Roadha Mihaaru
"ރިސޯޓު ކުލީގެ ޖޫރިމަނާ ބަދަލުކުރީ ހަމަޖެހޭ ރޭޓަކަށް"

ރިސޯޓު ކުލީގެ ޖޫރިމަނާ ރޭޓު ބަދަލުކުރީ ހަމަޖެހޭ ރޭޓަކަށް ނުވާތީ: ސަރުކާރުން

18 ސެޕްޓެމްބަރ 2023

ރިސޯޓު ކުލީގެ ޖޫރިމަނާ އަށް ބަދަލު ގެންނަން ޖެހުނީ، ކުލި ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާ ކުރިން ހުރީ "ސަބަބުވެރި އިންސާނެއްގެ ބުއްދި ގަބޫލު ކުރެވޭ ވަރަށް ވުރެ ވެސް މާ ބޮޑަށް، އަހަރަކު 182 ޕަސެންޓުގެ ރޭޓަށް ވާތީ" ކަމަށް ސަރުކާރުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރިސޯޓު ކުލީގެ ޖޫރިމަނާ އަށް ބަދަލު ގެންނަން ޖެހުނީ، ކުލި ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާ ކުރިން ހުރީ "ސަބަބުވެރި އިންސާނެއްގެ ބުއްދި ގަބޫލު ކުރެވޭ ވަރަށް ވުރެ ވެސް މާ ބޮޑަށް، އަހަރަކު 182 ޕަސެންޓުގެ ރޭޓަށް ވާތީ" ކަމަށް ސަރުކާރުން ބުނެފި އެވެ.

ޖޫރިމަނާ ދެއްކުމުގައި އަމަލު ކުރާ ގަވައިދަށް ގެނައި ބަދަލާ ގުޅިގެން ސަރުކާރުން ބުނީ، ރާއްޖޭގެ ސުޕްރީމް ކޯޓުން ވެސް ވަނީ މިފަދަ ޖޫރިމަނާތަކަކީ އެއްގޮތަކަށް ވެސް ހަމަޖެހޭ ރޭޓެއް ނޫން ކަމަށް ނިންމާފައި ކަމަށެވެ.

"މިސާލަކަށް ކުރީގެ ރޭޓުގައި (%182) 1 މިލިއަން ރުފިޔާ ގެ ރިސޯޓު ކުލި ނުދައްކާ ފަރާތެއް އަނބުރާ ދައްކާ އިރު އެ އަދަދު ދެގުނަވެ އަހަރެއް ތެރޭ 1.8 މިލިއަން، ހަމައެކަނި ޖޫރިމަނާ ގޮތުގައި ދައްކަން ޖެހޭ. އެއީ ކުލީގެ 1 މިލިއަން ލައިގެން ނަމަ 2.8 މިލިއަން ރުފިޔާ،" ސަރުކާރުން ދިން ޖަވާބުގައިވެ އެވެ.

މީރާ އިން މިއަދު ބުނީ، ރިސޯޓު ކުލިން އެރި ޖޫރިމަނާގެ ތެރެއިން ހަތަރު ބިލިއަން މާފުވެފައި ވަނީ މިދިޔަ އޮގަސްޓް މަހު ކަމަށެވެ. އެކަން އެގޮތަށް ކުރީ ގަވައިދަށް ގެނައި ބަދަލާ އެކު ޓޫރިޒަމް މިނިސްޓްރީން ޖޫރިމަނާ މާފުކުރުމަށް އެންގުމުން ކަމަށް މީރާއިން ބުންޏެވެ.

ސަރުކާރުން ބުނީ ކުރިން އަމަލު ކުރަމުން ދިޔަ ޖޫރިމަނާ ރޭޓަކީ ރާއްޖެއަށް ޓެކްސް ނިޒާމް ތައާރަފް ކުރުމުގެ މާކުރިން ހެދި ރޭޓެއް ކަމަށާއި ޓެކްސް ނިޒާމާ އެކު އަލަށް ގެނައި ބަދަލަކީ ރިއަލިސްޓިކް ބަދަލެއް ކަމަށެވެ. އަދި ވިޔަފާރިތަކަށް ފުރުސަތުތައް ފަހި ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ވެސް ބުންޏެވެ. މި ބަދަލާ އެކު ކުރީންސުރެ ނުދެއްކި ހުރި ޖޫރިމަނާ އާ ރޭޓުގައި ދައްކައި ހަލާސް ކުރުމަށް ފުރުސަތު ދެވި 18 ޕަސެންޓަށް ވުރެ ބޮޑުކޮށް އަރާފައިވާ ޖޫރިމަނާ އުނިވާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ރިސޯޓު ކުލީގެ ޖޫރިމަނާ އަށް އަރާ ނިސްބަތް ކުޑަކުރީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެވެ. ރިސޯޓު ކުލި ނުދައްކާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި އަރާ 0.5 ޕަސެންޓުން 0.0493 ޕަސެންޓަށް އޭރު ކުޑަކުރި އެވެ.

މީރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ރިސޯޓު ކުލީގެ ޖޫރިމަނާގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ނުދައްކާ އެބަހުއްޓެވެ. އަދި ރިސޯޓު ކުލީގެ ގޮތުގައި އެކަނި ވެސް 3.4 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.