Roadha Mihaaru
މުބާރާތަށް ދާންޖެހޭނީ ބައިވެރިވެލާކަށް ނޫން: ރާފިއު

ޒުވާން ފުޓްބޯޅަ ޓީމަށް ރާފިއުގެ އިރުޝާދު؛ މުބާރާތުގައި ބައިވެރިވެލާން ދިއުމުގެ ވިސްނުން ދޫކޮށްލާ

14 އޯގަސްޓް 2024

މުބާރާތަށް ދާން ޖެހޭނީ ބައިވެރިވެލުމުގެ މަގުސަދުގައި ނޫން ކަމަށާއި ކާމިޔާބު ކުރުމުގެ އަމާޒުގައި ކަމަށް 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޒުވާން ޓީމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އިލްތިމާސް ކުރައްވައިފި އެވެ.

މުބާރާތަށް ދާން ޖެހޭނީ ބައިވެރިވެލުމުގެ މަގުސަދުގައި ނޫން ކަމަށާއި ކާމިޔާބު ކުރުމުގެ އަމާޒުގައި ކަމަށް 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޒުވާން ޓީމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އިލްތިމާސް ކުރައްވައިފި އެވެ.

ނޭޕާލްގައި ބާއްވާ 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމާ ބައްދަލުކުރައްވައި ރާފިއު ވަނީ ކުޅުންތެރިންނަށް އަގުހުރި ނަސާހަތްތަކެއް ދެއްވައިފި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހިންގުމުގެ ނިޒާމު ފުނޑުފުނޑުވެ ބިކަ ވެފައިވާ ވަގުތެއްގައި، އެންމެ ފުރަތަމަ ބޭރުގެ މުބާރާތެއްގައި ވާދަކުރާ ޓީމަކަށް ވާނީ މިރޭ ނޭޕާލަށް ދާން ފުރި 20 އަހަރުންދަށުގެ ގައުމީ ޓިމެވެ.

އެ ޓީމަށް ހިތްވަރު ދެއްވުމަށް ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުންނާ ރާފިއު ރޭ ވަނީ ބައްދަލުކުރައްވައިފަ އެވެ. ކުޅުންތެރިންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ދޭން ފެއްޓެވި އިރުޝާދުތައް މިނިސްޓަރު ފެއްޓެވީ ނަމާދަށް ފަރުވާތެރިވުމަށް އިލްތިމާސް ކުރައްވަމުންނެވެ.

"ވަރަށް މުހިންމުކަމެއް އެތުލީޓެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ހުރުން. އޭގެ މާނައަކީ ބަރާބަރަށް ނަމާދު ކުރުން. ބަރާބަރަށް ކެއުން. ބަރާބަރަށް ހައިޑްރޭޝަން މެއިންޓެއިން ކުރުން. އިންސްޓްރަކްޝަން ދޭ ގޮތަށް އަމަލުކުރުން،" ރާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމީ ޓީމާ އެކު ދާ އެތުލީޓެއްގެ އަހްލާގު ގޯސްވުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. ރާއްޖެއިން ބޭރަށް ގޮސް ޓީމު ތިބޭ ހޮޓަލާއި ދަނޑުމަތީގައި ވެސް އަދި ދަނޑުން ބޭރުގައި ވެސް އަހްލާގް ހިފަހައްޓަން ޖެހޭނެކަން ކުރީގެ ސްޕޯޓްސް ފިޒީޝަން ފާހަގަ ކުރެއްވި އެވެ.

"ކުޅިވަރުން ދަސްކޮށްދެއްވީ މިކަހަލަ ރީތި އާދަތައް،" ރާފިއު ވިދާޅުވި އެވެ. "ޑިސިޕްލިން މެއިންޓެއިން ކުރަން ޖެހޭނެ. ހޮޓަލަށް މިވެނި ގަޑިއެއްގައި ވަންނާށޭ ބުނީމަ ވަންނަން ޖެހޭނެ. ބޭރުގައި އުޅެގެން ނުވާނެ."

ސްޕޯޓްސް މިނިސްޓަރުކަމަށް ވަޑައިގެންނެވުމުގެ ކުރިން ގައުމީ ޓީމުތަކާ އެކު ގިނަ ދަތުރުތަކެއް ކުރެއްވި ރާފިއު ވިދާޅުވީ އަހްލާގް ގޯސް ވުމުން ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުން ވެސް ޓީމުން ބޭރުވެ އެނބުރި ރާއްޖެ އަންނަން ޖެހިފައި އެބަހުރި ކަމަށެވެ.

"ޕްލޭޔަރުން (އަދި) ބައެއް މެނޭޖަރުން ވެސް އެބަހުރި ޓީމު ދޫކޮށް އެނބުރި އަންނަން ޖެހިފަ. އެ ޑިސިޕްލިން އެގޮތަށް ނުހިފެހެއްޓުނީމަ. އެއީ ޓީމަކުން ޓޮލެރޭޓް ކުރާނެ އެއްޗެއް ނޫން، ޑިސިޕްލިން ޓޮލޮރޭޓެއް ނުކުރާނެ އެއްވެސް ޓީމަކުން. އެ ޑިސިޕްލިން ނެތިއްޔަކާ ދަނޑުމަތީގައި ވެސް އެ ޑިސިޕްލިންއެއް ނުހިފެހެއްޓޭނެ. އޯވަރޯލްކޮށް އަހަރެމެންގެ މާހައުލުގައި އުޅެން ޖެހޭ ގޮތަށް ނޫޅެވުނީމަ،" ރާފިއު ވިދާޅުވި އެވެ. މި ވަގުތަކީ ރާއްޖޭގެ ފުޓްބޯޅަ ހިންގުމުގެ ނިޒާމު އެންމެ ބޮޑަށް ބޮއްސުންލާފައިވާ ވަގުތެވެ. ފުޓްބޯޅަ ވެއްޓިފައިވާ ދަށް ހާލަތުގެ ވާހަކަ، ކުޅުންތެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ނުދައްކަވަ އެވެ.

އޭގެ ބަދަލުގައި ރާފިއު އެދިވަޑައިގެންނެވީ ފުޓްބޯޅައިގައި ރާއްޖޭގެ ނަން ކުރިއަށް ގެންދިއުމަށް އެ ކުޅުންތެރިން ހިތްވަރާ އެކު މަސައްކަތް ކުރުމަށެވެ.

"ދިވެހިރާއްޖޭގެ ނަން އެއްދުވަހުން އަނެއް ދުވަހަށް ފުޓްބޯޅައިގައި ކުރިއަރުވަން ތި ކުދިންނަށް ކޮށްދެވެން އޮތް ކަމެއް ކުރުން. ރާއްޖޭގެ ޓީމެއް މިދަނީ އެހެންވީމަ ރާއްޖެ ރެޕްރެޒެންޓް ކުރަން ޖެހޭނެ ދަނޑުމަތީގައި ވެސް އަދި ދަނޑުން ބޭރުގައި ވެސް،" ރާފިއު ވިދާޅުވި އެވެ.

"އެ ޑިސިޕްލިންގަ އުޅެވިއްޖެއްޔާ، އެ ޑިސިޕްލިންގައި ކުޅެވިއްޖެއްޔާ އިރާދަކުރެއްވިޔާ އަޅުގަނޑުމެންނަށް ކާމިޔާބު އޮތީ މާ ދުރުގައެއް ނޫން.

"ސިކުނޑީގައި އަބަދުވެސް ބަހައްޓާށޭ މި ދަނީ ޕާޓިސިޕޭޓް ވާކަށް ނޫނޭ. މި ދަނީ ވިން ކުރާށޭ. އަޅުގަނޑުމެން މިދަނީ ކޮމްޕްޓިޓިވް ސްޕޯޓްސްއެއްގައި ކޮމްޕީޓްކުރަން. ކޮމްޕީޓްކުރުމުގެ ބޭނުމަކީ މެޗުން މޮޅުވުން. ކޮމްޕީޓީޝަނެއްގެ ޓާގެޓަކީ އެ ވިން ކުރުން. އެއަށް ޓާގެޓް ނުކޮށްފިއްޔާ ވީވިލް ބީ ލޫޒިން."

މި އަންނަ އާދިއްތަ ދުވަހު ފަށާ މުބާރާތުގައި ރާއްޖެ ހިމެނެނީ އިންޑިއާ އާއި ބޫޓާނާ އެކު ގުރޫޕް ބީ ގަ އެވެ. ގުރޫޕް އޭގައި ނޭޕާލައި ބަންގްލަދޭޝް އަދި ލަންކާ އެވެ.

ރާއްޖޭގެ ފުރަތަމަ މެޗުގައި މި މަހު 21 ގައި ވާދަކުރާނީ ބޫޓާނާ ދެކޮޅަށެވެ. އިންޑިއާއާ ދެކޮޅަށް ކުޅޭނީ މި މަހު 23 ގަ އެވެ.

ކޮންމެ ގުރޫޕަކުން ވެސް އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ.