Roadha Mihaaru
ސިޔާސީ މީހުން ސިވިލް ސާވިސްއަށް ބަދަލުކުރަން އެބައުޅޭ

ސިޔާސީ މަގާމުތަކުގައި ތިބި މީހުން ސިވިލް ސާވިސްއަށް ބަދަލުކުރަން ސަރުކާރުން އެބަ އުޅޭ: އަދުރޭ

12 އޮކްޓޯބަރ 2023

ސިޔާސީ މަގާމުތަކުގައި މިހާރު ތިބި ބޭފުޅުންގެ ވަޒީފާ ސިވިލް ސާވިސްގެ ވަޒީފާތަކަށް ބަދަލުކުރަން މި ސަރުކާރުން މަސައްކަތް ކުރާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ސިވިލް ސާވިސްގެ ވަޒީފާތަކަށް ބަދަލު ކުރަނީ ވެސް މިހާރު ލިބޭ މުސާރައިގަ އެވެ.

އަދުރޭ ވަނީ އެކަން އެގޮތަށް ކުރަން ފުރުސަތު ނުދިނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ވެސް ގޮވާލައްވައިފަ އެވެ.

"ސިޔާސީ މަގާމުތަކުގައި ތިއްބަވާނީ މިހާރު މިއޮތް ސަރުކާރުގެ ސިޔާސީ ވިސްނުމަށް ތާއީދު ކުރައްވާ ބޭފުޅުން. އެ ވިސްނުމާ ތަފާތު ބޭފުޅުންތަކެއް އާ ސަރުކާރަށް މި ވަޑައިގަންނަވަނީ." އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެ ބޭފުޅުން ވަޑައިގަންނަވާއިރަށް މިހާރު ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދެން އަންނަ ސަރުކާރެއްގައި ތިބެވޭ ގޮތަށް ސިވިލް ސާވިސްގެ ތެރެއިން މަގާމުތަކެއް އުފައްދައިގެން އެ ބޭފުޅުންނަށް މަގާމު ދިނުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން."

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެސްގައި ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެސްގައި ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ދާތީ، ކޮންމެހެން ބޭނުންވާ މަގާމުތައް ފިޔަވައި އެހެން މަގާމުތަކަށް މުވައްޒަފުން ނަގާއިރު ހުއްދަ ހޯދަން ސީއެސްސީން ވަނީ ދައުލަތުގެ ހުރިހާ އިދާރާތަކަށް މި ހަފުތާގައި އަންގައިފަ އެވެ.

ސީއެސްސީން ފޮނުވި ސިޓީއެއްގައި ވަނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އަދި މުދިމުންނާއި އިމާމުން ފިޔަވައި އެހެން މަގާމުތަކަށް މި ވަގުތަށް މުވައްޒަފުން ބޭނުންވާ ނަމަ ސަބަބު ބަޔާންކޮށް ކޮމިޝަނަށް އަންގައި، ލިޔުމުން ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

އަލަށް އުފެދިގެން އަންނަ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވައި، އެކަން އިއުލާން ކުރައްވައިފަ އެވެ.