Roadha Mihaaru
ދެވަނަ ބުރަށް ކުޅިބައި އަތުރާލާނީ ކިހިނެއް؟

ދެވަނަ ބުރަށް ކުޅިބައި އަތުރާލާނީ ކިހިނެއް؟

10 ސެޕްޓެމްބަރ 2023

ރާއްޖޭގެ ސިޔާސީ މަސްރަހުން ދައްކާ އެއް ހަގީގަތަކީ ކޯލިޝަނެއް ނެތި ވެރިކަން ލިބެން ނެތުމެވެ. އެ ހަގީގަތް އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އޮތީ ދައްކައިފަ އެވެ. ދެން އޮތީ ދެ ވަނަ ބުރެވެ. މި މަހުގެ 30ގައި އަނެއްކާ ވެސް ވޯޓު ލާން ތައްޔާރުވާން ވީ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރާއްޖޭގެ ސިޔާސީ މަސްރަހުން ދައްކާ އެއް ހަގީގަތަކީ ކޯލިޝަނެއް ނެތި ވެރިކަން ލިބެން ނެތުމެވެ. އެ ހަގީގަތް އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އޮތީ ދައްކައިފަ އެވެ. ދެން އޮތީ ދެ ވަނަ ބުރެވެ. މި މަހުގެ 30ގައި އަނެއްކާ ވެސް ވޯޓު ލާން ތައްޔާރުވާން ވީ އެވެ.

ކޯލިޝަނެއްގެ އަޑުތައް އަނެއްކާ ވެސް ގަދަވީ އެވެ. އިއްޔެގެ އިންތިހާބުން ކުރި ހޯއްދެވި ދެ ޕާޓީގެ ކެންޑިޑޭޓުން މިހާރު ވިސްނަވަމުން ގެންދަވާނީ ކޯލިޝަން ޕާޓްނަރުންނާ ދޭތެރެ އެވެ. މިއީ ހޫނު ބަހުސަކަށް ވެސް ވާނެ އެވެ.

ރާއްޖޭގެ ތާރީހުގައި، އެންމެ މަދުން މީހުން ވޯޓު ލީ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މުއިއްޒު ވަނީ ލައްކައަކަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ ގާތްގަނޑަކަށް 83،000 ވޯޓެވެ.

އެންމެ މުހިންމީ މި ފަހަރުގެ "ކިންގްމޭކާ" އިލްޔާސްގެ ތާއީދު

ޑިމޮކްރެޓްސްގެ ޓިކެޓްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުން ނުކުންނެވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ 14،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެން މި އިންތިހާބުން ތިން ވަނަ ހޯއްދަވައިފަ އެވެ. އެހެންވެ، ކުރި ހޯއްދެވި ދެ ކެންޑިޑޭޓުންނަށް އެންމެ މުހިންމުވެފައި މިއޮތީ ޑިމޮކްރެޓްސްގެ "އާނ" ބަހެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވުމުން އެމްޑީޕީ ތެރެއިން ނަޝީދު އުފަންކުރުވި "ފިކުރެއްގެ ދިރުން" ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއަކަށް ފުޅާކުރެއްވި ސަބަބު ސާފެވެ. "އިބޫ ނޫން ގޮތެއް" ހޯދަން ނަޝީދު ވަނީ ކެމްޕޭނުގެ އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް ތަކުރާރުކުރައްވައިފަ އެވެ. ނަޝީދުގެ އަމާޒަކަށްވީ ރައީސަށް ދެވަނަ ދައުރެއް ކާމިޔާބުވިޔަ ނުދެއްވައި، އެމްޑީޕީ އަނބުރާ ހޯދޭނެ މަގު ކޮށުން ކަން އެމަނިކުފާނު ވަނީ އެތައް ފަހަރެއްގެ މަތިން އިއުތިރާފުވެފަ އެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވުމަށް ފަހު ޕޯޑިއަމުން ނަޝީދު ވަޑައިގަތުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަލާމް ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވުމަށް ފަހު ޕޯޑިއަމުން ނަޝީދު ވަޑައިގަތުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަލާމް ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެކަމަކު ރައީސެކޭ އެއްގޮތަށް، މުއިއްޒާ ވެސް ޑިމޮކްރެޓްސް ދެކޮޅު ކަން ވެސް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ޕީޕީއެމް މެމްބަރުން އިލްޔާސަށް ވޯޓު ދެއްވަން ނަޝީދު އެދިވަޑައިގެންނެވީ، މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ، މި ވަގުތު ޖަލުގައި ހުރި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ހަޔާތް ނިމުނީ ކަމަށް ވިދާޅުވަމުންނެވެ. އެކަމަށް ދެއްކެވި ހެއްކަކީ، އެމްޑީޕީގެ ތެރެއިން އެމަނިކުފާނު ތަހައްމަލު ކުރައްވަންޖެހުނު ހިތި ތަޖުރިބާ އެވެ.

އެކަމަކު ސިޔާސީ މީހުން ދައްކާ "ސިޔާސީ ވާހަކަ" ފުރާނާލާއިރު، ނަޝީދުގެ އެންމެ ބޮޑު ބޭނުމަކަށް ވަނީ އެމްޑީޕީ އަނބުރާ ހޯއްދެވުމެވެ. އެކަން ކުރެވޭނީ ދެވަނަ ބުރެއްގައި ރައީސް ބަލިކޮށްގެން ކަމަށްވާއިރު، އިލްޔާސް އާއި ޑިމޮކްރެޓްސް އެންމެ ގާތީ ޑީލެއްގެ ދަށުން މުއިއްޒުގެ ފަހަތަށް އެރުމެވެ. މިއީ ސިޔާސީ ބައެއް ތަޖުރިބާރުން ގަބޫލުކުރައްވާ ގޮތެވެ.

"ސަޕްރައިސް" ކެންޑިޑޭޓު އުމަރު ނަސީރު ނިންމަވާނީ ކިހިނެއް؟

މި އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަހަތަށް ޖައްސައިލުމަށް ފަހު، ހަތަރު ވަނަ ހޯއްދެވީ އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރެވެ. އޭނާ ވަނީ ފުރަތަމަ ބުރުގައި 6،000 ވުރެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ.

އުމަރުގެ މުޅި ކެމްޕޭނު ބިނާކުރެއްވީ ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ތިބި ކަމަށް ވިދާޅުވެ، އިންޑިޔާ ސިފައިން ބޭރުކުރުމުގެ ވައުދުގެ މަތީގަ އެވެ. އެގޮތަށް ވައުދުވެފައި އޮއްވައި، އިންޑިޔާއަށް ދީލާލާފައިވާ ކަމަށް ތުހުމަތުކުރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތަށް ދެވަނަ ބުރުގައި އެރުން އުމަރުގެ ސަޕޯޓަރުންނަށް ހަޖަމުކުރަން އުނދަގޫވާނެ އެވެ. އަދި ޕީޕީއެމްގައި އޮތް އުމަރުގެ ސިޔާސީ ތާރީހަކީ ވެސް ފެންނަން އޮތް ހަގީގަތެވެ.

މިހުރިހާ ކަމަކަށް ބަލާ އިރު، އުމަރު ވެސް އެންމެ ގާތީ، ދެވަނަ ބުރުގައި އިންޑިޔާ ސިފައިން ބޭލުމުގެ ވައުދު އެއްގޮތްވާ މުއިއްޒަށް ތާއީދު ކުރުމެވެ.

ވޯޓު މަދުވިޔަސް، ގާސިމް އަދިވެސް މުހިންމު!

ގާސިމްގެ ކެމްޕޭނުގައި ފަހުރުވެރި ކަމާ އެކު އޭނާ ވިދާޅުވަމުން ގެންދެވީ ތަކުރާރުކޮށް އެއް ވާހަކަ އެކެވެ. އެމްޑީޕީ އާއި ޕީޕީއެމް ޕާޓީއަކަށް ހެދީ އޭނާ ކަމެވެ. އެމްޑީޕީން ދެ ފަހަރު އަދި ޕީޕީއެމުން އެއް ފަހަރު ވެރިކަމަށް ގެނައުމުގައި ގާސިމްގެ ބޮޑު ބައިވެރިވުމެއް އޮތް ނަމަވެސް، މި އިންތިހާބުގެ ފުރަތަމަ ބުރުގައި އޭނާއަށް 5،000 ވޯޓު ހަމަވީ ހަމަ ކިރިޔާ އެވެ.

މިއީ ގާސިމަށް ވެރިކަން ދޭން ލިބޭ ފަހު ފުރުސަތުގެ ގޮތުގައި އޭނާގެ ޓީމުގެ އިސް ބޭފުޅުން ކެމްޕޭނުގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވައި، ޖޭޕީއަށް ލިބުނު ލަދުވެތި ނަތީޖާއަކީ ސިޔާސީ ގޮތުން ބަލާ އިރު، މި އިންތިހާބުގެ އެންމެ ބޮޑު ވެއްޓުމެވެ.

އެކަމަކު، ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރި ކޮންމެ ސަރުކާރެއްގެ ހިއްސާ އޮތް ޖޭޕީއަށް އަންނަ ސަރުކާރަކުން ވެސް އެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.

ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް މީގެ ކުރިން ބޭއްވި މަޝްވަރާތަކަށް ފަހު ރައްޔިތުންގެ މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދު އާއި ޖޭޕީގެ ލީޑާރު ގާސިމް އިބަރާހިމް އަދި އެމްއެންޕީގެ ލީޑަރު ކާނަލް ނާޒިމް މީޑިއާތަކާ ވާހަކަދައްކަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް މީގެ ކުރިން ބޭއްވި މަޝްވަރާތަކަށް ފަހު ރައްޔިތުންގެ މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދު އާއި ޖޭޕީގެ ލީޑާރު ގާސިމް އިބަރާހިމް އަދި އެމްއެންޕީގެ ލީޑަރު ކާނަލް ނާޒިމް މީޑިއާތަކާ ވާހަކަދައްކަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އުސޫލެއްގެ ގޮތުން ބަލާ އިރު، ޖޭޕީ އަކީ އަދިވެސް މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެވެ. ޖޭޕީގެ ވަޒީރުން ކެބިނެޓުގައި ވެސް އެބަތިއްބެވި އެވެ. ނަމަވެސް، ގާސިމްގެ ކެމްޕޭނު ފަހު ވަގުތު އަނބުރާލެއްވީ ރައީސާ ދެކޮޅަށެވެ. ރައީސަށް ދެވަނަ ދައުރެއް ދީފިނަމަ، އިންޑިޔާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ގަދަވެ، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭނެ ކަމަށް ގާސިމް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އެ ވާހަކަތަކަށް ބަލާ އިރު، ރައީސްގެ ފަހަތަށް ދެން އަރަން ޖޭޕީއަށް އުނދަގޫ ވާނެ ކަމަށް ބެލެވެ އެވެ. އެ ތުހުމަތުތައް ދެކޮޅު ޖެއްސޭނެ ގޮތެއް ނުފެންނާތީ އެވެ.

ހަމައެގޮތަށް ޕީޕީއެމްގެ ވެރިކަމުގައި ޖަލަށް ލައި އޭނާގެ ވިޔަފާރިއަށް ދިން އަނިޔާތަކުގެ މަތިން ހަނދާން އާކޮށް އެވަރުގެ ބަޔަކު ވެރިކަށް ގެންނަން ހެޔޮނުވާނެ ކަމަށް ވެސް ތަކުރާރުކޮށް އޮތީ ވިދާޅުވެފަ އެވެ.

އެކަމަކު ޖޭޕީ އަކީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯދައި ކެންޑިޑޭޓާ ބައިއަތު ހިފުމުގެ ކާމިޔާބު މާޒީއެއް އޮތް ޕާޓީ އެކެވެ. މި ހުރިހާ ކަމަކަށް ބަލާ އިރު، ސިޔާސީ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި، ގާސިމް ވެސް އެންމެ ބޮޑަށް ބެލެވެނީ މުއިއްޒުގެ ފަހަތަށް އެރުމެވެ.

އެންމެންގެ ތާއީދު އެމްޑީޕީއަށް ބޭނުންވޭ!

ރައީސްގެ މައްޗަށް މުއިއްޒު ކުރި ހޯއްދެވުމަކީ އުއްމީދުކުރި ނަތީޖާއެއް ނޫން ކަމަށާއި އޭގެ ފަހަތުގައި ވަރަށް ގިނަ ބަޔަކު ވޯޓުލާން ނުނިކުތުމުން އެމްޑީޕީއަށް ވޯޓުތަކެއް ގެއްލުނު ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ.

"އެލިޖިބަލް ވޯޓާސްގެ ތިންބައިކުޅަ އެއްބަޔަށް ވުރެން ވެސް ގިނަކޮށް މިއޮތީ ވޯޓު ނުލައި. އެއީ އަޅުގަނޑުމެން އެއްގޮތަކަށް ވެސް އެކްސްޕެކްޓްކުރި ގޮތެއް ނޫން. އެއީ އެ ނަތީޖާ އެހެންވުމުގެ ސަބަބެއް ކަމަަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ފުރަތަމަ ބުރުގައި ވެސް އެމްޑީޕީއާ ކޯލިޝަން ހަދަން ތިބި އެންމެންނަށް އޮތީ ފުރުސަތު ހުޅުވިފައި ކަމަށެވެ. އޭގެތެރޭގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނާ އެކު ޕާޓީއާ ދުރަށް ޖެހިވަޑައިގަތް މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ފުރަތަމަ ބުރުގައި ނުކުތީ އެމްޑީޕީއާ އެކު ކޯލިޝަން ހެދި އެންމެން ގޮވައިގެން ކަމަށާއި ދެވަނަ ބުރުގައި ވެސް ހަމަ އެ ދައުވަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"[އިންތިހާބުގެ] ފުރަތަމަ ބުރަށް ދިޔައިރު ވެސް ޑިމޮކްރެޓްސްއަށް ވެސް އެދިގެން، ޖޭޕީ އަށް ވެސް އެދިގެން ތިބީ."

މާލެ: ނޮވެމްބަރު 15، 2018- ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ނައިބު ރައީސް ފައިސަލް ނަސީމާ އެކު ސިޔާސީ 4 ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެކުގައި ފުރަތަމަ ފަހަރަށް ބޭއްވި ތާރީހީ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ބައްދަލުވުމާބެހޭ މައުލޫމާތު ދެއްވަނީ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލެ: ނޮވެމްބަރު 15، 2018- ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ނައިބު ރައީސް ފައިސަލް ނަސީމާ އެކު ސިޔާސީ 4 ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެކުގައި ފުރަތަމަ ފަހަރަށް ބޭއްވި ތާރީހީ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ބައްދަލުވުމާބެހޭ މައުލޫމާތު ދެއްވަނީ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މި ނާކާމިޔާބީ ފައްޔާޒް ކޮންމެ ގޮތަކަށް ސިފަކުރެއްވި ނަމަވެސް، ހަގީގަތަކީ ދެވަނަ ބުރުގައި މުއިއްޒާ އަރާ ހަމަކުރަން ވެސް އެމްޑީޕީއަށް 15،000 އަށް ވުރެ ގިނަ ވޯޓު ބޭނުންވާ ކަމެވެ.

ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލާ އިރު، އެންމެ ފުރަތަމަ ކަމަކަށް އިލްޔާސް އާ އެކު ނަޝީދު އަނބުރާ އެމްޑީޕީއަށް ގެނެވޭނެ މަގު ކޮށަން މަޖުބޫރުވެ އެވެ. ދެވަނަ ބުރުގައި މުއިއްޒުގެ މައްޗަށް ކުރި ހޯދަން ދެން ބާކީ ތިބި ކެންޑިޑޭޓުންގެ ތާއީދު ވެސް ރައީސަށް ބޭނުންވެ އެވެ. އެއީ މިހާރު ސިޔާސީ ކުޅިބައި އެތުރިފައިވާ ގޮތަށް އެކަނި ބެލިޔަސް ނާދިރު ކަމެކެވެ. އަދި ފައްޔާޒް ވިދާޅުވިޔަސް، ފުރަތަމަ ބުރުގައި ވޯޓު ލާން ނުނިކުންނަ ގިނަ ބަޔަކީ ރައީސަށް ވޯޓު ލާނެ ބަޔަކު ކަމަށް ބެލުމުގެ ޖާގަ ވެސް ދެވޭކަށް ނެތެވެ.

ސިޔާސީ ހުރިހާ ކާޑެއް މުއިއްޒުގެ އަތްބައިގައި!

ފުރަތަމަ ބުރުގެ ނަތީޖާއަށް އެކަނި ބެލިޔަސް، ދެވަނަ ބުރުގެ މެޖޯރިޓީ ހޯދަން މުއިއްޒު އިތުރަށް ހޯއްދަވަން ޖެހެނީ 15،000 އެއްހާ ވޯޓެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް އއ. މަތިވެރިއަށް ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ކިޔަން ނިކުމެތިބި މީހުންނާ ސަލާންކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް އއ. މަތިވެރިއަށް ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ކިޔަން ނިކުމެތިބި މީހުންނާ ސަލާންކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފުރަތަމަ ބުރުގައި ވޯޓު ލާން ނުކުތް މީހުންގެ އަދަދަށް ބަލައިގެން، ޕީޕީއެމްގެ ވެރިކަމެއް އަލުން ގެންނަން މުއިއްޒަށް ޑިމޮކްރެޓްސްގެ ތާއީދު އެކަނި ފުދޭނެ އެވެ. ނޫނީ އުމަރާއި ގާސިމް އެއްކޮޅަށް އެރިޔަސް، ރައީސްކަން ހޯއްދަވަން މުއިއްޒަށް އޮތް މަގު އިތުރަށް ކުރުވާނެ ކަމަށް ބެލުމުގެ ޖާގަ ނަތީޖާއިން އޮތީ ފެންނާށެވެ.

ކޮންމެ ގޮތަކަށް ބެލި ނަމަވެސް، ގިނަ ބަޔަކު ތިބީ އެ ބަޔަކު ސަޕޯޓުކުރާ ޕާޓީ ނޫނީ ބޭފުޅަކު ތާއީދުކުރަން ނިންމާނެ ގޮތެއްގެ އިންތިޒާރުގަ އެވެ. މި ވަގުތު ކޮންމެ ގޮތަކަށް ސިޔާސީ މައިދާން އޮތް ނަމަވެސް، މީގެ 21 ދުވަސް ފަހުން އޮއިވަރު އަލުން އެނބުރޭނެ ގޮތް ލަފާކުރަން ދައްޗެވެ. އެކަން މި އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން އެކަނި ވެސް ސާފުވާނެ އެވެ.