Roadha Mihaaru
ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރަން ގާސިމްގެ އިރުޝާދެއް

ޖޭޕީގެ ނަން ބޭނުން ނުކޮށް، ކެންޑިޑޭޓުންނަށް ތާއީދު ކުރިޔަސް ގާސިމަށް އެންމެ ރަނގަޅު

17 ސެޕްޓެމްބަރ 2023

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނާރަން ޖުމްހޫރީ ޕާޓީން އިއްޔެ ނިންމާފައި ވިޔަސް އެ ޕާޓީގެ މެމްބަރަކު ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރިޔަސް އެންމެ ރަނގަޅު ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި 5،460 ވޯޓު ލިބިވަޑައިގަތް ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީގެ ކައުންސިލުން އިއްޔެ ނިންމާފައިވާ ނިންމުމުގެ ސަބަބުން މެމްބަރުންގެ ހައްގަށް އުނިކަމެއް އަތުވެދާނެ ކަމަށް އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އިއްޔެ ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމަށް ވަޑައިގެންނެވި ބައެއް މެމްބަރުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިއްޔެ ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމަށް ވަޑައިގެންނެވި ބައެއް މެމްބަރުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެހެންވެ، ގާސިމް ވިދާޅުވީ، ޖޭޕީގެ ނަން ބޭނުން ނުކޮށް، އެ މެމްބަރަކަށް ފެންނަ ކެންޑިޑޭޓަކަށް ތާއީދު ކުރުމާއި ވޯޓު ދިނުމަކީ އެ ޕާޓީގެ ކޮންމެ މެމްބަރެއްގެ ވެސް ގާނޫނީ ހައްގެއް ކަމަށް އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމެވީ، މިދިޔަ ދުވަސްތަކުގައި ކޯލިޝަން ހަދައިގެން ތިން ފަހަރަށް ވެސް ލިބުނު ހިތި ނަތީޖާ އަށް ބެއްލެވުމަށް ފަހު ކަމަށެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރެއްވިޔަސް މި މަހުގެ 9 ގައި ބޭއްވި ފުރަތަމަ ބުރުގެ ނަތީޖާ އަށް ބަލައި ދެ ވަނަ ބުރަަށް ދަތުރު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.