Roadha Mihaaru
އުމަރުގެ ރަނިންމޭޓް ސަލީމްގެ ތާއީދު ރައީސަށް

އުމަރުގެ ރަނިންމޭޓް މާޒް ސަލީމްގެ ތާއީދު ރައީސަށް

28 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓް އަހުމަދު ސަލީމް (މާޒް ސަލީމް) އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވަން ނިންމަވައި އެ ކެމްޕެއިނާ މިއަދު ގުޅިވަޑައިގެންފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓް އަހުމަދު ސަލީމް (މާޒް ސަލީމް) އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވަން ނިންމަވައި އެ ކެމްޕެއިނާ މިއަދު ގުޅިވަޑައިގެންފި އެވެ.

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އުމަރާއި ސަލީމަށް 6،000 ވޯޓު ލިބިވަޑައިގަތެވެ. އެއީ 8 ކެންޑިޑޭޓުން ވާދަކުރެއްވި އިންތިހާބުގައި ހަތަރު ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ސަލީމްގެ ތާއީދު ދެ ވަނަ ބުރުގައި ރައީސަށް ދެއްވިޔަސް އުމަރު ނިންމެވީ އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވަން ސަލީމް މިއަދު ހަވީރު ވަނީ ހުޅުމާލޭގައި އޮތް ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. އެ ހަރަކާތުގައި ރައީސާ ސަލާން ކުރައްވައި ދެ ބޭފުޅުން ވާހަކަ ދެއްކެވި އެވެ.

މާޒް ސަލީމް މިއަދު ރައީސްގެ ކެމްޕެއިން އިވެންޓްގައި: އޭނާގެ ތާއިދު އޮތްކަން ވަނީ ހާމަކުރައްވާފަ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މާޒް ސަލީމް މިއަދު ރައީސްގެ ކެމްޕެއިން އިވެންޓްގައި: އޭނާގެ ތާއިދު އޮތްކަން ވަނީ ހާމަކުރައްވާފަ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މީގެ ކުރިން އެމްޑީޕީއާ ދެކޮޅު ގިނަ ހަރަކާތްތަކުގައި ވެސް ސަލީމް ވަރަށް އިސްކޮށް އުޅުއްވާފައިވެ އެވެ.

މި ފަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުގައި އުމަރާއި ސަލީމް މައިގަނޑު ގޮތެއްގައި ނެންގެންވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލަ އެވެ. އެ މީހުން ބޭރު ކުރުމަށްޓަކައި އެމްޑީޕީގެ ވެރިކަން ބަދަލުކުރުމަށް އެ ކެމްޕެއިންގައި އުމަރާއި އޭނާގެ ޓީމުން ގެންދިޔައީ ވަރަށް ގަދައަށް ކެމްޕެއިން ކުރަމުންނެވެ.

މިއަދު ހަވީރު ހުޅުމާލޭގެ ރުއްގަނޑު ސަރަހައްދުގައި ބޭއްވި ކެމްޕެއިން އިވެންޓްގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި މި ފަހުން ކޯލިޝަނުން ވަކިވި އެމްޑީއޭގެ ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ.

ދެ ވަނަ ބުރުގެ އިންތިހާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު ރައީސާއި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ގެންދަވަނީ ވަރަށް ގަދައަށް ކެމްޕެއިން ކުރައްވަމުންނެވެ.