ހިންގިސްޕީޑުގަ އެވެ.

މާމިގިލި ޕޯޓުގެ މަސައްކަތް ހުއްޓާލަން ނިންމާފައިވާ ކަމަށް 2021 ވަނަ އަހަރު ވާހަކަ ދެއްކެވުމާ ގުޅިގެން އޭރު އެމްޕީއެލުން ބުނެފައިވަނީ ހުއްޓާނުލާ ކަމަށާއި އޮޕަރޭޝަނުގެ ސްކޭލް ކުރިއަށް ވުރެ ދަށްކުރީ ކަމަށެވެ.

މި ރަށުން މިއަދު ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ މަސައްކަތް ހުއްޓާލައި، އެ ތަނުގައި މަސައްކަތް ކުރި 35 އެއްހާ މުވައްޒަފުން މާލެ ބަދަލުކޮށްފައިވާ ކަމަށެވެ.

މާމިގިލީ ޕޯޓް ހިންގުން ޔާމީންގެ ވެރިކަމުގައި އެމްޕީއެލްއާ ހަވާލުކުރީ ޖޫން 28، 2017 ގަ އެވެ. އެ ޕޯޓުގެ ސަބަބުން ދައުލަތަށް ކޮންމެ އަހަރަކު 8 މިލިއަން ރުފިޔާގެ ގެއްލުންވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރިން ވިދާޅުވެފައި ވެ އެވެ.

މުއިއްޒު، މާމިގިއްޔަށް ވީ ބައެއް އިތުރު ވައުދުތައް

- މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން.

- ޔުނިވާސިޓީ ކެމްޕަހެއް ގާއިމްކުރުން.

- އޭޓީއެމްގެ ހިދުމަތް.

- އާ މިސްކިތެއް އިމާރާތްކޮށްދިނުން.

- ފެންވަރު ރަނގަޅު ހޮސްޕިޓަލެއް.

- ޒުވާނުންނަށް ސްޕޯޓްސް ފެސިލިޓިއެއް.