Roadha Mihaaru
"ޖަބް ވީ މެޓް"ގެ ސީކުއެލްއެއް ވެސް ހަދަނީ

"ޖަބް ވީ މެޓް"ގެ ސީކުއެލްއެއް ވެސް ހަދަނީ

19 ސެޕްޓެމްބަރ 2023

ކަރީނާ ކަޕޫރު ހާން އާއި ޝާހިދު ކަޕޫރު ލީޑު ރޯލު ކުޅެ، 2007 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ލޯބީގެ ފިލްމު "ޖަބް ވީ މެޓް"ގެ ސީކުއެލްއެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފި އެވެ.

ކަރީނާ ކަޕޫރު ހާން އާއި ޝާހިދު ކަޕޫރު ލީޑު ރޯލު ކުޅެ، 2007 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ލޯބީގެ ފިލްމު "ޖަބް ވީ މެޓް"ގެ ސީކުއެލްއެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމު ވެސް ޑައިރެކްޓުކުރާނީ ފުރަތަމަ ފިލްމު ޑައިރެކްޓުކުރި އިމްތިއާޒު އަލީ އެވެ. އަދި ކަރީނާ އާއި ޝާހިދު ވެސް އެ ފިލްމުން ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މިފަހުން އިމްތިއާޒު ވަނީ ވަރަށް ގިނައިން ޝާހިދުއާ ބައްދަލު ވެސް ކޮށްފަ އެވެ. އެހެންވެ، އެ މީހުން ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮތީ އަޑުތައް ފެތުރިފަ އެވެ.

"ޖަބް ވީ މެޓް" އަކީ ބޮކްސް އޮފީހުގައި ވެސް ވަރަށް ކާމިޔާބު ފިލްމެކެވެ. ގާތްގަނޑަކަށް 150 މިލިއަން އިންޑިއަން ރުޕީސްގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި 500 މިލިއަން ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނެވެ.

ކާރީނާގެ އާ ފިލްމެއް އަންނަ ބުރާސްފަތި ދުވަހު ނުކުންނާނެ އެވެ. އެއީ ނެޓްފިލްކްސް އިން ސްޓްރީމް ކުރަން ފަށާ "ޖާނޭ ޖާން" އެވެ. އަދި ޝާހިދު ވެސް ކްރިތީ ޝެނޮންއާ އެކު ފިލްމެއްގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ ފިލްމުގެ ނަމެއް އަދި ހާމައެއް ނުކުރެ އެވެ.

އިމްތިިއާޒުގެ ފިލްމަކަށް އެންމެ އަވަހަށް ނުކުންނާނީ "ޗަމްލީކާ" އެވެ. އެ ފިލްމުގައި ލީޑު ރޯލުތައް ކުޅެނީ ޕަރިނީތީ ޗޯޕްރާ އާއި ދިލްޖީތު ދޮސާނީ އެވެ. އެ ފިލްމު ރިލީޒްކުރާ ދުވަހެއް އަދި ނޭނގެ އެވެ.

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެހެން ބައެއް ފިލްމުތަކުގެ ސީކުއެލްތައް ވެސް ގެނެސްދޭން އުޅޭ ކަމަށް މިފަހުން ވަނީ ރިޕޯޓްކޮށްފަ އެވެ. އޭގެ ތެރޭގައި "ދަޅްކަން" އާއި "ލައިފް އިން މެޓްރޯ" ކަހަލަ ފިލްމުތައް ހިމެނެ އެވެ.