Roadha Mihaaru
އެއްބުރުން އިންތިހާބު ނަގަން ގިޔަރު މަތިކޮށްލާ: ރައީސް

ދެ ދުވަހު ނިދާނެ ކަމެއް ނެތް، އެއްބުރުން ނަގަން ގިޔަރު މަތިކޮށްލާ: ރައީސް

07 ސެޕްޓެމްބަރ 2023

ކުރިއަށް އޮތް ދެ ދުވަހު ގަދައަށް ކެމްޕެއިންކޮށް، އެ މަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް އެއްބުރުން އިންތިހާބު ކޮށްދިނުމަށް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިން ޓީމުތަކުގައި މިއަދު އެދިވަޑައިގެންފި އެވެ.

ނާޒިމް ހަސަން ސ. ހުޅުދޫން ނާޒިމް ހަސަން

ކުރިއަށް އޮތް ދެ ދުވަހު ގަދައަށް ކެމްޕެއިންކޮށް، އެ މަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް އެއްބުރުން އިންތިހާބު ކޮށްދިނުމަށް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިން ޓީމުތަކުގައި މިއަދު އެދިވަޑައިގެންފި އެވެ.

އައްޑޫ ހުޅުދު އަށް ވަޑައިގެން ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހު ނިދަން އުޅޭނެ ކަމެއް ނެތް ކަމަށާއި ދެން ގެއަށް ވަންނަން ވާނީ ވޯޓުލާ ނިންމައި، ކާމިޔާބު ހޯދައިގެން ކަމަށެވެ.

"ކެމްޕެއިން ޓީމުތައް އެއް ގިޔަރު މައްޗަށް ޖައްސާލާށޭ. ކުރިއަށް މި އޮތް ދެ ދުވަހު ނިދަން އުޅޭނެ ކަމެއް ނެތް. އަޅުގަނޑުމެންނަށް ދެ ދުވަހު ތިބެވޭނެ ނުނިދާ ވެސް. އިރާދަކުރެއްވިއްޔާ އެއްބުރުން މިކަން ނިމޭނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"އިންތިހާބުގެ ނަތީޖާއެއް ބަދަލުކޮށްލަން ބޭނުން ވަނީ އެންމެ ވޯޓެއް. ނުކުމެ އެންމެން ވެސް ވޯޓުލާށޭ. އާއިލާ އާއި ރައްޓެހިން ވެސް ނުކުމެ ވޯޓުލާށޭ."

ރައީސް ވިދާޅުވީ، އެ މަނިކުފާނު އައްޑު އަށް ވަޑައިގަތުމުން ރޭ ފެނިވަޑައިގަތީ ހަގީގަތުގައި ވެސް އިންތިހާބު ނިމި، އެމްޑީޕީ އަށް ކާމިޔާބުވެފައި އޮތް މަންޒަރު ކަމަށެވެ. ރާއްޖޭގެ އެހެން ރަށްތަކުން ވެސް ފެނުނީ އެ މަންޒަރު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަނީ މިކަން ހަމަ ހަގީގަތުގައި ވެސް ނިމިފައި އޮތް ތަން،" ރައީސް ވިދާޅުވި އެވެ.

ހުޅުދޫން ރައީސަށް މަރުހަބާ ދަންނަވަނީ

ހުޅުދޫން ރައީސަށް މަރުހަބާ ދަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ދެވަނަ ދައުރެއް އެ މަނިކުފާނަށް ފެނިވަޑައިގަންނަވަނީ މާ އުފާވެރިކޮށެވެ. އައްްޑު އަށް ވީ ވައުދުތައް ފުރިހަމައަށް ފުއްދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އައްޑު އަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ރައީސް ހުޅުދު އަށް ވަޑައިގަތުމުން މި ރަށުގެ ކެމްޕެއިން ޓީމުން ވަނީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ހުޅުދޫން ބޮޑު ތާއިދެއް ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. ހުޅުދު އަކީ "ދަ ޑިމޮކްރެޓްސް"ގެ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަށެކެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުން 130،000 އަށް ވުރެ ގިނަ ވޯޓު އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެވެ. މި އަދަދަށް ވޯޓު ލިބިއްޖެ ނަމަ ދެވަނަ ބުރަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ރޭ އައްޑު އަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކި އެވެ. ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވި ގޮތުގައި، އެއީ އައްޑޫން ސިޔާސީ ބޭފުޅަކަށް މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުހަބާކީ ފަހަރެވެ.

ގަން އެއާޕޯޓްގައި ދަމާލި ސަފުގެ އެންމެންނާ ސަލާމް ކުރުމަށް ރައީސް ދޮޅުގަޑިއިރު ހޭދަ ކުރެއްވި އެވެ. އޭރު "ދަ ޑިމޮކްރެޓްސް"ގެ ކެންޑިޑޭޓް އިލްޔާސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އައްޑޫގައި ކެމްޕެއިންގައި އުޅުއްވި އެވެ.