Roadha Mihaaru
ވާދަވެރި، ފޯރިގަދަ ކެމްޕެއިން ނިންމާލައިފި

މަސް ދުވަހުގެ ވާދަވެރި، ފޯރިގަދަ ކެމްޕެއިން ނިންމާލައިފި

08 ސެޕްޓެމްބަރ 2023

މާދަމާ އޮންނަ ރިޔާސީ އިންތިހާބަށް ގާތްގަނޑަކަށް މަސް ދުވަސް ވަންދެން ކުރަމުން އައި ވަރަށް ފޯރިގަދަ އަދި ވާދަވެރި ކެމްޕެއިން ހުރިހާ ޕާޓީތަކަކުން ނިންމާލައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާދަމާ އޮންނަ ރިޔާސީ އިންތިހާބަށް ގާތްގަނޑަކަށް މަސް ދުވަސް ވަންދެން ކުރަމުން އައި ވަރަށް ފޯރިގަދަ އަދި ވާދަވެރި ކެމްޕެއިން ހުރިހާ ޕާޓީތަކަކުން ނިންމާލައިފި އެވެ.

މާދަމާ އޮންނަ އިންތިހާބަކީ މިހާތަނަށް ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބެވެ. ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވާއިރު، ޕާޓީތަކުގެ މެދުގައި ވާދަވެރިކަން ބޮޑެވެ.

އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެން ގޮސްފައިވަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު، ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ދެމެދު އެވެ.

ކެމްޕެއިންގެ އެންމެފަހު ދުވަހު ވެސް ރައީސް ވަނީ ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވާފަ އެވެ. މިއަދު ހެނދުނު ފ. އަތޮޅަށް ވަޑައިގެންނެވުމަށްފަހު ކ. ދިއްފުށި އަދި ހުރައަށް ވަޑައިގެންނެވި އެވެ. އެއަށްފަހު އެންމެ ފަހު ހަރަކާތެއްގެ ގޮތުން މާލޭގެ އުސްފަނޑުގައި އޮތް އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަހަރުގެ ރިޔާސީ އިންިހާބުގެ އެމްޑީޕީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ނިންމާލުމުގެ ގޮތުން އެ ޕާޓީ އިން އުސްފަސްގަނޑު ސަރަހައްދުގައި މިއަދު ހަވީރު ބާއްވާ ހިނގާލުމުގައި ޕާޓީ އަށް ސަޕޯޓުކުރާ މީހުން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

މިއަހަރުގެ ރިޔާސީ އިންިހާބުގެ އެމްޑީޕީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ނިންމާލުމުގެ ގޮތުން އެ ޕާޓީ އިން އުސްފަސްގަނޑު ސަރަހައްދުގައި މިއަދު ހަވީރު ބާއްވާ ހިނގާލުމުގައި ޕާޓީ އަށް ސަޕޯޓުކުރާ މީހުން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

މި އެއްވުމުގައި ރައީސް ވިދާޅުވީ ވޯޓު ލުމުގެ ހައްގު ބޭނުން ކުރަން ވާނީ ވަރަށް ވިސްނުންތެރިކަމާއެކު ގައުމާއި ދިރިއުޅޭ ރަށަށް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި މި ފަސް އަހަރާއި އޭގެ ކުރީ ފަސް އަހަރު ރައްޔިތުން ވޭތުކުރި ގޮތް އެނގޭނެ ކަމަށާއި 2018 ވަނަ އަހަރު ބަދަލުކުރީ އެކަން ކަަމަށެވެ.

ފަސް އަހަރުކޮށްދެއްވާފައިވާ ކަންކަން ލިސްޓު ކުރެއްވުމަށް ފަހު ރައީސް ވިދާޅުވީ ކުރީގައި އޮތް ބިރުވެރިކަމާއި ނާމާންކަމާއި އަނިޔާވެރިކަމަށް ދާން ރާއްޖޭގެ އެކަކު ވެސް ނޭދޭ ކަމަށެވެ.

އިންތިހާބުން ކާމިޔާބުވުމަށް އެދި ހާއްސަ ދުއާއެއް ވެސް އެމްޑީޕީން ވަނީ ކޮށްފަ އެވެ. މި ހަރަކާތުގައި އެތައް ބަޔަކު ބައިވެރިވިއިރު މުޅި އުސްފަސްގަނޑު އޮތީ ފުރިފަ އެވެ.

ވާދަވެރި ކެންޑިޑޭޓް ޑރ. މުއިއްޒުގެ ކެމްޕެއިން ނިންމުމަށްޓަކަ މާލޭގައި މިއަދު ބޭއްވީ ހިނގާލުމެކެވެ. މާލޭގެ އެކި މަގުތަކުގައި ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި ގިނަ ސަޕޯޓަރުން ބައިވެރިވިއިރު ޒުވާނުން ގިނަކަން ފާހަގަކޮށްލެވެ އެވެ.

ހިނގާލުމަށްފަހު އާޓިފިޝަލް ބީޗަށް އެއްވެ އިންތިހާބުގައި ކާމިޔާބު ލިބޭތޯ ހާއްސަ ދުއާއެއް ވަނީ ކޮށްފަ އެވެ. އިސްވެ މި ދައުވާ ކުރެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމެވެ.

ހިނގާލުމުގެ ކުރިން މުއިއްޒު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އޭނާގެ ސަރުކާރެއް އިންތިހާބުކޮށްދީފަނަ، އަމަލީ ގޮތުން ތަރައްގީ ގެެނެސްދެއްވާނެ ކަމަށެވެ. އަދި، ހެޔޮވެރިކަމެއް ކޮށް، ރާއްޖެ އަޅުވެތިކަމުން ސަލާމަތްކޮށް ހަގީގީ ދިވެހިންގެ ރާއްޖެއެއް ހޯދައިދެއްވާނެ ކަަމަށް ވިދާޅުވި އެވެ.

މިއަހަރުގެ ރިޔާސީ އިންިހާބުގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނު ނިންމާލުމުގެ ގޮތުން އެ ޕާޓީ އިން ރަސްފަންނު ސަރަހައްދުގައި މިއަދު ހަވީރު ބާއްވާ ހިނގާލުމުގައި ޕާޓީ އަށް ސަޕޯޓުކުރާ މީހުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

މިއަހަރުގެ ރިޔާސީ އިންިހާބުގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނު ނިންމާލުމުގެ ގޮތުން އެ ޕާޓީ އިން ރަސްފަންނު ސަރަހައްދުގައި މިއަދު ހަވީރު ބާއްވާ ހިނގާލުމުގައި ޕާޓީ އަށް ސަޕޯޓުކުރާ މީހުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

"ދިވެހި ރައްޔިތުން އެދޭ އަމާޒަށް މި ދިވެހިރާއްޖެ ގެންގޮސްދޭނަން. އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކު މަސައްކަތް ކުރާނަން. ރައްޔިތުންނަށް ތަނަވަސް ދުވަސްތަކެއް ހޯދައިދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ވެސް ވަނީ ކެމްޕެއިން ނިންމާލުމުގެ ގޮތުން މާލޭގައި މިއަދު ހިނގާލުމެއް ބާއްވާފަ އެވެ. އެ ހިނގައިލުމުގައި ކެންޑިޑޭޓް ގާސިމް އިބްރާހިމާއި ރަނިންމޭޓު ޑރ. އަމީން އިބްރާހިމާއި ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ގާސިމް ވެސް ވަނީ ގިނަ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވާފަ އެވެ. ދަތުރުތައް ނިންމާލައްވައި ކެމްޕެއިންގެ ފަހު ހަރަކާތެއްގެ ގޮތުން އާންމު ކުރެއްވި ސިޓީގައި ވިދާޅުވީ އެކި ސަރުކާރުތަކުން ޖެއްސި މާލީ މުސީބާތްތަކުން ގައުމު ސަލާމަތް ކުރުމަށް ތަޖުރިބާ ހުރި ގައުމު ދެކެ ލޯބިވާ ވެރިޔަކު އިންތިހާބު ކޮށް އަވަހަށް މަސައްކަތް ނުފަށައިފިނަމަ ގައުމާއި، ރައްޔިތުންގެ މިނިވަންކަމާއި ސަލާމަތް ނެތި ދިއުމަކީ ވަރަށް ގާތުގައި އޮތް ކަމެއް ކަމަށެވެ. އެހެންވެ، މާދަމާ ހުރިހާ ރައްޔިތުން ވެސް އޭނާއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ކެމްޕޭނު ނިންމައިލުމަށް ބޭއްވި ހިނގާލުން. --ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ކެމްޕޭނު ނިންމައިލުމަށް ބޭއްވި ހިނގާލުން. --ފޮޓޯ: ޖޭޕީ

ދެން އެންމެ ބޮޑު ކެމްޕެއިނެއް ކުރި "ދަ ޑިމޮކްރެޓްސް" އިން ކެމްޕެއިން ނިންމާލުމުގެ ގޮތުން ރަސްފަންނުގައި ވަނީ މިއަދު ހަވީރު އެއްވުމެއް ބޭއްވި އެވެ. ކެންޑިޑޭޓް އިލްޔާސް ލަބީބުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ކެމްޕެއިން ފަހު ޖަލްސާ އެ ޕާޓީން ރޭ ބޭއްވިއިރު އިލްޔާސް ވިދާޅުވީ ވެރިކަމަށް އަންނަނީ ވެރިކަމަށް އަންނަނީ ރައްޔިތުން ބޭނުންވާ ވަޒީފާއާއި އެލަވަންސް ބޭނުންވާ ހުރިހާ ކަމަކާ ހަވާލުވާން ކަމަށާއި އެ މަސައްކަތުގައި ދެމި ހުންނާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ދެރަ ގޮތެއް ނުވާނެ ކަމަށާއި ރާއްޖޭގެ ތަރައްގީކުރުމުގައި އެކުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. ކެމްޕޭނު ނިންމައިލުމުގެ ގޮތުން މިއަދު ހަވީރު ރަސްފަންނު ސަރަހައްދުގައި ޑިމޮކްރެޓްސްގެ ހިނގައިލުމެއް ވަނީ ބާއްވައިފަ އެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ކެމްޕެއިން ނިންމާލާފައިވަނީ އޭނާގެ ދާއިރާގެ މައި ރަށް، އދ. ދަނގެތީގަ އެވެ. "އުޖާލާ ޒަމާނެއް"ގެ ސްލޯގަންގައި ކެމްޕެއިންގައި ކުރެއްވި ނާޒިމް ވިދާޅުވާ ގޮތުގައި، ރައްޔިތުން ބޭނުންވާ އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމުގެ ތަސައްވުރާއި ގާބިލްކަން އޭނާގެ އެބަ ހުއްޓެވެ. އެހެންވެ، އިންތިހާބުގައި ރައްޔިތުންގެ ތާއިދަށް އޭނާ އެދިވަޑައިގަންނަވަ އެވެ.

އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ މާބޮޑު ހަރަކާތެއް މިއަދު ނެތް ނަމަވެސް، ކެމްޕެއިން އެންމެ ފަހު ހަރަކާތެއްގެ ގޮތުން އިއްޔެ އަހުމަދު ފާރިސް މައުމޫން ވަނީ ގދ. ތިނަދޫގައި ޑޯޓުޑޯއަށް ހިންގަވާފަ އެވެ. އަދި މިއަދު ހަވީރު މާލޭގައި އޭނާ ވެސް ވަނީ ހިނގައިލުމެއް ބާއްވައިފަ އެވެ.

ދެން އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރުގެ ކެމްޕޭނު ނިންމައިލުމަށް ހުޅުމާލޭގައި ހިނގައިލުމެއް ވަނީ ބާއްވައިފަ އެވެ. މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޒަމީލުގެ ހަރަކާތެއް އިއްޔެ ވެސް ނެތެވެ.