Roadha Mihaaru
ބަރުލަމާނީ ނިޒާމަކަށް ދާން ގާސިމްގެ ތާއީދެއް ނެތް

ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ގާސިމްގެ ތާއީދެއް ނެތް، ވިދާޅުވީ މާ ގޯސްވާނެ ކަމަށް

16 ސެޕްޓެމްބަރ 2023

ރަައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ދަ ޑިމޮކްރެޓްސް އިން ބޭނުންވާ ގޮތަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ދެކޮޅު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ޖޭޕީގެ ކައުންސިލުން ނިންމުމަށްފަހު މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ގާސިމް ވިދާޅުވީ ނިޒާމީ ވޯޓެއް ނެގުމަކީ އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫން ކަމަށާއި އަދި އެކަމަށް އޭނާގެ އެއްބާރުލުން ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން އެއީ. ނިޒާމީ ވޯޓެއް ނެގުން އެއީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނޫން. ބަރުލަމާނީ ނިޒާމު ގެނެސިއްޔާ މިއަށް ވުރެ އަދި މާ ނުބައިވާނެ. ރައްޔިތުންނަށް މާ ނިކަމެތިވާނެ." ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުން: އެ ޕާޓީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރަން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުން: އެ ޕާޓީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރަން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދެވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ޑިމޮކްރެޓްސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކީ އިންތިހާުގެ ދެވަނަ ބުރު ބޭއްވުމުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ދިއުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމެވެ. އަދި މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު މަޝްވަރާ ކުރެއްވުމަށް މާދަމާ ޖަލަށް ވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްޓަކައި 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔައިރު ނަޝީދާއި އެމްޑީޕީން ވެސް ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އަދި ޔާމީން ވެސް ބަރުލަމާނީ ނިޒާމަކަށް އޭރު ތާއިދު ކުރެއްވި އެވެ. ނަމަވެސް ފެންނަ ނުފެންނަ ވޯޓުން އޭރު ނިންމީ ރިޔާސީ ނިޒާމު ދެމެހެއްޓުމަށެވެ.

ވެރިކަމުގައި މިހާރު ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުއާ ވެސް އެންމެ ބޮޑަށް ހިޔާލު ތަފާތުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުކޮށްގެންނެވެ.