Roadha Mihaaru
"ތިމާވެށި ހިމާޔަތްކުރަން ލިބޭ ފަހު ފުރުސަތަށް ވެދާނެ"

މިއީ ތިމާވެށި ހިމާޔަތް ކުރަން ފުރުސަތު ލިބޭ ފަހު ޖީލަށް ވެދާނެ: ރައީސް

06 އޮކްޓޯބަރ 2021

ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ރާއްޖެ ސަލާމަތް ކުރުމަށް އެންމެން އެކުގައި މަސައްކަތް ނުފަށައިފި ނަމަ މިއީ ރާއްޖެ ސަލާމަތް ކުރަން ފުރުސަތު ލިބޭ ފަހު ޖީލަށް ވެދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ރާއްޖެ ސަލާމަތް ކުރުމަށް އެންމެން އެކުގައި މަސައްކަތް ނުފަށައިފި ނަމަ މިއީ ރާއްޖެ ސަލާމަތް ކުރަން ފުރުސަތު ލިބޭ ފަހު ޖީލަށް ވެދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަސް ފާހަގަ ކުރުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ބައެއްގެ މެދުގައި ގައުމިއްޔަތެއް ދެމި އޮންނާނީ އަދި ގައުމިއްޔަތު ރައްކާތެރިކޮށް އަންނަ ޖީލުތަކަށް ފޯރުކޮށްދެވޭނީ ވެސް އެ ގައުމެއް ބިންމަތީގައި ވުޖޫދުވެ އޮވެގެން ކަމަށެވެ.

ރާއްޖެއަށް ކުރިމަތިވާ ތިމާވެށީގެ ނުރައްކާތަކާ މެދު، މީގެ ކުރިން ބިރު ނުގަންނަ މިންވަރަށް މިހާރު ބިރުގަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ ތޯތޯ ވާހަކައެއް ނޫން، މިއީ އިލްމީ ހަގީގަތްތައް ސާފުކޮށް ކުރަހައިދޭ ބިރުވެރި މަންޒަރެއް،" ރައީސް ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ރާއްޖެ ފަދަ ކުދި އަދި ބިން ތިރި ޖަޒީރާ ގައުމުތަކަށް ކަމަށާއި ނަމަވެސް ޖައްވު ހޫނުވުމަށް މެދުވެރިވާ ކަންކަމުގައި ރާއްޖޭގެ ހިއްސާ ވަރަށް ކުޑަ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. ނަމަވެސް ތިމާވެށީގެ ގެއްލުންތަކުން ސަލާމަތްވުމަށް އެންމެ ގިނަ މަސައްކަތްތަކެއް، އަދި އެންމެ ބޮޑު ހަރަދެއް ކުރަންޖެހެނީ ވެސް ރާއްޖެ ފަދަ ގައުމުތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ މުޅި މުޖްތަމައާ ގުޅިފައިވާ މިފަދަ ކަންކަމުން ވެސް ސާބިތުވަނީ، ހުރިހާ ގައުމުތަކެއް އެކުގައި އެއް އާއިލާއެއްގެ ގޮތުގައި އުޅުމުގެ މުހިންމުކަން. މިފަދަ ގޮންޖެހުންތަކުން ދޭހަކޮށްދެނީ، ކިތަންމެ ދުރުގައި ކިތަންމެ ވަކިން އޮތަސް، ބައިނަލްއަގުވާމީ މުޖްތަމައާ ވަކިވެގެން އުޅެވެން ނެތްކަން،" ރައީސް ވިދާޅުވި އެވެ.

މި ޖަޒީރާތައް ނެތި، ދިވެހި ރާއްޖެއެއް ނޯންނާނެ. ދިވެހި ރާއްޖެ ނެތް ހިނދެއްގައި، ދިވެހިންނެއް ނުތިބޭނެ. ދިވެހިން ނެތި، ދިވެހި ގައުމިއްޔަތެއް ވެސް ނޯންނާނެ. އެހެންކަމުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަކީ، އަޅުގަނޑުމެންގެ ގައުމިއްޔަތު ހިމާޔަތްކުރުމުގެ އެންމެ މުހިންމު މަސައްކަތަށް މިއަދު ހަދަންވެއްޖެ،" ރައީސް

މޫސުމަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ކާރިސާތަކާ ހެދި އެންމެ ބޮޑެތި ގައުމުތައް ވެސް ގޮތް ހުސްވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެ ފަދަ ކަނޑުގެ ރާޅުތައް ވަށައިގެން ބިންދަމުންދާ ތިރި ގައުމެއްގެ ކުރިމަގާ މެދު ވިސްނުމަށް ރައީސް ގޮވާލި އެވެ.

"ރާއްޖޭގެ ތާރީހު ލިޔަމުންދާއިރު އަޅުގަނޑުމެންނަށް މިއަދު ހުއްޓި މިތިބެވެނީ، ތިމާވެށީގެ ކުރިމަތީގައި ޖެހުނު މޫސުމީ ބަދަލުތަކުގެ ފުލްސްޓޮޕަކަށް. މިހާ ހިސާބުން ރާއްޖޭގެ ތާރީހު އިތުރަށް ލިޔެ ފުރިހަމަކުރާނީތޯ، ނުވަތަ އެ ފުލްސްޓޮޕާ އެކު ތިމާވެށީގެ ޝިކާރައަކަށްވެ ނިމިގެންދާން ދޫކޮށްލާނީތޯ، އެއީ މި ޖީލުގެ ދިވެހިން ޖަވާބަކާ މެދު ވިސްނަންޖެހިފައިވާ އެންމެ ވަރުގަދަ ސުވާލު،" ރައީސް ވިދާޅުވި އެވެ.

ތިމާވެށީގެ ގެއްލުންތަކުން ރާއްޖެ ސަލާމަތްކުރުމަށް، އެންމެން އެކުގައި މިހާރު މަސައްކަތް ނުފަށައިފި ނަމަ މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުސަތު ލިބޭ އެންމެ ފަހު ޖީލަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ގައުމިއްޔަތު ހިމާޔަތް ކުރުމަށްޓަކައި ތިމާވެށި ހިމާޔަތް ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ޖަޒީރާތައް ނެތި، ދިވެހި ރާއްޖެއެއް ނޯންނާނެ. ދިވެހި ރާއްޖެ ނެތް ހިނދެއްގައި، ދިވެހިންނެއް ނުތިބޭނެ. ދިވެހިން ނެތި، ދިވެހި ގައުމިއްޔަތެއް ވެސް ނޯންނާނެ. އެހެންކަމުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަކީ، އަޅުގަނޑުމެންގެ ގައުމިއްޔަތު ހިމާޔަތްކުރުމުގެ އެންމެ މުހިންމު މަސައްކަތަށް މިއަދު ހަދަންވެއްޖެ،" ރައީސް ވިދާޅުވި އެވެ.