Roadha Mihaaru
ރައީސް ކަމުދިޔައީ ސިޔާސީ ވެރިން ހައްޔަރު ނުކުރާތީ

ޔާސިރަށް ރައީސް ކަމުދިޔައީ ސިޔާސީ ވެރިން ހައްޔަރުނުކޮށް ވެރިކަން ނިންމާލާތީ

05 ސެޕްޓެމްބަރ 2023

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވައި ހިޔާލު ތަފާތުވާ މީހުންނާ އެކު މަސައްކަތްކުރާނެ އިތުރު ވެރިއަކު ނެތް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ހދ. ކުޅުދުއްފުށިން އިފްރާޒް އަލީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވައި ހިޔާލު ތަފާތުވާ މީހުންނާ އެކު މަސައްކަތްކުރާނެ އިތުރު ވެރިއަކު ނެތް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ރޭ ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ޔާސިރު ވިދާޅުވީ، އޭނާ މި ދާއިރާގެ މެމްބަރުކަން ކުރައްވާތާ މިވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ތަފާތު އެކި ވެރިންނާ ދިމާވެއްޖެ ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫނީ އެކުގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ވެރިއަކު ދިމާނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ އެތެރޭގައި މި ފަހުން އުފެދުނު ކޯޅުގަނޑުގެ ތެރެއިން އެ ޕާޓީ ދޫކުރައްވައި، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ޑިމޮކްރެޓްސްއާ ޔާސިރު ކުރިން ގުޅިވަޑައިގަތެވެ. އޭނާއާ އެކު ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފާއި ކައުންސިލުގެ ބައެއް މެމްބަރުން ވެސް އެ ޕާޓީ އަށް އޭރު ސޮއިކުރެއްވި އެވެ.

ނަމަވެސް، ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތްތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، އެ ހުރިހާ ބޭފުޅުން މިދިޔަ މަހު އަލުން އެމްޑީޕީ އަށް ސޮއިކުރެއްވި އެވެ.

"އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ހިޔާލު ތަފާތުވާ ބޭފުޅުންނާ އެކީގައި މަސައްކަތް ކުރެވުމަކީ ވެރިއެއްގެ ކިބައިގައި ހުންނަން އަޅުގަނޑު ބޭނުންވާ އެންމެ މުހިންމު އެއް ސިފަ. މިއަދު ތި ބޭފުޅުން ކުރިމައްޗަށް ނުކުމެ އަޅުގަނޑު މި ދަންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވައި އިތުރު ވެރިއެއް، އިތުރު ބޭފުޅެއް ނެތް ހިޔާލު ތަފާތުވާ ބޭފުޅުންނާ އެކީގައި މަސައްކަތް ކުރެވޭނެ،" ޔާސިރު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އެމްޑީޕީއާ އަލަށް ގުޅުނު މެމްބަރުންނާ އެކު ރައީސް ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: އެމްޑީޕީ

އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ ވެރިން ހައްޔަރު ނުކޮށް ވެރިކަމެއް ނިންމައިލެވުނީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެކަންޏެވެ.

"މިއީ ދެވަނަ ދައުރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދޭން މި ނުކުންނަ ސަބަބަކީ،" ޔާސިރު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ރައީސް ވަނީ ކުޅުދުއްފުއްޓަށް ވެސް ގިނަ އާ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛

• ކުޅުއްފުއްޓަށް ބިން އިތުރުކުރުން.

• ބައިނަލްއަގުވާމީ ފެންވަރުގެ ރިކްރިއޭޝަނަލް ސެންޓަރެއް ހެދުން.

• ލޯކަލް ކޮމާޝަލް ބަނދަރެއް ހެދުން.

• ހުރިހާ މަގެއްގައި ތާރު އަޅައި ނިންމުން.

• ކުޅުދުއްފުށީގެ ކުރިމަތީގައި އޮންނަ ކުނބުރުދޫ އިންޑަސްޓްރިއަލް ރަށަކަށް ހެދުން.

• ޔޮޓް މެރީނާ އާއި ކްރޫޒް ލައިނަށް ހިދުމަތް ދެވޭ ގޮތް ހެދުން.

• ކޮންވެންޝަން ސެންޓަރެއް ހެދުން.

• ޕިކްނިކް އައިލެންޑެއް ހަމަޖައްސައިދިނުން.

• ބޮޑުތިލަދުންމައްޗަށް ހާއްސަ ލޯކަލް ޓޫރިޒަމް ފައިނޭންޝިއަލް ޕެކޭޖެއް ތައާރަފުކުރުން.