Roadha Mihaaru
ދިއްގަރު ކައިރީގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކުރަނީ

ދިއްގަރު ކައިރީގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފި

19 ސެޕްޓެމްބަރ 2023

މ. ދިއްގަރުގެ އިހްތިސާސްގައި ހިމެނޭ ފުންފަރުފަޅުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކުރަން ކުންފުންޏަކަށް އެވޯޑުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މ. ދިއްގަރުގެ އިހްތިސާސްގައި ހިމެނޭ ފުންފަރުފަޅުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކުރަން ކުންފުންޏަކަށް އެވޯޑުކޮށްފި އެވެ.

އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން މިދިޔަ ޖޫން މަހު އިއުލާނުކުރުމުން ތިން ފަރާތަކުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ދެ ކުންފުންޏަކުން ހުށަހެޅި ލިޔުންތައް ފުރިހަމަނުވާތީ އެ ބިޑްތައް ބާތިލްކޮށް، ފްލެކްސްއިންކް ކުންފުންޏާ އެ މަޝްރޫއު ހަވާލުކުރީ ލިޔެކިޔުންތައް އިވެލުއޭޓްކޮށް ބިޑް ކޮމިޓީގެ ނިންމުމާ އެއްގޮތަށެވެ.

ޕްރޮޖެކްޓު ކާމިޔާބުވިކަމުގެ ލިޔުން މި މަހުގެ ހަތް ވަނަ ދުވަހު ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު، 50 އަހަރަށް ކުއްޔަށް ދިނުމުގެ މަސައްކަތުގެ އެގްރިމެންޓުގައި ސޮއިކުރާނީ، އެ ކުންފުނިން 500،000 ޑޮލަރު (ހަތް މިލިއަން ރުފިޔާ) ގެ އިކުއިޒިޝަން ކޮސްޓް ދެއްކުމުންނެވެ.

ބިޑް އެވޯޑުކުރާތާ 60 ދުވަހުގެ ތެރޭގައި ފްލެސްކްއިންކުން ދިއްގަރު ކައުންސިލަށް އެ އަގު ދައްކަންޖެހެ އެވެ. އޭގެ ފަހުން އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ރިސޯޓު ތަރައްގީކުރުމަށް 30 މަސް ދުވަސް ދޭނެ އެވެ.

ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން "މިހާރު" އަށް ވިދާޅުވީ ލޯންޗެއްގައި 10 މިނެޓުން ދެވޭ ފުންފަރުފަޅުގައި ޓޫރިޒަމް ތަރައްގީކުރާނީ 10 ހެކްޓަރުގެ ސަރަހައްދެއް ވެސް ހިއްކައިގެން ކަމަށެވެ. ބިޑް ހުށަހަޅާފައިވަނީ 150 ކޮޓަރި ހަދަން ކަމަށާއި އެ މަޝްރޫއު ނިމުމުން އެ ރަށަށް އެތައް ގޮތަކުން ފައިދާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން ކުލީގެ ގޮތުގައި ހުށަހަޅާފައިވަނީ އަކަމީޓަރަކަށް އަހަރަކަށް 8 ޑޮލަރެވެ. އިންޓަގްރޭޓެޑް ޓޫރިޒަމާއެކު ކުލީގެ ގޮތުގައި އަހަރަކު 12.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ނިޝާން ވިދާޅުވި އެވެ.

އެ ރަށަށް އާމްދަނީގެ ގޮތުގައި މިހާރު ލިބެނީ އަށް ލައްކަ ރުފިޔާ އެވެ.

ނިޝާން ވިދާޅުވީ ކައުންސިލްގެ އާމްދަނީ އިތުރުވުމުން ދައުލަތުން ދޭ އެހީއަށް ބަރޯސާވުން ކުޑަކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން، ރައްޔިތުންގެ މަންފާއިން ތަރައްގީގެ ގިނަ ޕްރޮޖެކްޓުތަކެއް ހިންގުމަށް ކައުންސިލަށް ވަރަށް ބޮޑު މާލީ އެހީތެރިކަމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ރަށާ ދުރުގައި ވަޒީފާ އަދާކުރަމުން އަންނަ ޒުވާނުންނަށް ވެސް އާއިލާ ކައިރީގައި ތިބެގެން އާމްދަނީ ހޯދޭނެ މަގު ފަހިވާނެ ކަމަށް ކަމަށް ދިއްގަރު ކައުންސިލުން ބުންޏެވެ.

"ރަށާއި ކައިރީގައި ޓޫރިޒަމް ތަރައްގީވުމަކީ ރަށުގެ ޒުވާނުންގެ ތެރެއިން އާއިލާ އާއި ދުރުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ޒުވާނުންނަށް ވަޒީފާ އަދާކުރަމުން ފަސޭހައިން އާއިލާއާ އެކު ވަގުތު ހޭދަކުރުމަށް ހުޅުވާލެވޭ ތަނަވަސް މަގެއް. އަދި ރަށުގެ ވިޔަފާރިތަކާއި މަސައްކަތްތެރިންނަށް އެ މީހުންގެ ވިޔަފާރި އާއި މަސައްކަތްތަކުގެ ނަފާ އިތުރުކުރުމަށް ހުޅުވާލާ ދޮރެއް." އެ ކައުންސިލުން ބުންޏެވެ.

ރަށުގައި ހުރެގެން އާމްދަނީ ހޯދުމަށް މި ސަރުކާރުން "ހޯމް ސްޓޭ" ގެ ނަމުގައި ލޯކަލް ޓޫރިޒަމް ފެށީ ވެސް ދިއްގަރުންނެވެ. އެކަމަކު، އެކަން ވަޔަކު ނުހިފި އެވެ.

ނިޝާން ވިދާޅުވީ ހޯމް ސްޓޭގައި ގޮންޖެހުން ދިމާވީ އެ މީހުން އަމިއްލައަށް އިސްތިހާރުކޮށް، ހުރިހާ ކަމެއް ކުރަންޖެހުމުން ކަމަށެވެ. ނަމަވެސް، ފުންފަރުފަޅު ކައިރީގައި އިންނަ ޑައިވިން ސްޕޮޓްތަކާއި އެ ރަށް އިސްތިހާރުކުރުމުގެ ކަންކަން ހަރުދަނާވާނެތީ ދިއްގަރު ކައިރީގައި ޓޫރިޒަމް ހިނގައިގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފްލެކްސްއިންކް ކުންފުނިން ވަނީ ދިއްގަރު ފަޅުތެރޭގައި އެ ރަށުގެ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ތަރައްގީކޮށްދިނުމަށް ވައުދުވެފަ އެވެ.

މ. އަތޮޅުގައި މި ވަގުތު ދެ ރިސޯޓެއް ހިންގަ އެވެ. އެއީ، ރަތްމަންދޫ ކައިރީގައި ހިންގާ މަޑިފުށި ރިސޯޓާއި ހަކުރާހުރާ އެވެ.