Roadha Mihaaru
އަޅުގަނޑުމެން ފައިސާ ޗާޕްކުރުން ހުއްޓާލާނަން: މުއިއްޒު

އިގުތިސާދުގެ އަސާސްތައް ނެތިއްޖެ، ފައިސާ ޗާޕްކުރުން ހުއްޓާލާނަން: މުއިއްޒު

06 ސެޕްޓެމްބަރ 2023

މި ސަރުކާރުގެ މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދުގެ އަސާސްތައް ނެތިގެން ގޮސްފައިވާ ކަމަށާއި މި ވެރިކަމުގައި އެކަނިވެސް 8 ބިލިއަން ރުފިޔާ ޗާޕްކޮށްފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދުގެ އަސާސްތައް ނެތިގެން ގޮސްފައިވާ ކަމަށާއި މި ވެރިކަމުގައި އެކަނިވެސް 8 ބިލިއަން ރުފިޔާ ޗާޕްކޮށްފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގެ ކެމްޕެއިންގެ ފަހު މަންޒިލް ކ. ތުލުސްދޫގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ފައިސާ ޗާޕްކުރަނީ "ވަކި ވަރެއް ބަލާފައި" ނޫން ކަމަށެވެ. ކޮވިޑްގެ ވަބާގެ ދުވަސްވަރު ކުރިމަތިވި އިގްތިސާދީ ދަތިތަކާ ގުޅިގެން ފައިސާ ޗާޕްކުރަން ޖެހިދާނެ ކަމަށާއި އެކަމަކު މިދިޔަ އަހަރާއި މި އަހަރު ވެސް ސަރުކާރުން ފައިސާ ޗާޕްކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރީގެ 40 އަހަރު ހިނގި ހުރިހާ ވެރިކަމެއް އެއްކޮށްލީމާ އެ 40 އަހަރުގެ ތެރޭގައި ޗާޕްކުރި ޖުމުލަ އަދަދަކީ ގާތްގަނޑަކަށް ހަ ބިލިއަން. މި ފަސް އަހަރު އެކަނި 8 ބިލިއަން ޗާޕްކޮށްފި،" ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.

ތުލުސްދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީޕީއެމް

ތުލުސްދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީޕީއެމް

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން ފައިސާ ޗާޕްކުރަނީ ފިޒްކަލް ރެސްޕޮންސިބިލިޓީ ގާނޫނުގައި ބަޔާންކުރާ އެ ކަމާ ގުޅޭ މާއްދާ ސަސްޕެންޑް ކޮށްގެންނެވެ. އެކަން އެ ގޮތަށް ކުރީ ވެސް ރައްޔިތުންގެ މަޖިލިހުގެ ފުރިހަމަ އަޣުލަބިއްޔަތު މި ސަރުކާރުން އޮތީމާ އޭގެ ނާޖާއިޒް ބޭނުން ކޮށްގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވެ އިގްތިސާދު ހަލާކުވަނީ ހައްތާ ވެސް،" އޭނާ ވިދާޅުވި އެވެ.

"މީގެ ކުރީގެ 40 އަހަރު ހިނގި ހުރިހާ ވެރިކަމެއް އެއްކޮށްލީމާ އެ 40 އަހަރުގެ ތެރޭގައި ޗާޕްކުރި ޖުމުލަ އަދަދަކީ ގާތްގަނޑަކަށް ހަ ބިލިއަން. މި ފަސް އަހަރު އެކަނި 8 ބިލިއަން ޗާޕްކޮށްފި،"--- މުއިއްޒު

މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އިގްތިސާދީ ސިޔާސަތަކީ ފައިސާ ޗާޕްކުރުން ހުއްޓާލުން ކަމަށެވެ.

އޭނާ ވިދާޅުވީ، ފިޒްކަލް ރެސްޕޮންސިބިލިޓީ ގާނޫނުގައި ބުނާ މާއްދާ ސަސްޕެންޑް ކޮށްފައި އޮތް އޮތުން އުވާލައި، ފައިސާ ޗާޕްކުރުން ނިމުމަކަށް ގެންނާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އިގްތިސާދީ އަސާސްތައް ހިފަހައްޓާ ނަމަ ދައުލަތަށް ލިބޭ އާމްދަނީން ރިކަރެންޓް ހަރަދުތައް ހަމަޖައްސަން ޖެހޭނެ ކަމަށާއި އޭނާގެ ވެރިކަމެއްގައި އެކަން އެ ގޮތަށް ބަދަލު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ޓޫރިޒަމާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ވަސީލަތްތައް އިތުރަށް ފުރިހަމަ ކޮށްދޭނެ ކަމަށެވެ، ހާއްސަކޮށް އެފަދަ ސިނާއަތަށް ބޭނުންވާ ތަކެތީ ބޮޑު "ރިޒާވެއް" އަބަދުވެސް ރާއްޖޭގައި ބެހެއްޓޭނެ ނިޒާމެއް އޭނާގެ ވެރިކަމެއްގައި ގާއިމު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ތުލުސްދޫން ރޭ ޕީޕީއެމާ ގުޅުނު ބައެއް މީހުން.---ފޮޓޯ: ޕީޕީއެމް

ތުލުސްދޫން ރޭ ޕީޕީއެމާ ގުޅުނު ބައެއް މީހުން.---ފޮޓޯ: ޕީޕީއެމް

އޭނާ ވިދާޅުވީ، ވެރިކަމަށް ވަޑައިގަންނަވަން ބޭނުންވަނީ ސީރިއަސް މަސައްކަތްތަކެއް ކުރައްވަން ކަމަށާއި ޒުވާނުންނާއި އަންހެނުން އަދި އެ ނޫން ފަރާތްތަކަށް ވެސް ވިޔަފާރީގެ ފަހި ފުރުސަތުތަކެއް ލިބޭނެ ކަމަށެވެ. ޒުވާނުންނާއި އަންހެނުން ބާރުވެރި ކުރުވުމަކީ ހަމައެކަނި ބުނެލާ ބަހަކަށް ނުހައްދަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެހެން ވެގެން މެނިފެސްޓޯގައި އެ ވާހަކަތައް ބަޔާން ކޮށްފައި އެ ހުރީ. ހަމަ ރީއްޗަކަށް ލިޔެލާފައި ހުރި ޖުމުލަތަކެއް ނޫން އެއީކީއެއް،" ޒުވާނުން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޑޮލަރު ޖަމާކުރަން އެ މަނިކުފާނު ނިންމަވާފައިވީ ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އެ ފަންޑަށް ޖަމާކުރަން ފެށީ ދިވެހި ފައިސާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ، އޭނާ ވެރިކަމަށް ވަޑައިގަންނަވަނީ އެ ކަން ބަދަލުކުރަން ކަމަށް މުއިއްޒު ވިދާޅުވި އެވެ.