Roadha Mihaaru
ރާއްޖެ ފުރަތަމަ ފަހަރަށް 16 އަހަރުން ދަށުގެ ސެމީއަށް

16 އަހަރުން ދަށުގެ ސަރަހައްދީ މުބާރާތުން ރާއްޖެ ފުރަތަމަ ފަހަރަށް ސެމީ އަށް

06 ސެޕްޓެމްބަރ 2023

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބޫޓާނާ ވާދަކޮށް 3-2 އިން މެޗު ކާމިޔާބު ކޮށްގެން ރާއްޖޭގެ ޒުވާން ޓީމު، 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބޫޓާނާ ވާދަކޮށް 3-2 އިން މެޗު ކާމިޔާބު ކޮށްގެން ރާއްޖޭގެ ޒުވާން ޓީމު، 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބޫޓާންގައި މިހާރު ކުރިއަށްދާ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން ބަލިވީ 3-0 އިންނެވެ. ތިން ޓީމު ހިމެނޭ ގުރޫޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާނުން ވަނީ 2-1 އިން ބޫޓާން ބަލިކޮށްފަ އެވެ.

ބޫޓާން އަތުން މިރޭ ހޯދި މޮޅާއެކު ރާއްޖެ ސެމީ ފައިނަލަށް ގޮސްފައި މިވަނީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. މިއީ މި އުމުރުފުރާގެ ސާފް ޗެމްޕިއަންޝިޕް މުބާރާތެއްގައި ރާއްޖޭގެ ޓީމު ގުރޫޕް ސްޓޭޖް ފަހަނައަޅައިދިޔަ ފުރަތަމަ ފަހަރެވެ.

ހުކުރު ދުވަހު ކުޅޭ ސެމީ ފައިނަލް މެޗުގައި ރާއްޖެ ނުކުންނާނީ، ގުރޫޕް އޭގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ހޯދި އިންޑިއާއާ ދެކޮޅަށެވެ. ޕާކިސްތާން ނުކުންނާނީ ގުރޫޕް އޭގެ ދެވަނަ ހޯދި ބަންގްލަދޭޝާ ދެކޮޅަށެވެ.

ބޫޓާނާ ދެކޮޅަށް މިރޭ ކުޅުނު މެޗުގެ ހަތަރުވަނަ މިނިޓުގައި ލަނޑު ޖަހައި ލީޑު ނެގީ ރާއްޖޭންނެވެ. ބޫޓާން ކުޅުންތެރިއެއް އަތުން ބޯޅަ ހޯދައިގެން އީތަން އިބްރާޙިމް ޒަކީ، ކުރިއަށް ދުވި މުހައްމަދު އިލާން އިމްރާނަށް ދިނުމުން އޭނާ ވަނީ އެއްފަހަރުން އޭރިއާ ބޭރުގައި ހުރެ ކީޕަރު ބޯ މަތިން ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފު ނިމެނިކޮށް ބޫޓާނުން ކުރިއަށް ޖެހިގެން އުފެއްދި އެޓޭކްތަކުގެ ބޭނުން ހިފައި އެޓީމުން ލީޑު ވެސް ނެގި އެވެ. މެޗުގެ 42 ވަނަ މިނިޓުގައި ކެޕްޓަން ސޯނަމް ޑޯޖީ ކާމިޔާބު ކޯށްދިން ގޯލުން އެއްވަރު ކުރިއިރު، މި ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި އޭނާ ދުރުން ފޮނުވާލި ބޯޅައެއް ގޯލަށް ފޮނުވާލައިގެން ފުރަތަމަ ފަހަރަށް ޓީމަށް ލީޑު ވެސް ނަގައިދިނެވެ.

ރާއްޖޭޏް އެއްވަރުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓުގެ ފަހު މިނިޓުގަ އެވެ. ހާފުގެ މެދަކާ ހަމައިން އީތަން އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ގޯލަށް ވަނީ ބޫޓާންގެ ޑިފެންޑަރެއް ބޮލުގައި ޖެހިފަ އެވެ.

ރާއްޖޭން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގައި މެޗު ކާމިޔާބު ކުރީ މިރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އީތަން ކާމިޔާބު ކޮށްދިން ގޯލުންނެވެ. އިލާން ފޮނުވާލަން އުޅުނު ބޯޅަ ބޫޓާންގެ ޑިފެންޑަރުން ކްލިއާ ކޮށްލުމުގެ ތެރޭގައި އީތަން އަށް ލިބުމުން އޭނާ ވަނީ ކުރިމަތީ ހުރި ޑިފެންޑަރު ކައިރިން ނައްޓާފައި ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ވަނިކޮށް ބޫޓާންގެ ކެޕްޓަން ސޯނަމް ޑޯޖީ، ޕެނަލްޓީއެއް ހޯދަން އޭރިއާ ތެރެއަށް ގަސްތުގައި ވެއްޓިގަތް ކަމަށް ބަލައި ރެފްރީ ވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި ނުވަ މިނިޓާ އެކު މި މެޗު 100 މިނިޓަށް ދެމިގެން ދިޔަ އެވެ.