Roadha Mihaaru
"މިނިވަންކަމުގެ މައްޗަށް އިސްކުރާނެ މަސްލަަހަތެއް ނެތް"

ދިވެހިންގެ މިނިވަންކަމުގެ މައްޗަށް އިސްކުރާނެ އެހެން މަސްލަހަތެއް ނެތް: ރައީސް

16 ސެޕްޓެމްބަރ 2023

ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގައި ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލުގެ މައްޗަށް އިސްކުރާނެ އެހެން އެއްވެސް މަސްލަހަތެއް ނެތް ކަމަށާއި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ މިނިވަންކަން ދިފާއުކޮށް ރައްކާތެރިކޮށްދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގައި ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލުގެ މައްޗަށް އިސްކުރާނެ އެހެން އެއްވެސް މަސްލަހަތެއް ނެތް ކަމަށާއި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ މިނިވަންކަން ދިފާއުކޮށް ރައްކާތެރިކޮށްދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތާބުގައި ވިދާޅުވީ އެއްވެސް ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވުމަށް ދިވެހިން ވަނީ އަޒުމް ކަނޑައަޅާފައި ކަަމށެވެ. ދިވެހިން މިއަދު ވސް ތިބީ އެ އަޒުމާއި ސާބިތުކަންމަތީގައި ކަަމަށް ރައީސް ވިދާޅުވި އެވެ.

"ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލުގެ މައްޗަށް އިސްކުރާނެ އެހެން މަސްލަހަތެއް އަޅުގަނޑުމެންގެ ނެތެވެ. ބައިނަލްއަގުވާމީ މުޖުތަމައުގައި އިތުބާރު ކުރެވޭ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން މިއަދުވެސް ލިޔެވިފައިވަނީ، އެންމެ ފުރިހަމަ މާނައިގެ މިނިވަން ގައުމެއްގެ ގޮތުގައެވެ،" ރައީސް ވިދާޅުވި އެވެ.

"ސިޔާސީ އަދި އިގްތިސާދީ މިނިވަންކަން ފުރިހަމައަށް ލިބިފައިވާ ފަދައިން، ދާހިލީ އަދި ހާރިޖީ މިނިވަންކަމުގައި ދިވެހިންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނެތެވެ."

ރައީސް ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ އުތީމު މަހާރަދުންގެ ހިތްވަރާއި ފަންވަރުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ގައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާއުކޮށް ރައްކާތެރިކުރުމެވެ.

އެމަނިކުރާނު ފާހަގަކުރެއްވި ގޮތުގައި ދިވެހި ގައުމިއްޔަތުގެ ބިންގަލަކީ، އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ، މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތެވެ.

"އަޅުގަނޑުމެންގެ ގައުމީ ވަހުދަތަކީ، ދިވެހިންގެ މާދަރީ ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީހާއި ސަގާފަތުގެ އެއްގޮތް ކަމެވެ. ދިވެހި ގައުމިއްޔަތުގެ ކުރިބޯއްޓަކީ، ދިވެހިންގެ ސިޔާދަތީ މިނިވަންކަމާއި، އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ސުލްހަ މަސަލަސްކަމެވެ. އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ހިތުގައި ސާބިތުކަމާއެކު ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އަޒުމަކީ، ދިވެހި ގައުމިއްޔަތުގެ މި އަސާސްތަކަށް ކުޑަވެސް ގުޑުމެއް އެރިޔަނުދީ ހިމާޔަތްކޮށް ރައްކާތެރިކުރުމެވެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމީ ދުވަހުގެ ހަނދާންތައް ހިތްތަކަށް ގެނެސްދޭ އެންމެ މަތިވެރި ޒިކުރާއަކީ، ދިވެހި އުންމަތުގެ ހައްގުގައި އުތީމު ތިން ބެއިންނާއި ދެ ހާޖީންނާއި ދަންޑެހެލު، އަނގަމަތި މަސްދޯންޏެއްގައި، މާސިންގާ ކަނޑުތަކުގައި ކުރެއްވި ހިތްވަރުގަދަ ގައުމީ ޖިހާދެވެ.

"ދިވެހި ގައުމުން މާތްވެގެންވާ އިސްލާމީ ހިދާޔަތުގެ ނޫރު ފަނޑުވިޔަ ނުދިނުމަށްޓަކައި، ކަނޑުގެ ބާޒުކަމުގައި ހެދިގެން އުޅުނު ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ވަރުގަދަ ޖިހާދެވެ. ދިވެހިންގެ ދާޚިލީ އަދި ޚާރިޖީ މިނިވަންކަމުގެ ދިފާއުގައި އެ ބަތަލުން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީ އެވެ." ރައީސް ވިދާޅުވި އެވެ.